އެޗްޑީސީން ހުޅުމާލޭގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފި

ހުޅުމާލޭގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފިއެވެ. އެޗްޑީސީން ބުނީ، ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހަދަން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރަން ވިނަރެސް ފުލެޓުތަކުގެ ނުވަވަނަ ޓަވަރުގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމުކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ ހުޅުމާލޭގައި ބޮޑު އާބާދީއެއް ދިރިއުޅޭ ހިޔާ ފުލެޓުތަކުގެ ބޭރުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް ވެސް ކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އެ ކުންފުނިން މިދިޔަ ހަފުތާގައި ވަނީ ހުޅުމާލޭގެ ސެކިއުރިޓީ ވަރުގަދަކުރަން އެސްޓޭޓް ސެކިއުރިޓީ ސާވިސްގެ ނަމުގައި ޚިދުމަތެއް އިފުތިތާހުކޮށްފައެވެ. އެ ޚިދުމަތުގެ ދަށުން ހުޅުމާލޭގެ ސަލާމަތީ ކަންކަން ހަރުދަނާކުރަން މަސައްކަތްކުރާނީ އެ ކުންފުނީގެ މުވައްޒަފުންނެވެ. https://x.com/hdcmaldives/status/2001678502781948102 އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މުދަލާއި، އަމިއްލަ ފަރުދުންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިކުރުން ކަމަށް އެޗްޑީސީން އޭރު ބުންޏެވެ. އެ ކުންފުނިން ބުނީ މި ޕްރޮގްރާމްގެ ދަށުން ސެކިއުރިޓީންނަށް ކަމާގުޅޭ ތަމްރީނުދީ، ޕްރޮފެޝަނަލްކޮށް މި މަސައްކަތް ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ދޭނެ ކަމަށެވެ. މީގެ އިތުރުން އެސްޓޭޓް ސެކިޔުރިޓީގެ ސާވިސަސްގެ ދަށުން ޓެކްނޮލޮޖީގެ އެހީގައި ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމާ އެކު އެ ތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރިކަން އިތުރުވާނެކަމަށް ބުންޏެވެ. މިއީ ހުޅުމާލޭގެ އަމާންކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ