މީހުން ދައްކާ ވާހަކަތަކުގެ މަފްހޫމް ގެއްލޭ ގޮތަށް ހަބަރުތައް ނުފެތުރުމަށާއި ފޭކް ފޮޓޯ ނުވަތަ ވީޑިއޯ ނަފްރަތު އުފެއްދުމުގެ ކޮންޓެންޓަށް ބޭނުން ނުކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ނޫސްވެރިންނަށް ރޭ އަންގައިފި އެވެ.
ވީ ކިހިނެއް؟ - އެ ކޮމިޝަނުން މިގޮތަށް އެންގީ، ރައިސް މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އީރާންއަށް ނިސްބަތްކޮށް ދެއްކެވި ވާހަކަފުޅުތައް ބައެއް މީޑިއާތަކުން މާނަ އޮޅޭ ގޮތަށް ރިޕޯޓު ކުރި ކަމަށް ބުނެ، އެ މައްސަލަ ބަލަން ސަރުކާރަށް ތާއީދު ކުރާ ބައެއް އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ގޮވާލާފައި ވަނިކޮށެވެ. ކޮމިޝަނުންގެ ބަޔާނުގައި އެފަދަ ބަޔާނެއް ނެރެން ޖެހުނު ސަބަބެއް އަދި ވަކި މީޑިއާއެއްގެ ނުވަތަ ވަކި މީހަކަށް ނިސްބަތްވާކަން ފާހަގަކޮށްފައެއްނުވެ އެވެ.
ތަފްސީލު - އިނގިރޭސި އަދި ދިވެހި ބަހުން ނެރުނު ބަޔާނުގައި ބުނީ، އެ ކޮމިޝަންގެ ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ 'ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު'އާ އެއްގޮތަށް ޒިންމާދާރުކަމާ އެކު ހަބަރާއި މައުލޫމާތު ފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ވަކިން ހާއްސަކޮށް، ދުނިޔެ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަޑައްތުކުރަމުން ގެންދާ މި ހައްސާސް ދަނޑިވަޅުގައި މީޑިއާތަކުން މިފަދަ ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި" އެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރުމަށް ހަނދާން ކޮށްދޭ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މި ދަނޑިވަޅުގައި އެފަދަ ހަބަރާއި މައުލޫމާތު ގެނެސްދިނުމުގައި ސުލޫކީ މިންގަނޑުގައި ބަޔާން ކުރާ ތިން މާއްދާއަކަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ. އެއީ:
5 ވަނަ މާއްދާ: ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން
6 ވަނަ މާއްދާގެ (ކ): ފެކްޗުއަލް ޕުރޮގްރާމުތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓު ހިމެނުމުގައި އެ ފަރާތްތަކުން ދެއްކި ވާހަކައިގެ މަފުހޫމު ނުގެއްލޭ ގޮތަށް ގެނެސްދިނުން
14 ވަނަ މާއްދާގެ (ރ): އަސްލާ އެއްގޮތް މެނިޕިއުލޭޓް ކޮށްފައިވާ އަދި ފެބްރިކޭޓް ކޮށްފައިވާ ފޮޓޯ އާއި އޯޑިއޯ/ވީޑިއޯ ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ބޭނުން ނުކުރުން
"މި މާއްދާތަކުގައި ބަޔާންކުރާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވައި މީޑިއާތަކުން އެ ފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާ އެކު އަދާކުރުމަށް މީޑިއާތަކުގެ ބެލެނިވެރިފަރާތުގެ ހައިސިއްޔަތުން މި ދަނޑިވަޅުގައި ދިވެހި އެންމެހާ ނޫސްވެރިންނަށް ހަނދާންކޮށްދެމެވެ،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
މަފްހޫމު ގެއްލޭ ގޮތަށް އަދި ނަފްރަތު ކޮންޓެންޓް ނުފަތުރަން ކޮންޓްރޯލް ކޮމިޝަނުން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ