މަޝްވަރާތަކުގައި ނަޝީދު ބައިވެރިކުރުމަށް ސަރުކާރުން ދެކޮޅެއް ނަހަދާ - އުމަރު

ސަރުކާރާ އެމްޑީޕީއާއެކު ކުރަމުންދާ މަޝްވަރާތަކުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކުރުމަށް، ސަރުކާރުން ދެކޮޅު ނަހަދާކަމަށް، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާއެކު ބޭއްވި މަޝްވަރާތަކަށްފަހު އުމަރު ވިދާޅުވީ، ސަރުކާރުން އެކަމާ ދެކޮޅު ނުހެދިޔަސް، އެކަމާ ގުޅޭގޮތުން އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.
ސަރުކާރާ މަޝްވަރާކުރުމަށް އެމްޑީޕީން ކަނޑައެޅި ބޭފުޅުންގެ ތެރޭގައި، ރައީސް ނަޝީދު އަދި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ހިމެނިވަޑައިގަންނަވައެވެ. 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ރައީސް ނަޝީދު މިވަގުތު ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު، އަލީ ވަހީދު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން، މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން މިހާރު ބައިވެރިވެ ވަޑައިގަންނަވާ، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، އޭނާ މިވަގުތު މަޝްވަރާތަކުގައި ބައިވެރިވި ނަމަވެސް، އެމްޑީޕީން މަޝްވަރާތަކުގައި ބައިވެރިވާން ކަނޑައެޅި ބޭފުޅުން ބައިވެރި ކުރުމުގައި، ސަރުކާރުގެެ އިއުތިރާޒެއް ނެތް ކަމަށެވެ.
ނަމަވެސް މަޝްވަރާތަކުގައި، ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަކަށް، އިބޫ ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ