ޚުޠުބާ: ﷲ ތަޢަލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލުތައް-

ﷲ ގެ ޙަޟްރަތުގައި ލޮބުވެތި އަޅަކަށް ވާން ނޭދޭނީ ފަހެ ކާކުހެއްޔެވެ؟ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އާ ސުވާލުކުރެއްވުނެވެ.
ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ، ކޮބައިތޯއެވެ؟ ޖަވާބުގައި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (أَنْفَعُهُمْ لِلنَّاسِ، وَإِنَّ أَحَبَّ الْأَعْمَالِ إِلَى اللهِ سُرُوْرٌ تُدْخِلُهُ عَلَى مُؤْمِنٍ: تَكْشِفُ عَنْهُ كُرْبَةً، أَوْ تَقْضِي عَنْهُ دَيْنًا، أَوْ تَطْرُدُ عَنْهُ جُوْعًا. وَلَأَنْ أَمْشِيَ مَعَ أَخِي الْـمُسْلِمِ فِيْ حَاجَةٍ أَحَبُّ إِلَيَّ مِنْ أَنْ أَعْتَكِفَ شَهْرَيْنِ فِيْ مَسْجِدٍ.)[1] މާނައީ: (ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު މީހަކީ) "މީސްތަކުންނަށް އެންމެ މަންފާކުރަނިވި މީހާއެވެ. އަދި ﷲ عَزَّ وَجَلَّ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ: އޭނާއާ ކުރިމަތިވި ބޮޑު މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް ފުއްދައިދިނުމެވެ. ނުވަތަ އޭނާގެ ކިބައިން ހައިހޫނުކަންފިލުވައި ދިނުމެވެ. މިސްކިތެއްގައި ދެ މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ، މުސްލިމު އަޚާގެ ބޭނުމެއް ފުއްދައިދިނުމަށް އޭނާ ގޮވައިގެން ދިއުމުގެ ލޮބުވެތިކަން ތިމަންކަލޭގެފާނުގެ އަރިހުގައި ބޮޑުވެގެންވެއެވެ." ތިބާ މީސްތަކުންނަށް ފައިދާ ހުރި މީހަކަށް ވާށެވެ! އޭރުން ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. ﷲ ތިބާ ދެކެ ލޯބިވެވޮޑިގެންފި ނަމަ، އެކަލާނގެ އުޑުތަކާއި ބިން ތިބާގެ ޚިދުމަތުގައި ލައްވާނެއެވެ. އެކަލާނގެ ތިބާގެ ކުރިމަތީގައި ރިޒްޤުގެ ޚަޒާނާތައް ހުޅުއްވައިދެއްވާނެއެވެ.
އިސްވެދިޔަ ޙަދީޘްފުޅުގައި، އެންމެ ހެޔޮ ޢަމަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކަށް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ބަޔާންކޮށްދެއްވައިފައިވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ. އެ މީހުންގެ ހިތްތައް ބާއްޖަވެރިކުރުމެވެ. އެ މީހުންނަށް ހިނިތުންވުން ގެނެސްދިނުމެވެ. އެމީހުން ހިތުގައިނުޖެއްސުމެވެ. އެމީހުންގެ ކުރިމަތީގައި މޫނު ކުނިނުކުރުމެވެ. މި ކަމުގައި އެންމެ އިސްކަންދޭންޖެހޭނީ ތިބާގެ މައިންބަފައިންނަށާއި އަނބިދަރީންނަށެވެ. ދެން ގާތްތިމާގެ މީހުންނަށާއި އަވަށްޓެރީންނަށެވެ.
ދެވަނަ ކަމަކީ، މުސްލިމް އަޚަކަށް ކުރިމަތިވާ މުޞީބާތަކުން އޭނާ ސަލާމަތްކޮށްދިނުމެވެ. ދުނިޔެއާއި އާޚިރަތުގައި ތިބާއާ ކުރިމަތިވެދާނެ ބޮޑެތި މުޞީބާތްތަކުން ނަޖާކޮށްދެއްވުމަށް އެދޭ ނަމަ، މީސްތަކުންނާ ކުރިމަތިވާ މުޞީބާތްތަކުން އެ މީހުން ނަޖާކޮށްދިނުމަށް ތިބާ މަސައްކަތްކުރާށެވެ! އެހީއަށް އެދި އަތްދިއްކުރާ މީހުންނަށް ހަމްދަރުދީވާށެވެ! އެ މީހުންގެ ކަރުނަތައް ތިބާ ފުހެލައިދޭށެވެ! ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِيْ عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيْهِ)[2] މާނައީ: "ދުނިޔޭގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތަކުން މުއުމިނަކު ސަލާމަތްކޮށްދިން މީހާގެ ކިބައިން، ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ﷲ ފިއްލަވައިދެއްވާނެތެވެ. އަދި އަތްމަތިދަތި މީހަކަށް ލުއިކޮށްދިން މީހާއަށް ދުނިޔެއާއި އާޚިރަތުގައި ﷲ ލުއިފަސޭހަކޮށްދެއްވާނެތެވެ. އަދި މުސްލިމަކު ފަޟީޙަތްނުކޮށް އޭނާގެ ޢައިބުތައް ވަންހަނާކޮށްދިން މީހާ، ދުނިޔެއާއި އާޚިރަތުގައި ފަޟީޙަތްނުކުރައްވައި ﷲ ސަލާމަތްކޮށްދެއްވާނެތެވެ. ﷲގެ އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައި ދެމިހުރިހައި ހިނދަކު، ﷲ އޭނާއަށް ވާގިވެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެތެވެ." ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ މި ބަސްފުޅުން މުހުތާދުވެރިޔާއަށް އެހީވުމުގެ މާތްކަމާއި، އޭނާގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރުމުގެ މުހިއްމުކަން އެނގެއެވެ. އޭގެ ތެރޭގައި ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސައިދިނުމާއި، އުނުއޮރިއާން ނިވައިކޮށްދިނުމާއި، ބޭސްފަރުވާކުރުމަށް އެހީވެދިނުން ފަދަ، މާއްދީ ކަންތައްތަކާއި، ބިރުވެރިކަމެއް، ނުވަތަ ހާސްކަމެއް ކުރިމަތިވެފައިވާ މީހެއްގެ ހިތްހަމަޖައްސައިދިނުން ފަދަ މަޢުނަވީ ކަންތައްތައް ވެސް ހިމެނޭނެއެވެ. 
މުހުތާދުވެރިންނަށް އެހީގެ އަތްދިއްކޮށްލުމާއި، އެ މީހުންގެ ބޭނުންތައް
ފުއްދައިދިނުމަށްޓަކައި މަސައްކަތްކުރުމަކީ މާތްﷲ އިންސާނާގެ ފިޠުރަތުގައި ލައްވައިފައިވާ އިންސާނިއްޔަތުކަމުގެ ސިފައެކެވެ. އެއީ މާތްﷲ ހެއްދެވި އެކަލާނގެ ލޮބުވެތި އަޅުންގެ ކިބައިން ފެންނަ ކަމެކެވެ. މާތް ﷲ އިންސާނުންނަށް މަތިވެރި އަޚްލާޤާއި ސުލޫކު ދަސްކޮށްދެއްވުމަށް ފޮނުއްވި ރަސޫލުބޭކަލުންނަކީ، އެބޭކަލުން ފޮނުއްވުނު ޤައުމުތަކުގެ މީހުންނަށް ފައިދާހުރި، ލާބަހުރި ކަންތައްތައް ކޮށްދެއްވުމުގައި އަވަސްވެވަޑައިގެންނެވި ބޭކަލުންތަކެކެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަކީ، މީސްތަކުންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ލާމަސީލު ނަމޫނާއެކެވެ. އެކަލޭގެފާނު މިސްކީނުންނަށާއި، ހުވަފަތް އަންހެނުންނަށް އެހީވެވަޑައިގަތުމަށްޓަކައި އެ މީހުންގެ ގާތަށް ވަޑައިގެން އެމީހުންގެ ބޭނުންތައް ފުއްދަވައިދެއްވައިފައި ވެއެވެ. 
ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ ޙަދީޘް ފުޅުގައި ބަޔާންކުރައްވާ ތިންވަނަ ކަމަކީ މުސްލިމު އަޚާގެ ދަރަނި ފުއްދައިދިނުމެވެ. ދަރަނި އަދާކުރުމަށްޓަކައި، އަތްމަތި ދަތި މީހާއަށް އިތުރު މުހުލަތު ދިނުމެވެ. ނުވަތަ އޭނާގެ ދަރަނީން ބައެއް ކަނޑައިލައި ދިނުމެވެ. ނުވަތަ ދަރަނި އެއްކޮށް މާފުކުރުމެވެ. މި ކަމުގެ ސަވާބުގެ މަތިވެރިކަމާ މެދު ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ أَنْظَرَ مُعْسِرًا أَوْ وَضَعَ لَهُ، أَظَلَّهُ اللهُ يَوْمَ الْقِيَامَةِ تَـحْتَ ظِلِّ عَرْشِهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ)[3] މާނައީ: "ދަރަނި އަދާކުރަން ޖެހޭ މުއްދަތުގައި ދަރަނި އަދާނުކުރެވުނު، އަތްމަތި ދަތި މީހާގެ ދަރަނި ފަސްކޮށްދިން މީހާއަށް ނުވަތަ އެ ދަރަނީން މިންވަރެއް އުނިކޮށްދިން މީހާއަށް ޤިޔާމަތްދުވަހުން ﷲ އެ ކަލާނގެ ޢަރުޝީގެ ހިޔަލުން ހިޔާވަހިކަން ދެއްވާނެތެވެ." ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެ ކަމަށް ހިތްވަރުދެއްވައި އެ ކަމުގެ ސަވާބާއި ދަރުމައިގެ މަތިވެރިކަން  ބަޔާންކޮށްދެއްވަމުން ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދަރަނި އަދާކުރުން ލަސްކޮށްދިން މީހާއަށް އެއީ ކޮންމެ ދުވަހަކު އެ މިންވަރުން ކުރެވޭ ޞަދަޤާތެކެވެ. އަދި ދަރަނި އަދާކުރުމުގެ އެ މުއްދަތު ހަމަވުމުން، އިތުރަށް ލަސްކޮށްދިނުމަކީ، އެ މިންވަރުން ކުރެވޭ ދެ ޞަދަޤާތެވެ."[4] ކިހައި ބޮޑު ސަވާބެއް ހެއްޔެވެ؟ ކިހައި ބޮޑު ދަރުމައެއް ހެއްޔެވެ؟ 
މާތް ﷲގެ ޙަޟްރަތަށް ލޮބުވެތިވެގެންވާ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ހަތަރުވަނަ ކަމަކީ ބަނޑުހައިހޫނުކަމުގައި ތިބޭ މީހުންނަށް ކާންދިނުމެވެ. ދިވެހީންނަކީ މި ކަމުގައި ވަރަށް ނަމޫނާ ބަޔެކެވެ. ހާރުދަމުގެ ވަގުތުގައި ގެއެއްގައި ތެލީގެފޫ ކަހައިލާ އަޑު އަވަށްޓެރިއަކަށް އިވޭ އިރަށް ކާބޯތަކެތި ހިފައިގެން، އެ ގެއަކަށް ދާ ވާހަކަ ތާރީޚުގެ ފަތްފުށްތަކުން ކިޔަމުއެވެ. ލައިގެންކާނެ އެއްޗެއް ނެތް ގޭގޭގެ މީހުން ބޯތަށި ހިފައިގެން އަވަށްޓެރިޔާގެ ގެއަށް ދިޔުމުން އެ ބޯތަށްޓަށް، ލައިގެން ކާނޭ ތަކެތި އަޅައިދޭ ވާހަކަ އަހަރެމެން  އަޑު އަހަމުއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا آمَنَ بِيْ مَنْ بَاتَ شَبْعَانَ وَجَارُهُ إلَى جَنْبِهِ جَائِعٌ وَهُوَ يَعْلَمُ)[5] މާނައީ: "އޭނާގެ އަވަށްޓެރިޔާ ހައިހޫނުކަން މަތީގައި ވާކަން އެނގޭ އިރު، އޭނާ ބަނޑު ފުރައިގެން ހުންނަ މީހާއީ، ތިމަންކަލޭގެފާނަށް ފުރިހަމައަށް އީމާންވާ މީހެއް ނޫނެވެ." ފަސް ވަނަ ކަމަކީ މީސްތަކުންގެ މުހުތާދުތައް ފުއްދައިދިނުމަށްޓަކައި  މަސައްކަތް ކުރުމެވެ. އެއީ ނަބަވީ ޙަރަންފުޅުގައި މަސްދުވަހު އިޢުތިކާފަށް އިނުމަށް ވުރެ މާތް ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ