ޒުވާނުންގެ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ބަންގްލަދޭޝްގައި ހަމަނުޖެހުންތަކެއް ހިންގައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ވެރިކަމުން ދުރުކުރުމަށް މަސައްކަތް ކުރެއްވި ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރެއް އަވަހާރަކޮށްލުމާ ގުޅިގެން އެ ގައުމުގައި ހަމަނުޖެހުންތަކެއް ހިންގައިފި އެވެ.
ޝާރިފް އުސްމާން ހާދީ މިދިޔަ ހަފްތާގައި ޑާކާގެ މިސްކިތަކުން ނުކުމެވަޑައިގަންނަވަނިކޮށް މާސްކު އަޅައިގެން ތިބި ބަޔަކު ވަނީ ބަޑިޖަހައިފަ އެވެ. އަދި ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އޭނާ ވަނީ އެ ޒަހަމުތަކާ ގުޅިގެން އަވަހާރަވެފަ އެވެ.
އޭނާގެ ގަޔަށް ބަޑި ޖަހާފައި މި ވަނީ 2024 ވަނަ އަހަރުގެ ބަގާވާތަށް ފަހު ފުރަތަމަ ފަހަރަށް އިންތިހާބު ބާއްވާނެ ތާރީހެއް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން އިއުލާން ކުރިތާ އެއް ދުވަސް ފަހުންނެވެ. އަދި އޭނާ އުޅުއްވީ ޕާޓީއަކާ ނުލައި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ކުރެއްވުމަށެވެ.
އަދި އޭނާ އަވަހާރަވި ހަބަރު ފެތުރުމާ އެކު އެތައް ސަތޭކަ ސަޕޯޓަރުންތަކެއް ޑާކާގެ މައިދާނަށް އިއްޔެ ނުކުމެ ވަނީ މުޒާހަރާ ކޮށްފަ އެވެ.
މުޒާހަރާގެ ބައިވެރިން ވަނީ ބަންގްލަދޭޝްގެ މަޝްހޫރު ނޫސްތައް ކަމަށްވާ "ދަ ޑެއިލީ ސްޓާ" އާއި "ޕްރޯތޮމް އަލޯ"ގެ އޮފީސްތަކަށް ގެއްލުންދީ ހުޅުޖަހައިފަ އެވެ.
އެ ސަރަހައްދަށް ސިފައިން ފޮނުވި އިރު، އަލިފާން ނިއްވާ މީހުން ވަނީ އިމާރާތުގެ ތެރޭގައި ތާށިވެފައި ތިބި ނޫސްވެރިން ސަލާމަތްކޮށްފަ އެވެ.
ހާދީ،32، އަކީ ހަސީނާ ވެރިކަމުން ދުރުކުރުމަށް ހަރަކާތްތެރިވި، ދަރިވަރުންގެ މުޒާހަރާ ގްރޫޕް އިންގިލާބް މަންޗާގެ އިސް ލީޑަރެކެވެ. އަދި އޭނާ އަކީ ހަސީނާ އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވި އަވަށްޓެރި އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުކިއުއްވާ ބޭފުޅެކެވެ.
ބަންގްލަދޭޝްގެ ސިޔާސީ ޕާޓީތަކުން ވަނީ އޭނާ އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކޮށް، އެ ހާދިސާ ހިންގި ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އިންތިގާލީ ސަރުކާރަށް ގޮވާލައިފަ އެވެ.
ވަގުތީ ސަރުކާރުގެ ލީޑަރު މުހައްމަދު ޔޫނުސް ވިދާޅުވީ ހާދީގެ އަވަހާރަކޮށްލުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށެވެ.
އިންތިގާލީ ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި މާދަމާ ކަނޑައަޅައިފަ އެވެ.
ހާދީގެ ގަޔަށް ބަޑިޖަހައި އަވަހާރަކޮށްލިތާ ގިނަ އިރުތަކެއް ނުވަނީސް ޔޫނުސް ވިދާޅުވީ އެއީ ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށާއި އެ ހަމަލާ ރޭވި މީހުންގެ މަގްސަދަކީ އިންތިހާބު އޮޅުވާލުން ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށް ތަހުގީގުތައް ކުރިއަށްްދާ ކަމަށް ފުލުހުން ބުނެ އެވެ.
ހަސީނާ މަގާމު ދޫކޮށްލެެއްވުމަށް ފަހު އިންޑިއާއަށް ފިއްލެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އެވެ.
މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ހުއްދަ ދިން ކަމުގެ ކުށް ހަސީނާގެ މައްޗަށް ސާބިތުވެ، މިދިޔަ ނޮވެމްބަރު މަހު އެކަމަނާ މަރަން ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ