ބާ ޤާނޫނުލް އުޤޫބާތެއް މިހާރަކު ނެތް - މައުމޫން ހަމީދު

ބާ ޤާނޫނުލް އުޤޫބާތެއް ނެތް ކަމަށާއި، މިހާރު އަމަލު ކުރަން ޖެހޭނީ އައު ޤާނޫނުލް އުޤޫބާތަށް ކަމުގައި ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން މައުމޫން ހަމީދު ވިދާޅުވީ އާ ގާނޫނުލް އުގޫބާތަށް ގެނައި އިސްލާހުގެ ސަބަބުން ބާ ޤާނޫނުލް އުޤޫބާތު އޮންނާނެ ކަމަށް ޤަބޫލު ނުކުރައްވާ ވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވެވި ބިލްގައި މުޅި ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރަން ހިމަނާފައި ނުވާކަމަށްވެސް މައުމޫން ހަމީދު ވިދާޅުވެފައި ވާކަމަށްވެއެވެ.
މައުމޫން ހަމީދު އިތުރަށް ވިދާޅުވެފަިއ ވަނީ، ބިލްގެ 71 ވަނަ އިސްލާހުގައި ގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް ފަހު، 16 ޖުލައި 2015 ވަނަ ދުވަހުން ފެށިގެން ކަމަށް ބުނެފައި އޮތުމަކީ، މުޅި ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރުމެއް ނޫން ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވެފައިވާ ގޮތުގައި އޭގެ މާނައަކީ މިއަހަރުގެ ޖުލައި 16 އިން ފެށިގެން އަމަލުކުރަން ފަށަން ޖެހޭނީ އެ ބިލްގައި ހިމެނޭ މާއްދާތަކަށް އެކަނި ކަމަށެވެ.
އަދި އިސްލާހުތައް ގެންނަން މެމްބަރުން ބޭނުންވި މަގުސަދުވެސް މިހާރު ހާސިލް ނުވާ ކަމަށާއި، އެހެންކަމުން އައު ގާނޫނުލް އުގޫބާތަށް އަމަލުކުރަން ޖެހޭނެ ކަމަށް، ޕްރޮސެކިއުޓާ ޖެނެރަލާއި ބަންޑާރަ ނާއިބު ވެސް ކަމާއި ގުޅޭ ދައުލަތުގެ މުއައްސަސާތަކަށް އަންގަން ޖެހޭނެ ކަމަށް ވަކީލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ