ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ 4 ސައިކަލު ވިއްކަން ފުލުހުން އިއުލާނުކޮށްފި
ބ. އޭދަފުށި ޕޮލިސް ސްޓޭޝަންތަކުގައި ބޭނުންކުރި, މިހާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އަދި ރަޖިސްޓްރީ ބާތިލުކޮށްފައިވާ ހަތަރު ސައިކަލު ނީލަމުގައި ވިއްކާލަން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ. ފުލުހުން ވިއްކަން އިއުލާނުކޮށްފައިވާ ބޭނުން ނުކުރެވޭ ހަތަރު ސައިކަލްގެ ތެރެއިން ޖިއަންޝީ ބްރޭންޑުގެ ސައިކަލް ވިއްކާ އެންމެ ކުޑަ އަގަކީ 9,758.89 ރުފިޔާއެވެ. އަދި، ޗިންގްޗީ ބްރޭންޑްގެ ސައިކަލް ވިއްކާ އެންމެ ކުޑަ އަގަކީ 8,485.33 ރުފިޔާއެވެ. އަދި ހަލާކުވެފައިވާ ދެ ބެޓެރި ސުކޫޓަރު ވިއްކާ އެންމެ ދަށް އަގަކީ 6,000 ރުފިޔާއެވެ. ފުލުހުން ބުނީ, ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، މި މަހުގެ 28 ވަނަ ދުވަހުގެ 11:00 ކަމަށެވެ. ނީލަންކިޔާ ތަކެތި ދައްކާލުން އަދި ނީލަން ކިއުން އޮންނާނީ، މި މަހުގެ 29 ވަނަ ދުވަހު 10:00 ގައި އޭދަފުށި ޕޮލިސް ސްޓޭޝަންގައި ކަމަށް ފުލުހުން ބުންޏެވެ. މި ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުން ކަމަށް ވެސް ފުލުހުން ބުންޏެވެ. މިފަދަ ނީލަންތައް ކިޔުމަކީ އުސޫލަށް އަމަލުކުރަން ވެގެން ކުރާ ކަމެކެވެ. މާލިއްޔަތު ގަވާއިދުގައި ވާގޮތުން ބާވެ، ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތް މުދާ ނީލަމުގައި ވިއްކާލުމާއި، ނައްތާލުމާއި، އުކައިލުމުގެ ފުރުސަތު ދައުލަތުގެ އިދާރާތަކަށް ލިބިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ