މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކާއެކު މަޝްވަރާކޮށްފި

މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ބެހޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ތިމާވެށި، ގުދުރަތީ ވަސީލަތްތައް އަދި ނޫ އިޤްތިޞާދުގެ ޕްރެކްޓިސް މެނޭޖަރ މިސް އޭން ޖީނެޓް ގްލޯބަރ މަޝްވަރާކުރައްވައިފިއެވެ.
ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ވޯލްޑް ބޭންކުން ފަންޑުކޮށްގެން ވުޒާރާއިން ކުރިއަށް ގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިފްކޯއަށް ގަންނަ މަހުގެ %65 އަކީ ރާއްޖެއިން އެކްސްޕޯޓް ކުރާ ރޯ މަސްކަމަށާއި، ސަރުކާރުގެ އަމާޒަކީ މަސް ޕްރޮސެސްކޮށް މި އަދަދު މަދުކުރުން ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ 3 ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެސިލިޓީތައް ގާއިމުކުރުމަށް މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
ކުންފުނިތަކުގައި ބޭނުންކުރާ ތެލުގެ %35 ޚަރަދު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއްކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިސް އޭން ޖީނެޓް ގްލޯބަރ ވިދާޅުވެފައިވަނީ، ތިމާވެށީގެ ދާއިރާއިންނާއި، އަންހެނުން ބާރުވެރިކުރުވުމާއި އަދި އެހެނިހެން ދާއިރާތަކުން ކުރާ މަސްވެރިކަމާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތަކަށް ފައިނޭންސް ލިބޭނެ ގޮތްތައް އެބަހުރިކަމަށާއި ވުޒާރާއާ ގުޅިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލުމަށް ވޯލްޑްބޭންކުގެ ޓީމެއް ރާއްޖެއަންނާނެ ކަމަށެވެ.
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ