ވައުދުވި ގޮތަށް ހިޔާގެ ކުލި ކުޑަކޮށްދޭނަން: ރައީސް

ރިޔާސީ ކެމްެޕެއިން ތެރޭ ވައުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރާނެ ކަމަށް ރައީސް މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. 
އެނގުން މުހިންމު- ރައީސްގެ ރިޔާސީ ވައުދަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާގެ ކުލީގެ ގޮތުގައި ކަނޑައެޅި އަގު ކަމުގައިވާ 5،600ރ.އަށް ހެދުމެވެ. ރައީސް މުއިއްޒު ވެރިމަކަމަށް ވަޑައިގެން ޑިސެމްބަރު 2023އިން ފެށިގެން ކުރިއަށް އޮތް ހަތް އަހަރަށް ހިޔާގެ ކުލި 3،984 އަކަށް ކުޑަކޮށްދީފައިވެ އެވެ. އެ މުއްދަތުގެ ފަހުން ދައްކާނެ އަދަދެއް ސީދާ ސާފެއް ނޫނެވެ.
ވީ ކިހިނެއް؟ -  ހިޔާގެ ކުއްޔާ ގުޅޭގޮތުން ރައީސް މުއިއްޒު ވާހަކަ ދެއްކެވީ، މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެކު ބާއްވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވި ބައްދަލުވުމުގަ އެވެ.
ސަލާހުއްދީން ސްކޫޅްގައި ބޭއްވި އެ ބައްދަލުވުމުގައި ހިޔާގެ ބައެއް ރަށްވެހިން ވަނީ ކުލި ބޮޑު ކަމުގެ ޝަކުވާކޮށްފަ އެވެ. އަދި މިހާރު ކުލި ކުޑަކޮށްފައިވާ ގޮތުން ހަތް އަހަރު ފަހުން ކުލި ބޮޑުވާތީވެ އެކަން ފާހަގަކޮށްފައިވެ އެވެ.
ބުނީ ކީކޭ؟ - "[ހިޔާގެ] ކުލީގެ ގޮތުގައި ދެއްކެވި ވާހަކަތަކަށް އަޅުގަނޑު ވަރަށް ސީރިއަސް ގޮތެއްގައި ބަލާނަން. ކޮންމެ މަހަކު ވެސް އަޅުގަނޑު ވައުދުވެފައިވާ ވަރަށ [ކުލި] ދެއްކޭނެ ގޮތަށް އެގްރިމަންޓް ބަދަލުކޮށްދޭނަން. މިހާރު އޮތީ ތިޔަ ވިދާޅުވި ގޮތަށް ހަތް އަހަރަށް ދިޔައިމަ ބޮޑުވާ ގޮތަށް. އެ ނިޒާމު [ނުވަތަ] އެ ސިސްޓަމް ކަމަކު ނުދޭ،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ތެރޭ ހިޔާގެ ރަށްވެހިންނަށް ރައީސް ވެވަޑައިގެންނެވި އަނެއް ވައުދަކީ، އެތަނުގެ ނިންމުމުގެ މަސައްކަތަށް އެމީހުންގެ އަތުން ދިޔަ ހަރަދުން 200،000ރ. އެމަނިކުފާނުގެ ސަރުކާރުގައި ދޭނެ ކަމަށް ވިދާޅުވުމެވެ.
"އަޅުގަނޑުމެން ކަން ކުރާނެ ގޮތަކީ، އެވްރެޖްގޮތެއްގައި އެ ދިޔަ ހަރަދަށް ބަލާފައި، އޮރިޖިނަލީ ޕްލޭން ކުރި ގޮތަށް [ޔާމީންގެ ސަރުކާރުގައި ނިންމި ގޮތަށް] އާބަންކޯ އިން ބެއާ ކުރާ ގޮތަށް [ފައިސާ ދައްކާ ގޮތަށް]، މި ކުރެވުނު ހަރަދު އެވްރެޖްކޮށްފައި އަނބުރާ [ފްލެޓް ވެެރިންނަށް] ދައްކާ ގޮތަށް ހަދާނަން،" 12 ސެޕްޓެމްބަރު 2023ގައި ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓުް ވިދާޅުވި އެވެ.
އެ ވައުދު ފުއްްދުމަށްޓަކައި ސަރުކާރުން ވަނީ ހިޔާގެ ޖުމްލަ އަގުން 100،000ރ. އުނިކޮށްފަ އެވެ. އަދި ބާކީ ބައި ހަމަޖެއްސީ، އޭރު ކުލީގެ ގޮތުގައި ދައްކަމުން އައީ 5،300ރ. އަދި 3،984.21ރ. އަށް ކުރިއަށް އޮތް ހަތް އަހަރަށް ހެދުމަށެވެ. 
ރޭގެ ބައްދަލުވުމުގައި ހިޔާލުފާޅު ކުރި އެކަކު ބުނި ގޮތުގައި ފިނިޝިންއަށް ދިޔަ200،000ރ. ދޭނެ ކަމަށް ރައީސް ވެވަޑައިގެން ވައުދު ފުުއްދުމަށްޓަކައި، އެ އަދަދު މިހާރު ކުލި ނުއްދަކާ އޮތް ފަރާތްތަކުގެ ބެކްލޮގުން މައާފްކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެކަމަށް އެދި 2،500 މީހުންގެ ޕެޓިޝަނެއްވެސް އެ ބައްދަލުވުމުގައި ރައީސްއާ ހަވާލު ކުރާނެ ކަމަށް ވިދާޅުވި އެވެ.
"200،000ރ. އަޅުގަނޑު ދެންނެވި ގޮތަށް އުނިކުރުމަށް ކުރެވެން ހުރި ކަންކަން ކުރާނަން. [އަދި] ތިޔަ ބޭފުޅުންގެ ތެރޭގައި ކުލި ނުދެއްކި ބެކްލޮގް ބޮޑު ބައެއް އަރާފައި އޮތީމަ އެކަން ބަލަން އަޅުގަނޑު މިހާރު ހާވާލުކޮށްފިން. އެ މައުލޫމާތު ލިބުނީމަ، އަޅުގަނޑު ބަލާނަން އޭގައި ކުރިއަށް ދޭވެނެ ގޮތަކީ ކޮބާތޯ؟ ގައިމު ވެސް 200،000ރ. ކަންތައް އެއީ އަޅުގަނޑު ދެންނެވި ގޮތަށް ހައްލުވާނެ ކަމެއް،" މީހުންނާ ސަލާމް ކުރެއްވުމާ އެކު ހަ ގަޑިއެއްހާ އިރަށް ދިގު ދެމިގެން ދިޔަ އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ބައެއް އެހެން ކަންކަން:
ދެވަނަ ފިޔަވަހީގައި ތިން ޕާކިން ބިލްޑިން ހެދުމަށް މިހާރުވަނީ ހަވާލުކޮށްފައި، ތިން މަސް ތެރޭ މަސައްކަތް ފަށާނެ
ހިޔާގެ ފްލެޓްތަކުގައި ލިފްޓް ހަރުމުގެ މަސައްކަތް އެޕްރީލް މަހުގެ ނިޔަލަށް އެއްކޮށް ނިންމޭނެ
ހިޔާގެ އެއްބަސްވުންތަކަށް ބަދަލު ގެންނައިރު، ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނަން
ފްލެތްތަކުގެ ކޯޕަރޭޓް ސޮސައިޓީތައް އުފެއްދުމުގެ މަސައްކަތް އަވަސްކޮށްދޭނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ