ރާއްޖޭގައި ތިބީ ނަމުން މަންޑޭލާ ހެދިގެން އުޅުއްވާ ބޭފުޅުން - ޑރ.ޝަހީދު

ރާއްޖޭގައި ތިބީ ނަމުން މަންޑޭލާ ހެދިގެން އުޅުއްވާ ބޭފުޅުން ކަމަށް ވިދާޅުވެ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް ޞާލިހް ވެރިކަމަށް ގެންނަން ފާޅުގައި ތާއިދު ކުރެއްވި ޑރ.ޝަހީދު ފަހަކަށް އައިސް އަންނަނީ ރައީސް ޞާލިހްގެ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
ބ.އަތޮޅު ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަށް ކަރަންޓާއި ފެން ކަނޑާލި މައްސަލަ އާއި ގުޅިގެން މީހަކު ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ޑރ.ޝަހީދު ވިދާޅުވީ "ސަރުކާރުގައި ހައްތަހާވެސް ތިއްބެވީ ނަމުން މަންޑޭލާ ހެދިގެން އުޅުއްވާ ބޭފުޅުން" ކަމަށާއި ނަމަވެސް ރާއްޖޭގައި ހިނގަމުން ދަނީ އެޕަތެއިޑްގެ ސިފަތައް ފެންނަމުންދާ ވެރިކަމެއް ކަމަށެވެ.
އެޕަތެއިޑްގެ ސިފަތަކަކީ ދެކުނު އެފްރިކާގައި ދޮން މީހުން ނޫން މީހުންނާއި މެދު ނަސްލީ ތަފާތު ކުރުންތައް ގެންގުޅުނު ނިޒާމަށް ކިޔައި އުޅޭ ނަމެކެވެ.
ރައީސް ޞާލިހްގެ ސަރުކާރުން ބިދޭސީ މަސައްކަތްތެރިންނާއި މެދު އަމަލުތައް ކުރަމުން ގެންދާ ގުޅޭ ގޮތުން ހިއުމަން ރައިޓް ވޮޗް އިން ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ބިދޭސީންގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތައް ނުރައްކާ ވެއްޖެކަމަށް ދިވެހި ސަރުކާރުގެ ވެރިން ވިދާޅުވަނީ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލު ކުރުމުގައި ދިވެހި ސަރުކާރުގެ ވެރިން އިހުމާލުވެފައި ވާތީ އާއި ދިވެހި ސަރުކާރުގެ ނާގާބިލްކަން ފޮރުވަން ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ވަނީ ބުނެފިއެވެ.
ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރ ޕެޓްރީސިއާ ގޮސްމަން ދާދިފަހުން ވިދާޅުވެފައި ވަނީ ބިދޭސީ މަސައްކަތްތެރިން ހައްޔަރު ކުރުމުގެ ބަދަލުގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ މައްސަލަތައް ދިވެހި ސަރުކާރުން ހައްލު ކޮށްދޭން ޖެހޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ