މާފުށީގައި މިރޭ 3 މިނެޓަށް ހަވާ އަރުވަނީ
ކ. މާފުށީގައި މިރޭ ތިން މިނެޓަށް ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ. އެމްއެންޑީއެފުން ބުނީ، މާފުށީގައި ހަވާ އަރުވަން ހަމަޖެހިފައި ވަނީ މިރޭ 21:30 ގައި ކަަމަށެވެ. ތިން މިނެޓަށް އެ ހަވާ އަރުވަނީ ވިޔަފާރި އުސޫލުން އަމިއްލަ އިވެންޓަކަށް, ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިއީ ސީދާ ކޮން މުނާސަބަތަކާ ގުޅިގެން އަރުވާ ހަވާއެއް ކަމެއް ނޭނގެއެވެ. ހަވާ ބެލުމަކީ ކުޑަކުދިން ހިމެނޭ ގޮތަށް ވަރަށް ގިނަ ބަޔަކު ލޯބިކުރާ ކަމެކެވެ. އަދި، މިއަދަކީ ހަފުތާ ބަންދު ދުވަހަކަށް ވާތީ ގިނަ ބަޔަކަށް އެ އުފާ ހޯދުމުގެ ފުރުސަތު ފަހިވާނެއެވެ. މާފުއްޓަކީ އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރިކުރާ ރަށެވެ. އެ ރަށުގައި ގިނަ އަދަދެއްގެ މަތީ ފަންތީގެ ގެސްޓްހައުސް ހިންގާއިރު ގިނަ އަދަދެއްގެ ދިވެހީން ވެސް ހަފުތާ ބަންދާ ދިމާކޮށް އެ ރަށަށް ޒިޔާރަތްކުރެއެވެ. ސިފްކޯއިން ކަނޑައަޅާފައި ހުންނަ އަގުތަކެއް ދެއްކުމުން, އަމިއްލަ މީހުންގެ ހަފްލާތަކާއި ކުންފުނިތަކުގެ ހަފުލާތަކަށް ވެސް ސިފައިން ހަވާ އަރުވައިދެއެވެ. ރާއްޖޭގައި ހަވާ އެރުވުމުގެ ހުއްދަ އޮންނަނީ ސިފައިންނަށް އެކަނި ކަމަށްވާއިރު އެއީ ސިފައިންގެ ކުންފުނި ސިފްކޯއަށް ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ