ކޮވިޑް-19 ގެ މައުލޫމާތު ދެއްވާ ތަރުޖަމާނަކަށް ޑރ.ނަޒްލާ ރަފީގް

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތަކާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވާ ތަރުޖަމާނަކަށް އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު މިރޭ ހަމަޖައްސައިފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުރިން އުފައްދާފައި އޮތް ނޭޝަނަލް އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އުވާލައި މިހާރު ވަނީ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއޯސީ) އުފައްދާފައެވެ. މިރޭ ހެލްތު މިނިސްޓްރީން ވިދާޅުވީ އެޗްއޯސީގެ ތަރުޖަމާނަކަށް ޑރ.ނަޒްލާ އައްޔަން ކުރައްވާފައިވާ ކަމަށެވެ.
ޑރ.ނަޒްލާ ވަނީ މިރޭ އެޗްއޯސީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ އެންއީއޯސީގެ ބައްދަލުވުގައި އެޗްއޯސީ އުފެއްދި ނަމަވެސް ކުރިއެކޭ އެއްގޮތައް ހުރިހާ މަސައްކަތެއް ވެސް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ގަވައިދުން ނޫސްވެރިންގެ ބައްދަލުވުންތައް ވެސް އޮންނާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ދެން މީޑިއާތަކާއި ހިއްސާ ކުރައްވާނެ ތަރުޖަމާނަކަށް ޑރ.ނަޒްލާ މިރޭ އައްޔަން ކުރެއްވި އިރު ފާއިތުވި ހައެއްކަ މަސް ދުވަހު ޑރ.ނަޒްލާ ވަނީ ވަރަށް ގިނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެން ގިނަ މައުލޫމާތުތަކެއް އާއްމުންނާއި ހިއްސާ ކުރައްވާފައެވެ.
ޑރ.ނަޒްލާ ވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅަން މީގެ ކުރިން ވެސް ލަފާ ދެމުން ގެންދިޔަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް މިރޭ ވެސް އެދިވަޑައިގެންފައެވެ. އެގޮތުން މާސްކް އެޅުމަށާއި، ގިނަ ގިނައިން އަތް ދޮވުން ފަދަ ކަންކަމަށް ސަމާލުކަން ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ