(އައްޑޫ ސިޓީ ހިތަދޫ) 2018 ވަނަ އަހަރާ ހަމައަށް ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުރެއްޖެނަމަ، ރައީސް ޔާމީން އަނެއްކާވެސް ރައީސް ކަމަށް ހޮވިވަޑައިގަންނަވާނެ ކަމަށް، އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝޭހު ހުސެއިން ރަޝީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
މި ރަށުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަމުން ހުސެއިން ރަޝީދު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމުގައި ހުރެއްޖެނަމަ ހޮވޭނެ ކަމަށާއި، ހޮވޭނީ ރައްޔިތުން ވޯޓު ދީގެން ނޫންކަމަށެވެ.
"ރައްޔިތުން ވޯޓު ދީގެނެއް ނޫން ހޮވޭނީ، ހޮވޭނީ އަމިއްލައަށް" ޝޭހު ހުސެއިން ވިދާޅުވިއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ޝައްކުވާ 28 ވޯޓު އޮތްކަމަށް، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ކަމަށް ވެސް ޝޭހު ހުސެއިން ވިދާޅުވިއެވެ. އަދި ފުއާދު ތައުފީގު ގެއަށް ފޮނުވާލީ އެ 28 ވޯޓުން ސަލާމަތްވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ މިނިވަން އިންތިހާބަކަށް ހެދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރެއްވުމަށް ވެސް ޝޭހު ހުސެއިން ވަނީ މިރޭ ގޮވާލާފައެވެ.
"ނަމާދު ކުރަންވީ. ގިނަގިނައިން ދުއާ ކުރަންވީ. ދުއާ އަކީ އެމީހުން ވަރަށް ބިރު ގަންނަ އެއްޗެއް. އެހެންވީމަ ނޫންތޯ ސިހުރު ހަދަނީ، ފަންޑިތަ ހަދަނީ. ދުއާގައި މި މުސީބާތުން ސަލާމަތްވުމަށް އެދި ދަންނަވަންވީ" ޝޭހު ހުސެއިން ވިދާޅުވިއެވެ.
އަނިޔާ ލިބޭ ހިނދު ކެތްތެރިވާން ޖެހޭ ކަމަށާއި، ރައީސް ނަޝީދާއި، ކާނަލް ނާޒިމް ޖަލުގައި ހުންނެވީ ކެތްތެރިކަމާއެކު ކަމަށް ޝޭހު ހުސެއިން ވިދާޅުވިއެވެ. އަދި އެ ދެ ބޭފުޅުން ވެސް ޖަލުގައި ތިއްބެވީ ރައްޔިތުންނަށްޓަކާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތަކުން އެދަނީ ގުޅެމުން. ފިކުރު ތަފާތު އެކަމަކު ގުޅެމުން އެދަނީ އަނިޔާއާ ދެކޮޅަށް. މި ގުޅުން ވަރުގަދަކުރަންވީ. މި ގުޅުން ފުޑުފުޑުކޮށްލަން މަސައްކަތްކުރާނެ" ޝޭހު ހުސެއިން ވިދާޅުވިއެވެ.
2018 އާ ހަމައަށް ވެރިކަމުގައި ހުރެއްޖެނަމަ ރައީސް ޔާމީން އަނެއްކާވެސް ހޮވޭނެ - ޝޭހު ހުސެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ