ސަލްމާ ރަޝީދަކީ ގައުމަށް ހުރި ހުތުރެއް: ރޮޒޭނާ

އިސްރާއީލުން އީރާނާއި، ފަލަސްތީނު އަދި ލުބުނާނުގައި ހިންގަމުންދާ ބައިނަލްއަގުވާމީ ޖަރީމާތައް ކުށްވެރިކުރުމެއް ނެތި، ދިވެހިރާއްޖޭގެ ނަމުގައި ސަލްމާ ރަޝީދު ދެއްކެވި ވާހަކަތަކަކީ ދިވެހި ރައްޔިތުންގެ މޫނުމަތީގައި ޖެހި ވަރަށް ބޮޑު އެތިފަހަރެއްކަމަށް އެމްޑީޕީ އަންހެނުންގެ ރޫހު ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. ރޮޒައިނާ ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ނަމުގައި ސަލްމާ ރަޝީދު ދެއްކެވި ވާހަކަތަކާ މެދު އިންތިހާއަށް ލަދުގަނެއެވެ. 
ރޮޒޭނާ އާދަމް މިމޭރުމުން އެކްސްގައި ސަލްމާ ރަޝީދަށް ރައްދު ދެއްވީ އދ ގައި ހުންނަ މިޝަންގެ ފަރާތުން އެމެރިކާ އާއި އިޒްރޭލް އީރާނާދެކޮޅަށް ފަށައިގެން ކުރިއަށްގެންދާ ހަގުރާމައާ ގުޅޭގޮތުން އދ މަޖިލީހުގައި ރާއްޖެ ތަމްސީލުކުރުމުގެ ގޮތުން ސަލްމާރަޝީދު ދެއްކި ވާހަކަ ތަކާގުޅިގެންނެވެ.  
އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާ މެދު ދިވެހި ރައްޔިތުން ތިބީ ނުހަނު ރުޅިއައިސްފައި ކަމަށް ވިދާޅުވަމުން ރޮޒޭނާ ވިދާޅުވީ މިހާރު ހިނގަމުންދާ ހަނގުރާމައަކީ އިސްރާއީލާއި އެމެރިކާ އިސްވެ ތިބެ ފެށި ހަނގުރާމައެއް ކަމަށެވެ. އިސްރާއީލުން ހިންގާ ލޭއޮހޮރުވުންތަކަށް ބެލުމެއްނެތި، ރޮޒޭނާ ވިދާޅުވި ގޮތުގައި ހަމައެކަނި އީރާން ކުށްވެރިކުރުމުން ދޭހަވަނީ، ސަލްމާ ރަޝީދަކީވެސް މި ގަތުލުއާންމުގައި ބައިވެރިވާ މީހެއް ކަމެވެ.
އަދިވެސް ރޮޒޭނާ އާދަމް ވިދާޅުވިއެވެ. "ސަލްމާ ރަޝީދެވެ، އީރާނުގައި 169 ކުޑަ އަންހެން ކުދިން މަރާލެވުނުކަން ތިބާއަށް އެނގިލައްވާތޯއެވެ؟ އަންހެނަކަށް ވެ ހުރެ، ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫ މަރާލި އެތައް މައުސޫމް ފުރާނައެއްގެ މަތިން ހަނދާން ނައްތާލައި، އެއްކޮޅަށް ޖެހިފައިވާ ބަޔާނެއް ދެއްވުމަށްފަހު، ރޭގަނޑު ހަމަނިދި ލިބިވަޑައިގަންނަވަނީ ކިހިނެއްތޯއެވެ؟
އިސްރާއީލުން ލުބުނާނުގެ އާންމު ރައްޔިތުން މަރައި، އެމީހުންގެ ގެދޮރުން ނެރެ މަގުމަތިކުރަމުންދާކަން ތިބާއަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ އިސްރާއީލުން ގައްޒާގެ 75000 އަށްވުރެ ގިނަ އާންމުން ޝަހީދުކޮށްލާފައިވާކަން އެނގިވަޑައިނުގަންނަވަނީތޯއެވެ؟ މުސްލިމް ގައުމެއްގެ ވެރިއަކު، އެމަނިކުފާނުގެ އާއިލާއާއެކު އަމިއްލަ ގޭގައި ހުންނަވަނިކޮށް އަވަހާރަކޮށްލިކަން ތިބާއަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟" ރޮޒޭނާ ވިދާޅުވިއެވެ. 
ރޮޒައިނާ އިހުތިޖާޖުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިތުރަށް ވެސް ވިދާޅުވިއެވެ. "ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) އިން 21 ނޮވެމްބަރު 2024 ގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާކަން ތިބާއަށް އެނގިވަޑައިނުގަންނަވަނީތޯއެވެ؟ އޭނާއަކީ ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާ މީހެއް ކަމަށާއި، އޭގެ ތެރޭގައި ގައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމާއި މީހުން މެރުން ހިމެނޭކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އޭނާއަކީ ފިލައިގެން އުޅޭ ކުށްވެރިއެއްގެ ގޮތުގައި ބެލެވޭއިރު، އައި.ސީ.ސީގެ މެންބަރު 128 ގައުމަކަށް އޭނާ ވަދެއްޖެނަމަ ހައްޔަރުކުރުން ލާޒިމުވެއެވެ."
ރޮޒަިނާ އެދިވަޑައިގަތީ ސަލްމާ ރަޝީދު ދިވެހި ރައްޔިތުންގެ ނަމުގައި ދުވަހަކުވެސް ވާހަކަ ނުދެއްކެވުމަށެވެ. ދިވެހި ރައްޔިތުންގެ ފަރާތުން ވާހަކަދެއްކުމުގެ އެއްވެސް ހައްގެއް ސަލަމާއަށް ލިބިގެންނެއް ނުވާކަމަށާއި ސަލްމާ ރަޝީދުގެ އެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ،
ދިވެހިރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި އެމެރިކާ ފަދަ ގައުމުތަކުގެ އާންމު ރައްޔިތުންނާ މެދު ނަފުރަތެއް ނެތް ނަމަވެސް، ގައުމެއްގެ އިސްވެރިން ނުބައި އަމަލުތަކެއް ކުރަމުންދާ ނަމަ، އެކަންކަމާ ދެކޮޅަށް ފާޅުގައި ބަސްބުނުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި ހުންނަންވާނެ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ނަސްލު ނައްތާލުމުގެ ލާއިންސާނީ ޖަރީމާތަކާއި، ވަކި ނަސްލެއް ނައްތާލުމަށް ބާރުއަޅައި ހިންގާ ހުތުރު އަމަލުތަކާ ދެކޮޅަށް އަޑުއުފުލަން ޖެހޭކަމަށް ވެސް ރޮޒޭނާ ވިދާޅުވިއެވެ.
ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫއަކީ އެބައިމީހުންގެ ގައުމުގެ ރައްޔިތުންނަށް ހުރި ލަދަކަށްވީފަދައިން، ސަލްމާ ރަޝީދަކީ މި ގައުމަށް ހުރި ހުތުރެއްކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ