ދަރަނިބޯ ދައުލަތެއްގެ ސިއްކަ ޖެހި ނިމެނީ އެވެ.!

ޤާނޫނުއަސާސީގައި "މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކުގެ" ގޮތުގައި އުފައްދައިފައި ވާ ބައެއް ތަންތަނަކީ އެ ތަންތަން މުސްތަޤިއްލު ކުރުމަކުން ދައުލަތާއި ޙުކޫމަތުގެ ނިޒާމަށް އެއްވެސް އިތުރު ފައިދާއެއް ޙާޞިލު ނުކުރެވޭ ތަންތަނެވެ. އެ ތަންތަން "މިނިވަން" ކުރަނީއޭ ބުންޏަސް، ޙަޤީޤަތުގައި މިނިވަން ނޫން، އަދި ރާއްޖެ މި އޮތް ޙާލަތުގައި މިނިވަން ނުވެސް ކުރެވޭނެ ތަންތަނެވެ. މީގެ އިތުރުން، އެ ތަންތަނަށް ހިނގާ ބޮޑު ޚަރަދާއި، އެ ތަންތަން ހުރުމުން ދައުލަތުގެ ނިޒާމުގެ މުޢައްޤަދުކަމާއި ބިޔުރޯކްރެޓިކް ކަންތައްގަނޑު ބޮޑު ވުން ނޫން އެހެން ނަތީޖާއެއް ނުނުކުންނަ ތަންތަނެވެ. މި ތަންތަން އުވައިލާން ޖެހެއެވެ. އެގޮތުން، މިހާރުން މިހާރަށް އުވައިލާން ޖެހޭ ކަމަށް ފެންނަ ތަންތަނަކީ ހިއުމަން ރައިޓްސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހެވެ. ހިޔުމަން ރައިޓްސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން އުވައިލައި އެ ތަންތަނުގެ މަސައްކަތުން ބައެއް ނުވަތަ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކާ ޙަވާލު ކުރުމުން، މަޖިލިހުން ވެސް ވަކި ރަނގަޅަކަށް ކަން ކުރެވިދާނެހެއްޔޭ، މިއީ ރަނގަޅު ސުވާލެކެވެ. މިހާރުގެ ޙާލަތުގައި، މަޖިލިހުން ވެސް މި މަސްއޫލިއްޔަތުތައް ރަނގަޅަކަށް އަދައެއް ނުކުރެވޭނެއެވެ. ނަމަވެސް ވާނޭ ފައިދާ އަކީ މިހާރު ކުރެވެމުން ދާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ބޭކާރު ޚަރަދު ސަލާމަތް ވުމެވެ. ރަނގަޅަށް މަސައްކަތް ކުރާނެތޯ މި ސުވާލާ މެދު ވިސްނާ ނަމަ، މިހާރު އޮތް ގޮތަށް މުސްތަޤިއްލު ދެ ކޮމިޝަން ބޭއްވިޔަސް، ވަކި ރަނގަޅެއް ނޫނެވެ. ރަނގަޅު ނުވާ ތަނުގައި، ބޭކާރު ޚަރަދުގަނޑެއް ހިނގަނީއެވެ. ވީމާ، އެންމެ ކުޑަ މިނުން މި ހިނދުން މި ހިނދަށް ވެސް އެ ބޭކާރު ޚަރަދުގަނޑު ހުއްޓައިލާން ޖެހެއެވެ. ދެން، މި ދެ މުއައްސަސާގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ ދެ ކޮމިޓީއާ ޙަވާލު ކޮށްފައި، ކުރާން ޖެހޭނޭ މަސައްކަތަކީ ރައްޔިތުންގެ މަޖިލިސް އިޞްލާޙު ކުރުމެވެ. މަޖިލިހަކީ ޤާބިލު، ނަޒާހަތްތެރި، އަދި ޒިންމާދާރު މީހުން ތިބޭ ތަނަކަށް ހަދައިފިއްޔާ، ނުހަނު ރީތިކޮށް މަޖިލިހުން މި ދަންނަވާ މަސްއޫލިއްޔަތުތައް އަދާ ކުރެވޭނެއެވެ. ދެން، ކީއް ކުރާ ވަކި މުއައްސަސާތަކެއް ހެއްޔެވެ؟ދެން އޮތީ ޕްރޮސިކިޔުޓަރ ޖެނެރަލްގެ ސުވާލެވެ. ބޭކާރު މަޤާމެކެވެ. ޕަބްލިކް ޕްރޮސިކިޔުޝަން ޑިޕާޓްމަންޓެއް ބަންޑާރަ ނާއިބުގެ އޮފީހުގެ ދަށުގައި ބެހެއްޓުމުން ނިމުނީއެވެ. ޕްރޮސިކިޔުޓަރ ޖެނެރަލް މުސްތަޤިއްލު މަޤާމެއްގެ ގޮތުގައި ބަހައްޓައި، އޭނާއަށް ބޮޑު އޮފީހެއް ހަދައިދިނީ، އެކަން މިނިވަން ކުރާނަމޭ ހިތައެވެ. މިނިވަން ވެއްޖެހެއްޔެވެ؟ ނޫނެކެވެ! އެއްގޮތަކަށް ވެސް މިނިވަނެއް ނޫނެވެ. ވާނޭ ކަމުގެ އުއްމީދެއް ވެސް ނެތެވެ. ވީމާ، މިނިވަންކަމުގެ "ދޮގު ތޮށިގަނޑު" ދަމަހައްޓާން ވެގެން ވަކި އޮފީހަކަށް ބޭކާރު ޚަރަދު ކުރުމުގެ އެއްވެސް ފައިދާއެއް ނެތެވެ. މީގެ އިތުރުން، ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިއީ ވަކި ކުރާ ދެ މަޤާމެއް ވެސް ނޫނެވެ. ގިނަ ޤައުމުތަކުގައި ޕަބްލިކް ޕްރޮސިކިޔުޝަނަކީ ބަންޑާރަ ނާއިބުގެ އޮފީހުގެ މަސައްކަތުގެ އެއް ބައެވެ. މިކަމާ މެދު އިތުރަށް ބުނާން ޖެހޭ ވާހަކަ އަކީ، ޕްރޮސިކިޔުޝަން ދައުލަތް ހިންގާ ބާރާ ވަކި ކުރުމަކީ، ސިޔާސީ ނުބައި އެދުންވެރިކަން ފަދަ ނުބައި ނިޔަތްތަކުގައި މީހުންނާ ދެކޮޅަށް ޖިނާއީ ދަޢުވާ އުފުލުން ހުއްޓުވުމަށް ޓަކައި ޙަޤީޤަތުގައި މިނިވަން ނިޒާމެއްގައި ވެސް މާކަ ނަތީޖާވެރި ގޮތެއް ނޫންކަމެވެ. ކޮންމެ ގޮތެއް ވިޔަސް، ޖިނާއީ ތުހުމަތު އުފަން ކޮށް، ތަޙްޤީޤު ކުރާނީ ތަންފީޛީ ބާރުންނެވެ. އެމީހުން އެކަން ކުރާ ގޮތް "ޖަޖް" ކުރުމަކީ ޕްރޮސިކިޔުޓަރގެ ޒިންމާއެއް ނޫނެވެ. އެ ޒިންމާ އޮންނަނީ ފަނޑިޔާރުގޭގެ ބޮލުގައެވެ. ވީމާ، މީހުންނާ ދެކޮޅަށް ނުބައި ނިޔަތުގައި ޖިނާއީ ދަޢުވާތައް އުފުލުން ހުއްޓުވުމަށް ޓަކައި އެންމެ ރަނގަޅު ފިޔަވަޅަކަށް ވާނީ ޕްރޮސިކިޔުޝަން މިނިވަން އަދި މުސްތަޤިއްލު މުއައްސަސާއަކަށް ހެދުމެއް ނޫނެވެ. އަދި ކިއެއްތަ، ފަނޑިޔާރުގޭގެ މިނިވަންކަން ހަރުދަނާ ކުރުމެވެ. އަސާސެއް ނެތި، ހަމަހަމަކަމެއް ނެތި، އިންޞާފެއް ނެތި، ވަކި މީހަކާ ދެކޮޅަށް ޖިނާއީ ތަޙްޤީޤު ހިންގުމާއި ޖިނާއީ ދަޢުވާ އުފުލުން ފަދަ ކަންކަން ފުލުހުންނާއި ޕްރޮސިކިޔުޝަނުން ކުރާ ޙާލަތުގައި، އެކަން ކުރުމުގައި ބައިވެރި ވާ މީހުންނާ ދެކޮޅަށް ކޯޓުގެ ޙުރުމަތް ކެނޑުމާއި ޢަދާލަތުގެ ނާޖާއިޒު ބޭނުން ހިފުން ފަދަ ޢަމަލުތައް ތަޖުރީމު ކޮށް ހަރުކަށި އަދަބު ދިނުމުގެ ބާރު ކޯޓުތަކަށް ދީ، މިނިވަންކަމާ އެކު އެ ބާރު ބޭނުން ކުރުމަށް ކޯޓުތަކަށް ޖާގަ ދިނުމެވެ. "މެލިޝަސް ޕްރޮސިކިޔުޝަން" ފަދަ ޢަމަލުތަކުން އަނިޔާ ލިބުމުން، ބަދަލު ހޯދަށް، އެކަމުގައި ޝާމިލު ވާ ދައުލަތުގެ މުއައްސަސާތަކާއި، އެ މުއައްސަސާތަކުގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް މަދަނީ ދަޢުވާތައް ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ދިނުމެވެ. މި ކަންކަން ކުރުމާ އެކު، ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީސް ވެސް އުވައިލައި، ޕްރޮސިކިޔުޝަން ބަންޑާރަ ނާއިބުގެ އޮފީހުގެ ބަޔަކަށް ހަދާން ވީއެވެ. ސަތޭކައެއް ސަތޭކަ ފަންސާހެއްހައި މިލިއަން ސަލާމަތް ކުރެވޭނެ އެވެ.މި އުޅެނީ ދައުލަތުގައި ފައިސާ ގިނަ ވެގެންނެއް ނޫނެވެ. ދަރަނި ވެރި ވެ، ދަރަނިބޯ ދައުލަތެއްގެ ސިއްކަ ޖެހި ނިމެނީ އެވެ. ދެންވެސް ވީ ބޭކާރު ހުރިހައި ޚަރަދުތައް ހުއްޓައިލާށެވެ.ނޯޓް: މި ލިއުމަކީ ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދުގެ ފޭސްބުކް ސަފުހާއިން ނަގައިފައިވާ ލިއުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ