ޓްރޭޑްމާކް ބިލާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ސެމިނާއެއް ފަށައިފި

ޓްރޭޑްމާކުގެ ހައްގުތަކާއި ޓްރޭޑްމާކާއި ބެހޭ ބިލާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ސެމިނާއެއް ފަށައިފިއެެވެ.
މި ސެމިނާ ކުރިއަށް ގެންދަނީ ޔުނައިޑެޓް ސްޓޭޓްސް ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީސް (ޔޫއެސްޕީޓީއޯ) އާއި އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެނެވެ. ސެމިނާ އޮންނާނީ މިއަދާއި މާދަމާ ކަސްޓަމްސްގެ އިމާރާތުގައެވެ.
އިކޮނޮމިކް މިިނިސްޓްރީން ބުނީ، އެ ސެމިނާ ކުރިއަށް ގެންދަނީ ޓްރޭޑްމާކުގެ ހައްގުތަކާއި ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީން ކުރުމަށާއި، އަދި މިހާރު މަޖިލީހަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ޓްރޭޑްމާކާއި ބެހޭ ބިލާމެދު ކަމުގެ މާހިރުންނާއެކު ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް ކަމަށެވެ.
އެ ސެމިނާގައި އިކޮނޮމިކް މިނިސްޓްރީ، ކަސްޓަމްސް ސާވިސް، އެޓާނީ ޖެނެރަލްގެ އޮފީސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ޔޫތު، މޯލްޑިވްސް ޕޮލިސް ސާރވިސް، ބާ ކައުންސިލް އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ މުވައްޒަފުން ބައިވެރިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ސެމިނާގައި ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގައި ބަލަންޖެހޭ ކަންކަމާއި، ރަޖިސްޓްރޭޝަން ޕްރޮސެސް ހިނގާގޮތާއި، ރަޖިސްޓްރީކުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދޭނެ ކަމަށެވެ.
ވިޔަފާރިތަކަށް އެންމެ ފުރިހަމަ ގޮތުގައި ފިކުރީ މުދަލުގެ ނަފާ ލިބޭނެ ގޮތް ހޯދައިދީ، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަށް ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް އިތުބާރު ހޯދައިދިނުމަށްޓަކައި ފިކުރީ މުދާ ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަމުންގެންދާ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގޮތުން، ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު އިސްލާހުކުރުމަށް މިހާރު މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި ޓްރޭޑްމާކާއި ބެހޭ ބިލް މަޖިލީހަށް ފޮނުވުމަށް ގެންދަނީ މަސައްކަތްކުރަމުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ