ޖަލްސާއެއްގެ ޝަރަފުވެރި މެހެމާންގެ ލަގަބު 'ސްޓެލްކޯގެ ކަރަންޓަ'ށް ދިން ވާހަކަ ދުވަހަކު ވެސް އެހިން ހެއްޔެވެ؟ ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔަމީން އެ ޝަރަފު ސްޓެލްކޯގެ ކަރަންޓަށް އެ އޮތީ ދެއްވައިފަ އެވެ.
އަމިއްލަ ޕާޓީ ޕީއެންއެފްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ނެރޭ އިސްމާއިލް ޒަރިޔަންދަށް އެ ޝަރަފު ނުދެއްވައި، ކުރީ ރޭގެ ޖަލްސާގެ އެންމެ މަތީ މަގާމަށް ސްޓެލްކޯގެ ކަރަންޓް އެ ގެންނެވީ ކީއްވެގެން ހެއްޔެވެ؟
އެއީ ޔާމީންގެ ސަމާސާ ބަހުރުވައެކެވެ. މިދިއަ ބުރާސްފަތި ވިލޭރޭ އާޓިފިޝަލް ބީޗުގައި ބޭއްވި 'ރީސެޓް' ޖަލްސާގައި ވާހަކަފުޅު ފައްޓަވަމުން ކަރަންޓްގެ ވާހަކަ ގެންނެވީ ދެ މާނައިގަ އެވެ. އެމަނިކުފާނު އެ ވިދާޅުވީ ޖަލްސާއަށް ސްޓެލްކޯއިން ކަރަންޓް ނުދިނަސް، އަމިއްލަ ޖަނަރޭޓަރުގައި ކަރަންޓް ދީގެން، ޖަލްސާ ކުރިއަށް މި ގެންދަނީ އެވެ. އެހެންކަމުން ސްޓެލްކޯއަށް ސީދާ ފާޑު ވިދާޅުނުވެ އެ ކުރެއްވީ ރީތި މަލާމާތެކެވެ.
"ހުރިހާ ކަމެއް ރީސެޓްކުރަން ޖެހިފައި އޮތްކަން ފުރަތަމަ ވެސް ފެނިގެން ދިޔައީ މިރޭގެ މި ޖަލްސާގެ އެންމެ ޒީނަތްތެރިކަން ގެނެސްދެނީ އަޅުގަނޑުމެންގެ ޝަރަފްވެރި މެހެމާން އާދެ، ސްޓެލްކޯގެ ކަރަންޓް،" ޔާމީން ވިދާޅުވި އެވެ.
ރީސެޓް ޖަލްސާއަށް ކަރަންޓް ލިބޭނެ ކަމުގެ ޔަގީންކަން ނެތުމުން ޕީއެންއެފްއިން އެ ތަނުގައި ގެންގޮސް ބެހެއްޓީ ޖަނަރޭޓަރެކެވެ. އެ ޖަލްސާއަށް ކަރަންޓް ދެވޭތޯ ސްޓެލްކޯގެ މުވައްޒަފުން މަސައްކަތް ވެސް ކުރި އެވެ. ނަމަވެސް ކަރަންޓް އައިސް، އަނެއްކާ ކެނޑުން ފަދަ ކަންކަން ދިމާވުމުން ޖަލްސާ ކުރިއަށް ގެންދިޔައީ އަމިއްލަ ކަރަންޓްގަ އެވެ.
ޕީއެންއެފްއިން ބުނަމުން ދިޔައީ އެ ޖަލްސާއަށް ހުރަސްއަޅަން ސަރުކާރުން އަންގައިގެން ސްޓެލްކޯއިން ކަރަންޓް ނުދޭން އުޅޭ ކަމަށެވެ. އެ ކަންބޮޑުވުންތަކުގައި ސްޓެލްކޯގެ ކަރަންޓަށް އެ ޕާޓީން އިތުބާރެއް ނުކުރި އެވެ.
ޖަލްސާ ފެށިއިރު ފުރަތަމަ ގޮނޑި ބަރީގައި ބަހައްޓާފައި ހުރީ ފުޅި ބައްތިތަކެކެވެ.
ޔާމީންގެ ވާހަކަފުޅު ފައްޓަވަމުން ސަރުކާރު ރީސެޓް ކުރަން ޖެހޭ ކަމުގެ ފުރަތަމަ މިސާލަކަށް ސްޓެލްކޯގެ ކަރަންޓް ނެންގެވީ އެ އިހުސާސްތަކުގެ ތެރޭގަ އެވެ.
"އަޅުގަނޑުމެންނަށް ގަބޫލުުކުރެވެނީ ދިވެހިރާއްޖޭގައި، ހާއްސަކޮށް މާލޭ ސިޓީގައި ސިޔާސީ މަސައްކަތްކުރާ އިރު ވެރިންނަށް ތިބޭ މީހުންނާއި ސިޔާސީ ފަރާތްތަކުގެ ނާގާބިލްކަމާއި ނުކުޅެދުންތެރިކަން ހުންނަ މިންވަރު،" ޔާމީން ވިދާޅުވި އެވެ.
"އެ ހިސާބުން އަޅުގަނޑުމެން ވިސްނަން މި ޖެހެނީ ރީސެޓްކުރަން ޖެހޭކަން."
މިއީ އެރޭ އެމަނިކުފާނު ދެއްކެވި ސަމާސާގެ ހަމައެކަނި ވާހަކަފުޅެއް ނޫނެވެ. އޭގެ ފަހުން ވެސް ވާހަކަފުޅު ކުރިއަށް ގެންދެވީ މަޒާޖީ ގޮތުގަ އެވެ. ދެ މާނަ ހިމަނުއްވައިގެންނެވެ.
އެއް ކަމަކީ ޕީއެންއެފް އުފައްދަން ގިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާ އެވެ. އެކަމަކު 9 އެޕްރީލް 2024ގައި އެ ޖަލްސާ ބާއްވަން އެ ސްކޫލުން ދިން ހުއްދަ ފަހުން ބާތިލްކުރުމުން ފުލުހުން ގޮސް ސްކޫލް ގާޑުކޮށް، ޕީއެންއެފްގެ މީހުންނަށް ނުވަދެވޭ ގޮތް ހެދި އެވެ. ޕީއެންއެފްގެ ބައިވެރިން ދެން ޖަމާވީ ރާޅުގަނޑު ސަރަހައްދުގެ ސިޑިބަރިއަށެވެ. އެ ޖަލްސާ، ތަންކޮޅެއް އަނދިރީގައި ބާއްވައިގެން ނަމަވެސް، ޕީއެންއެފް އުފެއްދުން ރަސްމީކުރި އެވެ.
އެ ހާދިސާއަށް އިޝާރަތްކުރައްވާ ޔާމީން ވިދާޅުވީ "ޕީއެންއެފްއަކީ އަނދިރީގެ ތެރެއަށް މަންމަައެއް، ބައްޕަައެއް ނެތި ދޫކޮށްލާފައި އޮތް" ޕާޓީއެއް ކަމަށެވެ. ނަމަވެސް އެ ޕާޓީން އަންނަނީ، އުނދަގޫތަކާއި ގޮންޖެހުންތަކުގެ ތެރޭގައި ވެސް، ވަރަށް ހިތްވަރާ އެކު މަސައްކަތްކުރަމުން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިއަދުގެ ރައީސްއަކީ އަޅުގަނޑުމެންގެ ޕާޓީގެ މުޑުވަކުގެ ތެރެއިން ނުކުންނެވި ބޭފުޅެއް،" ރައީސް މުއިއްޒަށް އިޝާރަތްކުރައްވާ ޔާމީން ވިދާޅުވި އެވެ.
އޭގެ ފަހުން ދެން ހަނދާންކޮށްދެއްވީ ޕީއެންއެފްގެ އުފެއްދުމުގެ ޖަލްސާއަށް ހުރަސްއަޅަން ސަރުކާރުން ނޫޅޭނެ ކަމަށް އޭރު ބުނި ބުނުމަށެވެ.
"އެމަނިކުފާނު ވިދާޅުވި ތިމަން މަނިކުފާނަށް އެއިން އެއްވެސް ކަމެއް އެނގިވަޑައެއް ނުގަންނަވައޭ، ނޭނގުމުގެ ތެރޭގައި ހުންނެވީ. އެހެންވީމާ އެކަން ވެސް ރީސެޓްކުރަން މި ޖެހެނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ މަޒާޖީ ބަސްތައް އެހެން ދެ ކަމަކަށް ވެސް އަމާޒުކުރެއްވި އެވެ. އެއް ކަމަކީ އެ ވަގުތު ސޯޝަލް ސެންޓަރުގައި ރައީސް މުއިއްޒު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ އެކު ބާއްވަމުން ގެންދެވި ބައްދަލުވުމެވެ. އަނެއް ކަމަކީ ހުޅުމާލޭގައި އެވަގުތު އެރުވި ހަވަ އެވެ. އެއީ އަމިއްލަ މީހެއްގެ އިވެންޓެއްގައި އެރުވި ހަވައެކެވެ.
"ތޔަ ބޭފުޅުންނަށް މި ޖަލްސާ ނިންމާފައި ސޯޝަލް ސެންޓަރުގައި ފަރިއްކޮޅެއް އޮތް ވާހަކަ ވެސް ދަންނަވާލަން. އަދި އަަޅުގަނޑުމެން އަނދިރީގައި ވިހޭ ޕާޓީއަކަށް ވާތީ، ޕާޓީން މިވަރުގެ ޖަލްސާއެއް ބާއްވާތީ އަޅުގަނޑުމެން އެމްއެންޑީއެފްއަށް ދަންނަވާލި ދަންނަވާލުމަކަށް ހުޅުމާލޭގައި ހަވާގެ ކުޅިވަރުތައް ވެސް އެބަ ގެންދަވާ،" ޔާމީން ވިދާޅުވި އެވެ.
"އެހެންވެ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ އުފާތަކެއް ސަރުކާރުގެ ހުރިހާ ފަރާތަކަށް ހާއްސަކޮށް ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމާ އެކު ހާއްސަ ޑިރެކްޓިވްއާ އެކު ކޮށްދެއްވި މަސައްކަތެއްގެ ގޮތުގައި އަޅުގަނޑަށް ފެނިގެން މިދަނީ. އެހެންވެ އަޅުގަނޑުމެން ރައީސް މުއިއްޒަށް ޝުކުރު ދަންނަވަނީ. އެމްއެންޑީއެފަށް ޝުކުރު މިދަންނަވަނީ."
އެހާ ހިސާބަކުން ވެސް މަލާމާތުގެ ބަސްފުޅު ހުއްޓައެއް ނުލައްވަ އެވެ. އެމަނިކުފާނު ގަބޫލުފުޅުކުރެއްވީ އެ ޖަލްސާ ޕީއެންސީގެ އެތައް ބަޔަކު ވެސް ބަލާނެ ކަމަށެވެ. ހިތްހަމަނުޖެހުންތަކާ އެކުގަ އެވެ. ކަންބޮޑުވުން ވެސް އުފެދިދާނެ އެވެ. ނޫނީ ހާސްކަން ވެސް ކުރިމަތިވެދާނެ އެވެ. އެހެންވެ ބައެއް މީހުންނަށް ނުހިފެހެއްޓިގެން ފާހާނާއަށް ދާން ޖެހިދާނެ ކަމަށް އިޝާރަތްކުރެއްވި އެވެ.
"ޕީއެންސީގެ ބޭފުޅުން އަޅުގަނޑުމެންގެ ޖަލްސާ ބައްލަވާއިރު ހަމަަގައިމުވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ބޮޑު ގިފިލި ހިފެހެއްޓުމުގެ މައްސަލަތަކެއް ވެސް މިރޭގެ ޖަލްސާ ނިމިގެންދާ [އިރު] ފެނިގެންދާނެ،" ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ބައްދަލުވުމަށް ވުރެ ޔާމީންގެ ޖަލްސާ، ފޭސްބުކުން ބެލި މީހުން ގިނަ އެވެ. ރައީސްގެ އިވެންޓް، ޕީއެސްއެމް އާއި ޓީވީއެމުން ބަލަމުން ދިޔަ މީހުންގެ އަދަދު އުޅުނީ 200-300އާ ދެމެދުގަ އެވެ. އެކަމަކު ޗެނެލް 13ގެ އެފްބީ ޕޭޖުން "ރީސެޓް" ޖަލްސާ 2،700-3،000އާ ދެމެދު އަދަދެއްގެ ބަޔަކު، އެއް ވަގުތެއްގައި، ބަލަމުން ދިޔަ އެވެ.
ޔާމީންގެ ސަމާސާ ބަހުރުވަ: ޝަރަފުވެރި މެހެމާނަކީ ސްޓެލްކޯ ކަރަންޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ