ފަސޭހަކަމާއެކު ރީތިފަރު ބަލިކޮށް ކުޑަފުށިން މުބާރާތް ފެށީ އިތުބާރާއެކު

މީދޫ ޖަމްޢިއްޔަތުއް ޞަލާޙުގެ ފަރާތުން އިންތިޒާމްކޮށްގެން ރ. އަތޮޅުގެ ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު އިންޓާ ރިސޯޓް ފުޓްސަލް ޗެލެންޖު "ރާބަދި ޗެލެންޖް 2024" ގެ ގުރޫޕް އޭގައި ރީތިފަރު ރިސޯޓާއި ކުޑަފުށި ވާދަކުރި މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކުޑަފުށިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފު 2-0 ގެ ނަތީޖާއަކުން ކުޑަފުށި ކުރީގައި އޮވެގެން ނިމުނުއިރު، މެޗުގެ ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ރީތިފަރުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އުނޭޝް އެވެ.
މީގެއިތުރުން މިމެޗުގައި ކުޑަފުށީގެ މުހައްމަދު ހުސްނީ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މުހައްމަދު ޒިހާން، އަބްދުﷲ ނާޝިއު އަދި އަލީ މަހުދީ މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކުޑަފުށީގެ މުހައްމަދު ހުސްނީ އެވެ.
Advertisement
މިއަހަރުގެ ރާބަދި ޗެލެންޖްގައި 14 ޓީމެއް ބައިވެރިވެފައި ވާއިރު މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އެކެއް އަދި ދޭއްގައި ހަތަރު ޓީމު ހިމެނޭ އިރު އަނެއް ދެ ގުރޫޕުގައި ހިމެނެނީ ތިން ޓީމެވެ. މުބާރާތް ކުރިއަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ.
ރާބަދި ޗެލެންޖް އެންމެ ފުރަތަަމަ ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު މުބާރާތުގެ ފައިނަލުގައި މީދުއްޕަރު 4-3 ގެ ނަތީޖާއަކުން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ދިގަލި މޯލްޑިވްސްއެވެ. އަދި އެކި ސަބަބުތަކާ ހުރެ 2020 އަދި 2021 ވަނަ އަހަރު މުބާރާތް ނުބޭއްވި ދިއުމަށް ފަހު 2022 ވަނަ އަހަރު ވަނީ އަލުން ރާބަދި ޗެލެންޖް ބާއްވަން ފައްޓަފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ