ހަފުތާއެއް ތެރޭ ފަށަން މުއިއްޒު ވިދާޅުވި ގޮއިދޫ ސްކޫލުގެ ކްލާސްރޫމުތަކުގެ މަސައްކަތް މަހެއް ވީއިރު ވެސް ނުފެށޭ: އަމީން ހަފުތާއެއް ތެރޭ ފަށަން މުއިއްޒު ވިދާޅުވި ގޮއިދޫ ސްކޫލުގެ ކްލާސްރޫމުތަކުގެ މަސައްކަތް މަހެއް ވީއިރު ވެސް ނުފެށޭ: އަމީން

ރައީސް މުހައްމަދު މުއިއްޒު މިދިޔަ މަހު ށ. ގޮއިދޫއަށް ވަޑައިގެން ހަފުތާއެއް ތެރޭ މަސައްކަތް ފަށާނެ ކަމަށް ބުނި އެ ރަށު ސްކޫލުގެ ކްލާސްރޫމުތައް އެޅުމުގެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް އަދި ވެސް ނުފެށޭ ކަމަށް ގޮއިދޫ ހިމެނޭ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން އަމީން މިފަދައިން ވިދާޅުވީ މިދިޔަ ދެ އަހަރުގެ ބަޖެޓުން އޭނާގެ ދާއިރާއަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވަމުންނެވެ.
އެގޮތުން، ގޮއިދޫ ސްކޫލުގައި އަށް ކްލާސްރޫމް އެޅުމުގެ މަޝްރޫއު ހުއްޓިފައި ހުންނަތާ ދެ އަހަރުފަހުން އަލުން މަސައްކަތް ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި ތާރީހު ފަހަނައަޅާ ދިޔައިރު އެއްވެސް ކަމެއް ނުވާކަން އަމީން ފާހަގަކުރެއްވި އެވެ.
"ރައީސުލްޖުމްހުރިއްޔާ ވަރަށް ފަހުން ށަވިޔަންޏަށް ކުރެއްވި ދަތުރުފުޅެއްގަ ވިދާޅުވެފަ އެބައޮތް އެއް ހަފުތާ ތެރޭ ތިމަން މަނިކުފާނު އެ މަސައްކަތް ފަށާ، ކުރިއަށް އޮތް ދިރާސީ އައު އަހަރު ފެށެންވާއިރަށް އިމާރާތް ބޭނުންކުރެވޭ ވަރު ވާނޭ. އިއްޒަތްތެރި ރައީސް އެއް މަސް ފާއިތުވެ ދިޔައީ. އަދި ހަމަ އެއްވެސް މަސައްކަތެއް އެ އަށް ކްލާސްރޫމުގެ ޕްރޮޖެކްޓަކަށް ކުރިއަކަށް ނުދޭ،" އަމީން ވިދާޅުވި އެވެ.
ރައީސަކު އެގޮތަށް ރަށެއްގެ ރައްޔިތުންނަށް ޔަގީންކަން ދިނީމާ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުން އެކަން އެގޮތަށް ކުރަން ޖެހޭނެ ކަމަށާއި އެކަން ނުކުރެވޭނަމަ ވަޒީރުކަން ނުވަތަ އެހެން ވެސް މަގާމުތަކުގެ ޒިންމާ އާއި ހަވާލު ނުވާނީ ކަމަށް، ނުރުހުންވެ ހުންނަވާ އަމީން މިއަދު ވިދާޅުވި އެވެ.
ގޮއިދޫގައި ހުންނަވާ ކްލާސްރޫމުތަކުގެ މަސައްކަތް ހަފުތާއެއް ތެރޭ ފަށާނެ ކަމަށް މުއިއްޒު ވިދާޅުވީ އޮކްޓޯބަރު 13، ގަ އެވެ. މުއިއްޒު ދެއްކެވި ވާހަކަ މިހާރު ވެސް ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން އެބަހުއްޓެވެ. އެ މަޝްރޫއު ހުއްޓިފައި އޮތުމުން، ކުރިން ހަވާލުކުރި ކުންފުންޏާއެކު ހެދި ކޮންޓްރެކްޓް ބާތިލުކަން އެ ދަތުރުގެ ތެރެއިން ފެނަކަ އާއި މަސައްކަތް ވަނީ ހަވާލުކޮށްފަ އެވެ.
މިއަދުގެ ޖަލްސާގައި އަމީން ވިދާޅުވީ މަސައްކަތް ނުފަށައިގެން އޭނާ އަދި ގޮއިދޫ ކައުންސިލުން ފެނަކައަށް ގުޅުމުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށެވެ.
ގޮއިދޫގެ އިތުރުން އޭނާގެ ދާއިރާގައި ދެން ހިމެނޭ ނޫމަރާގައި ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ ކަމަށާއި އިންޖީނުގޭގެ 80 ޕަސެންޓު ނިމިފައި ހުރި ނަމަވެސް މި ސަރުކާރު އައި ފަހުން މި ވީ ދެ އަހަރު އެއްވެސް މަަަސައްކަތެއް ނުކުރާ ކަމަށް އަދި އެ ރަށުގެ ބަނދަރުގެ މަޝްރޫއު ހުއްޓިފައިވާކަން އަމީން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ބިލެއްފަހީގެ ބަނދަރާއި ސްކޫލުގައި ފެށި ކްލާސްރޫމުތަކާއި ހޯލުގެ މަސައްކަތް މި ސަރުކާރު އައުމާއެކު ހުއްޓިފައި ހުރި ކަމަށާއި ފެނާއި ނަރުދަމާ ނުލިބޭ ކަމަށާއި ކޮމަންޑޫ ސްކޫލުގައި އަޅަން ފެށި ކްލާސްރޫމުތަކާއި ހޯލުގެ މަސައްކަތް އަދި ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށާއި އިންޖީނުގޭގެ ނުނިމި ހުރި ފަސް ޕަސެންޓު ދެ އަހަރު ތެރޭ މި ސަރުކާރުގެ ދެ އަހަރު ނިންމާ ނުދެވުނު ކަން އަމީން ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ