އިސްކަންދޭންވީ އަނބިދަރިންނާއި މައިންބަފައިންނަަށް އުފާވެރިކަން ގެނެސްދޭން: ޙުތުބާ

އުފާވެރިކަން ގެނައުމުގައި އެންމެ ފުރަތަމަ އިސްކަމެއްދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށްކަމަށް ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާ ހާއްސަކޮށްފައިވާ މައުޞޫއަކީ" އެންމެ މަންފާ ހުރި މީހާ"އެވެ.
ހުކުރު ޚުރުބާގައި ވިދާޅުވީ ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ "މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާކަމަށެވެ. އަދި ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުންކަމަށާއި އޭނާއާ ކުރިމަތިވި ބޮޑު މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުން ނުވަތަ އޭނާގެ ދަރަންޏެއް ފުއްދައިދިނުން އަދި އޭނާގެ ކިބައިން ހައިހޫނުކަންފިލުވައި ދިނުންކަމަށެވެ.
ޚުތުބާގައި ވިދާޅުވީ މިސްކިތެއްގައި ދެ މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ، މުސްލިމު އަޚާގެ ބޭނުމެއް ފުއްދައިދިނުން ލޮބުވެތިކަން ބޮޑުކަމަށެވެ. ޚުތުބާގައި ވަނީ ތިބާ އަކީ މީސްތަކުންނަށް ފައިދާ ހުރި މީހަކަށް ވުމަށް ގޮވާލައްވާފައެވެ. އެގޮތުން އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ބަޔާންކޮށްދެއްވައިފައިވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުންކަން ފާހަގަކުރެއްވިއެވެ. އަދި މި ކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށްކަމަށާއި އޭގެ ފަހުން ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށްކަމަށްވެސް ހުކުރު ޚުތުބާގައި ވަނީ ފާހަގަކުރާއްވާފައެވެ.
ދެވަނަ ކަމަކީ، މުސްލިމް އަޚަކަށް ކުރިމަތިވާ މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުމެވެ. ދުނިޔެއާއި އާޚިރަތުގައި ތިބާއާ ކުރިމަތިވެދާނެ ބޮޑެތި މުޞީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުޞީބާތްތަކުން އެ މީހުން ނަޖާކޮށްދިނުމަށް ތިބާ މަސައްކަތްކުރަން ޖެހޭކަމަށް ހުތުބާގައި ވިދާޅުވިއެވެ. ޚުތުބާގައި ތިންވަނަކަމަށް ފާހަގަކޮށްފައިވަނީ މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުމެވެ. އެގޮތުން ދަރަނި އަދާކުރުމަށް ޓަކައި، އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިނުން ނުވަތަ އޭނާގެ ދަރަނީން ބައެއް ކަނޑައިލައި ދިނުން ނުވަތަ ދަރަނި އެއްކޮށް މާފުކުރުމެވެ.
މާތް ﷲގެ ޙަޟްރަތުގައި ލޮބުވެތިވެގެންވާ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުމެވެ. ދިވެހީންނަކީ މި ކަމުގައި ވަރަށް ނަމޫނާ ބައެއްކަމަށް ޚުުތުބާގައި ވަނީ ފާހަގަކޮށްފައެވެ. ޚުތުބާގައި ވިދާޅުވީ ހާރުދަމުގެ ވަގުތުގައި ގެއެއްގައި ތެލީގެފޫ ކަހައިލާ އަޑު އަވަށްޓެރިއަކަށް އިވޭ އިރަށް ކާބޯތަކެތި ހިފައިގެން، އެ ގެއަކަށް ދާ ވާހަކަ ތާރީޚުގެ ފަތްފުށްތަކުން ފެންނަން އެބައޮތްކަމަށެވެ. ލައިގެންކާނެ އެއްޗެއް ނެތް ގޭގޭގެ މީހުން ބޯތަށި ހިފައިގެން އަވަށްޓެރިޔާގެ ގެއަށް ދިޔުމުން އެ ބޯތަށްޓަށް، ލައިގެން ކާނޭ ތަކެތި އަޅައިދޭ ވާހަކައަކީ ކޮންމެ މީހަކުވެސް އަޑު އަހާނެ ވާހަކައެއްކަންވެސް ހުތުބާގައި ފާހަގަކުރިއެވެ.
"ކީރިތި ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَا آمَنَ بِيْ مَنْ بَاتَ شَبْعَانَ وَجَارُهُ إلَى جَنْبِهِ جَائِعٌ وَهُوَ يَعْلَمُ) މާނައީ: "އޭނާގެ އަވަށްޓެރިޔާ ހައިހޫނުކަން މަތީގައި ވާކަން އެނގޭ އިރު، އޭނާ ބަނޑު ފުރައިގެން ހުންނަ މީހާއީ، ތިމަންކަލޭގެފާނަށް ފުރިހަމައަށް އީމާންވާ މީހެއް ނޫނެވެ." ފަސް ވަނަ ކަމަކީ މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތް ކުރުމެވެ. އެއީ ނަބަވީ ޙަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ މާތް ކަމެއް" ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.
ހުކުރު ޚުތުބާގައި ވިދާޅުވީ މާތް ﷲ އިންސާނުންނަށް މަތިވެރި އަޚްލާޤާއި ސުލޫކު ދަސްކޮށްދެއްވުމަށް ފޮނުއްވި ރަސޫލު ބޭކަލުންނަކީ، އެބޭކަލުން ފޮނުއްވުނު ޤައުމުތަކުގެ މީހުންނަށް ފައިދާހުރި، ލާބަހުރި ކަންތައްތައް ކޮށްދެއްވުމުގައި އަވަސްވެވަޑައިގެންނެވި ބޭކަލުންތަކެއްކަމަށެވެ. އަދި އަހަރެމެންގެ ލޮބުވެތި ނަބިއްޔާއަކީ، މީސްތަކުންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ލާމަސީލު ނަމޫނާއެއްކަމަށާއި އެކަލޭގެފާނު މިސްކީނުންނަށާއި، ހުވަފަތް އަންހެނުންނަށް އެހީވެވަޑައިގަތުމަށް ޓަކައި އެ މީހުންގެ ގާތަށް ވަޑައިގެން އެމީހުންގެ ބޭނުންތައް ފުއްދަވައިދެއްވާފައިވާކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ