ޤަބޫލުކުރަން ބޭނުންވިނަމަވެސް ޙަޤީޤަތަކީ މުސްކުޅިވެގެންވެސް ބަލިޙާލެއްގަ އުޅެންޖެހުމުންވެސް ރަންކުރިދަރިންނަށްވުރެ ބޮޑަށް އަޅާލައި އެހީތެރިވަނީ ގުއިކުރިދަރިންކަން!

ކުޑައިރު އުޅެވޭ ގޮތަކުން ނަމަވެސް ސިފަ ހުތުރުވެގެންނަމަވެސް އަދި އެހެން ގޮތަކުން ނަމަވެސް އަޅައިވެސް ނުލައި ދޫކޮށްލާފައިވާ ދަރިންނަށް ބަލާށެވެ. ދަރިންގެ މެދުގައި ތަފާތުކޮށް ނިކަމެތިކުރި ދަރިންނަށް ބަލާށެވެ! 
މައިންބަފައިން މުސްކުޅިވުމުން ނުވަތަ ބަލިޙާލެއްގައި އުޅެންޖެހުމުން ނަމަވެސް ނިކަމެތި ޙާލުގައި އުޅެންޖެހޭ ޖެހޭދުވަހު މައިންބަފައިންނަށް އެންމެ ބޮޑަށް އެހީތެރިވެދެނީ އެފަދަ ދަރިންކަމުގައި ވެފައިވަނީ މަދަކުން ނޫނެވެ.  
މައިންބަފައިންގެ ބަސްޤަބޫލުނުކުރެވުނު ކުދިންނަށް އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ އެކުދިންގެ ހިތް ބަދަލުވުމެވެ. ކުރިން އުޅެވުނީ ރަނގަޅަށް ނޫންކަން ޤަބޫލުކުރެވި އިޞްލާޙްވާކަމެވެ. ދަރިއަކަށް ކުރެވޭ ކުށަކާއި ގުޅިގެން ބާކީކޮށް ދޫކޮށްނުލަންވީ ސަބަބަކީ އެއީއެވެ.  
މިބުނި ފަދަ ދަރިންނާއިމެދު ފަޚުރުވެރިވާންވެސް ޖެހޭނެއެވެ. ސަބަބަކީ އެކުދިން އެވަނީ އެކުދިންގެ ކުށް ޤަބޫލުކޮށްފައެވެ. އެކުދިން ދުރުކޮށްލީ، ނުވަތަ އަޅައިވެސް ނުލައި ދޫކޮށްލީ އެކުދިންނަށް ކުރެވުނު ކުށުގެ ސަބަބުންކަން އެކުދިން އެވަނީ ޤަބޫލުކޮށްފައެވެ.  
މީގެ އިތުރުންވެސް ވިސްނާލުން މުހިންމު ކަމެއް އެބައޮތެވެ. އެއީ ކުރަން ކިތަންމެ ގޯސްކަމެއް ނަމަވެސް ދަރިންގެ އެއްވެސް ކުށެއް ނެތިވެސް ބައެއް މައިންބަފައިން "ގުއިދަރި"ވެގެންވެސް ދަރިން ދޫކޮށްލައެވެ. ޢާއިލާއިން ބާކީކޮށްލައެވެ. ހިތުގައި ޖައްސައި ނިކަމެތިކޮށްލައެވެ.  
އެފަދައިން ދޫކޮށްލާ ކުދިންވެސް މައިންބަފައިން މުސްކުޅިވެ ބަލިކަށިވާ ދުވަހު މައިންބަފައިންނަށް ހެޔޮކޮށް ހިތައެވެ. ރަންދަރިންނަށްވުރެ ބޮޑަށް އަޅާލައި އެހީތެރިވެދެއެވެ. އެދުވަހު މައިންބަފައިންނަށް ތިބެންޖެހެނީ އެދަރިންނަށް ކުރިން ކަންކަން ކުރެވުނު ގޮތާއިމެދު ދެރަވެފައެވެ. ލަދުގެންފައެވެ.  
ބުނެލަން ބޭނުންވަނީ ދަރިން ގުއިދަރިކުރުމުގެ ޘަޤާފަތް ދޫކޮށްލަން އެބަޖެހެއެވެ. އެއީ ހަމައެކަނި މުސްކުޅިވާ ދުވަހު އެދަރިންގެ އެހީތެރިކަން ހޯދުމަކަށް ނޫނެވެ. އެއީ ކުރެވޭ ބޮޑު ފާފައަކަށްވާތީއެވެ. ދަރިންގެ މެދުގައި ކުރެވޭ ބޭއިންޞާފަކަށްވާތީއެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެތީއެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
ތަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ