ގާސިމް ކެމްޕޭނަށް އއ. އަތޮޅަށާއި އދ. އަތޮޅަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ކެމްޕެއިނަށް އދ. އަތޮޅަށާއި އއ. އަތޮޅަށް ވަޑައިގެންފިއެވެ.
އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބާ ގުޅިގެން ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިއަދު ހެނދުނު ވަޑައިގަތީ އދ. ހަންޏާމީދޫ އަށެވެ. ގާސިމް ވަޑައިގަތުމުން ހަންޏާމީދޫ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
ހަންޏާމީދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމްގެ އިންތިހާބީ މަންދޫބު އަލީ ވަހީދު ވިދާޅުވީ ގާސިމް ސަރުކާރާކުރިމަތި ކުރުވި އެއްވެސް ސުވާލަކަށް ސަރުކާރުން ޖަވާބުދާރީ ވެފައި ނުވާކަމަށެވެ.
"ދީނާ، ގައުމުގެ މިނިވަންކަމާއި އިޤްތިޞާދީ ހާލަތާމެދު ގާސިމް ސަރުކާރާ ކުރިމަތިކުރުވި އެއްވެސް ސުވާލަކަށް ސަރުކާރަށް ޖަވާބުދާރީއެއް ނުވެވުނު. އޭގެ ބަދަލުގައި މިފެނުނީ ހަޖޫ ޖަހާ މަލާމާތް ކުރަމުންދާތަން ". އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ އިޤްތިޞާދީ ހީނަރުކަމާއި، ބޭރުގައުމެއް ސިފައިން ގައުމުގެ އެކިކަންކޮޅުތަކުގައި ތިބުމާ، އަމްނުއަމާންކަމަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކޮށް ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރަށް ޖަވާބު ދާރީނުވެވުމަކީ މިވާހަކަފުޅުގެ ތެދުކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ހަންޏާމީދޫގެ ރައްޔިތުންނާ މުހާތަބްކުރައްވާ ގާސިމް ވިދާޅުވީ އެމަނިކުފާނަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ މީހެއްކަމަށާއި މިހާރުވެސް ގައުމާއި ރައްޔިތުންގެ ހައްގުގައި އިސްލާހުކުރަންޖެހޭ ގިނަ ކަންކަމެއް އެބަހުރި ކަމަށެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅާ ކުރައްވާ ކަންކަން ކުރައްވަނީ ރައްޔިތުންގެ ހައްޤުގައި ކަމަށާއި އެކަމުގައި ބަޔަކު ޖަހާ ހަޖޫއަކަށް ފަސްނުޖެހޭނެ ކަމަށެވެ.
މިދަތުރުފުޅުގައި ގާސިމްގެ އަރިހުގައި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެ ވަޑައިގަންނަވައެވެ. ވަހީދު ވިދާއަޅުވީ ގާސިމް އިބްރާހިމް އަކީ އަބަދުވެސް ރައްޔިތުންގެ ހާދިމެއްކަމަށާއި އަބަދުވެސް ރައްޔިތުންގެ ހެވާލާބަޔަށް މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެވެ. ވަހީދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމް ފިޔަވާ ހުރިހާ މަގާމެއް ގާސިމް މިއަދު ފުރައްވާފާއިވާކަމަށާއި ގާސިމްގެ މިކާމިޔާބީއަކީ ދިގުރާސްތާއެއްގައި ކޮށްދެއްވި އިޚުލާސްތެރި މަސައްކަތްފުޅުކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ