އިސްރާއީލުގެ ދިފާއުގައި އެމެރިކާއިން ބައިނަލްއަގުވާމީ ކޯޓުގެ އިތުރު ފަނޑިޔާރުންނަށް ފިޔަވަޅު އަޅައިފި
ޣައްޒާ ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު ހުއްޓުވުމަށް އިސްރާއީލުން ކުރާ މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު، އައިސީސީގެ އިތުރު ފަނޑިޔާރުންނަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ޖޯޖިއާގެ ގޯޗާ ލޯޑްކިޕަނިޑްޒޭއާއި މޮންގޯލިއާގެ އެރްޑެނެބަލްސުރެން ދަމްދީންއަށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ރޫބިއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފަނޑިޔާރުން އިސްރާއީލުގެ ރައްޔިތުން ތަހުގީގުކޮށް، ހައްޔަރުކޮށް، ބަންދުކޮށް ނުވަތަ ދައުވާކުރަން އައިސީސީން މަސައްކަތްކޮށްފައިވަނީ އިސްރާއީލުގެ ރުހުމާ ނުލައި ކަމަށެވެ. އަދި، ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު މަޑުޖައްސާލުމަށް އިސްރާއީލުން ހުށަހެޅި ބިޑާ ދެކޮޅަށް ޑިސެންބަރު 15 ވަނަ ދުވަހު ލޯޑްކިޕަނިޑްޒޭއާއި ދަމްދީން ވޯޓު ދިނުން ވެސް އެ ބަޔާނުގައި ވަނީ ކުށްވެރިކޮށްފައެވެ. އެމެރިކާއަކީ އިސްރާއީލު ގާތް އެކުވެރިއެކެވެ. އެމެރިކާއިން ވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ތާއީދުކޮށް، އެ ގައުމަށް ބިލިއަން ޑޮލަރުގެ އަސްކަރީ އަދި އިގުތިސާދީ އެހީ ފޯރުކޮށްދީފައެވެ. މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އައިސީސީގެ މެންބަރުންނާއި އެ މެމްބަރުންގެ ބައިވެރިންނަށް އިގުތިސާދީ ގޮތުން އެންމެ ފަހުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ. ފެބްރުއަރީ މަހު ވެސް ޓްރަމްޕް ވަނީ އައިސީސީގެ މުވައްޒަފުންނާއި އެމެރިކާއާއި އެކުވެރި ގައުމުތަކާ ދެކޮޅަށް ކޯޓުން ހިންގާ ތަހުގީގުތަކަށް އެހީތެރިވެދޭ ކޮންމެ މީހަކަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ/ރޮއިޓާސް އޭގެ އިތުރުން ފަނޑިޔާރުންނާއި ޕީޖީންނާ ދެކޮޅަށް ވަކިވަކިން ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ. ޖޫން މަހު ހަތަރު ފަނޑިޔާރަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާއިރު، އޭގެ ތެރެއިން ދެ ފަނޑިޔާރަކު ވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ މުވައްޒަފުންނާ ގުޅޭ ތަހުގީގުތަކުގައި ބައިވެރިވެފައެވެ. އަނެއް ދެ މީހުންނަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރުމަށް ނިންމު ނިންމުމުގައި ބައިވެރިވި ދެ މީހުންނެވެ. އޮގަސްޓް މަހު އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ފުޅާކޮށް، އިތުރު ދެ ފަނޑިޔާރަކާއި އައިސީސީގެ ދެ ޕީޖީއަކާ މެދު ފިޔަވަޅުތައް އަޅާފައެވެ. އެންމެ ފަހުން މިދިޔަ ސެޕްޓެންބަރު ވެސް ތިން ޖަމިއްޔާއެއް ކަމަށްވާ އަލް ޙައްޤު، އަލް މެޒާން ސެންޓާ ފޯ ހިއުމަން ރައިޓްސް އަދި ފަލަސްތީނުގެ ސެންޓާ ފޯ ހިއުމަން ރައިޓްސްއަށް އިސްރާއީލުގެ ރައްޔިތުން ތަހުގީގުކުރުމާއި، ހައްޔަރުކުރުމާއި، ބަންދުކުރުމާއި، ނުވަތަ ދައުވާކުރުމަށް އެހީތެރިވި ކަމަށް ބުނެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އައިސީސީއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށީ ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނަތަންޔާހޫއާއި ގަލަންޓް ހައްޔަރުކުރުމަށް 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު އައިސީސީން ނިންމުމާ ގުޅިގެންނެވެ. އަފްޣާނިސްތާނުގައި ގާތްގަޑަކަށް 20 އަހަރު ވަންދެން އެމެރިކާ ސިފައިން ހިންގި ޖަރީމާތާކުގެ މައްސަލައިގެ ތަހުގީގު ރަސްމީކޮށް ނިންމާލުމަށް ވެސް އެމެރިކާއިން ވަނީ އައިސީސީއަށް ޕްރެޝަރުކޮށްފައެވެ. އެމެރިކާއާއި އިސްރާއީލަކީ އައިސީސީގެ މެންބަރުންނެއް ނޫނެވެ. އެމެރިކާއިން ބުނާ ގޮތުގައި އެމެރިކާއާއި އިސްރާއީލުގެ ރައްޔިތުން ތަހުގީގުކޮށްގެން އެ ކޯޓުން ވަނީ އެ ކޯޓުގެ އިހްތިސާސް ފަހަނައަޅައި ގޮސްފައެވެ. ނަމަވެސް، ކޯޓުން ބުނެފައިވަނީ ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތައް ހިމެނޭ ގޮތަށް ކޯޓުގައި އިހްތިސާސްގައި ހިމެނޭ ގައުމުތަކުގައި ހިނގާ ހަމަނުޖެހުންތައް ތަހުގީގުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ