އިސްރާއީލުގެ ޖަރީމާތައް ހުއްޓުވައި ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ޤައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ: ޑރ.ޝަހީމް

އިސްރާއީލުގެ ޖަރީމާތައް ހުއްޓުވައި ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ޤައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެވެ.
(އޯއައިސީ) ގެ ސަމިޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށާއި، އެކަށީގެންވާގޮތެއްގައި އަދި ވީ އެންމެ އަވަހަކަށް އިންސާނީ އެހީތެރިކަން ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދިނުމަށް ވެސް ގޮވާލައްވައިފަ އެވެ.
ހަމަ އެެހެންމެ ދެމެހެއްޓެނިވި ސުލްހައަށްޓަކައި އ.ދ.ގެ ސަލާމަތީ މަޖިލީހުން އަވަސް އަދި ޒަރޫރީ ފިޔަވަޅެއް އަޅާފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މިނިސްޓަރު ޝަހީމް ވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އިސްލާމީ ޤައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރު ސަރަހައްދުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި ދިނުމަށް ޝަހީމު ގޮވާލެއްވިއެވެ. 
މީގެއިތުރުން އދ.ގެ ފުރިހަމަ މެމްބަރެއްގެ ދަރަޖަ ފަލަސްތީނަށް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ރާއްޖޭން ސާބިތުވެ އޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އެ މަސައްކަތުގައި އިސްކޮށް ބައިވެރިވެ، ވަކާލުތުކޮށްދިނުމަށް ޝަހީމް ވަނީ އިސްލާމީ ގައުމުތަކުގެ ވެރިންނަށް ހަރުއަޑުން ގޮވާލައްވާފައެވެ.
މުޅި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި އޯއައިސީގެ މެމްބަރު ގައުމުތަކުގެ ވެރިންގެ އަޑުތައް ގަދަކޮށް، ފިޔަވަޅުތައް ވަރުގަދަކޮށް، އަނިޔާވެރިކަމުގެ ޝިކާއަރައަކަށްވެފައި ތިބި މުސްލިމުންގެ އިތުރުން އިސްލާމީ އުއްމަތުގެ މުސްތަގުބަލު ސަލާމަތްކުރުމަށް ވެސް މިނިސްޓަރު ގޮވާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ