ފަސޭހަކަމާއެކު ބްރައިޓަން އަތުން މޮޅުވެ ޗެންޕިއަން ސިޓީ ދެވަނައަށް

އިގިރޭސި ޕްރެމިއާ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި ބްރައިޓަން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީ އިން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓާ ސިޓީއިން ތިން ލަނޑުގެ ލީޑެއް ހޯދިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. މިއީ އެޓީމުގެ އިިގިރޭސި ޑިފެންޑަރު ވޯކާ އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ސިޓީގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުައި އެޓީމަށް ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ އިގިރޭސި މިޑްފީލްޑަރު ފިލް ފޮޑަން އެވެ. މީގެ އިތުރުން މެޗުގެ 34 ވަނަ މިނެޓުގައި ބްރައިޓަންގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ސިޓީގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފޮޑަން އެވެ.
Advertisement
މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 31 މެޗުގައި އޭނާ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ބުރައިޓަން އިން އެޓީމުގެ ކުޅުން ރަނގަޅު ކުރި ނަމަވެސް މިހާފުގައި ވެސް ސިޓީ އިން ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފައެވެ. މިލަނޑު ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެން ދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 4-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 33 މެޗުން މެންޗެސްޓާ ސިޓީއަށް 76 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ބްރައިޓަން އިން ލީގުގައި ކުޅުނު 33 މެޗުން ލިބުނު 44 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 11 ވަނައިގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ