މެންޗެސްޓާ (އޮކްޓޫބަރު 25) - މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ހޭދަކުރަމުން އަންނަނީ ޖުމްލަކޮށް ކާމިޔާބު އަހަރުތަކެއް ކަމަށް ބެލެވޭނެ ކަންކަން ހުރި ނަމަވެސް ހުރިހާ ކަމެއް ފުރިހަމަވާނީ ޓްރޮފީތަކެއް ހޯދައިގެން ކަމަށް އެ ޓީމުގެ ކެޕްޓަން، ޕޯޗުގީސް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ބުނެފި އެވެ.
ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، 30، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އޭނާ ވަނީ، ފުރަތަމަ ފަހަރަށް 2022 ވަނަ އަހަރު ޔުނައިޓެޑާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓް އޮތީ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފެނާންޑޭސް، ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަަކަތަކެއް ދެކެވެން ފެށުމާ އެކު، އެ ކްލަބުން މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ ފެނާންޑޭސްގެ ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ.
ފެނާންޑޭސްގެ އެ އެއްބަސްވުމުގައި އިތުރު އެއް އަހަރަށް ކޮންޓްރެކްޓް އާ ކުރެވޭނެ މާއްދާއެއް ހިމެނެ އެވެ. އަދި، އެ އެއްބަސްވުން ހަމަވުމުގެ ކުރިން، އިންގްލެންޑް ނޫން ގައުމެއްގެ ކްލަބަކުން، 60-70 މިލިއަން ޑޮލަރުގެ އޮފާއެއް އައިސްފިނަަމަ، ކްލަބް ދޫކޮށްލުމުގެ އިހުތިޔާރު ފެނާންޑޭސަށް އޮވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ފެނާންޑޭސް މި ސީޒަނަށް ފަހު، ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އެކަމަކު، ޔުނައިޓެޑަށް 300 މެޗު ކުޅެން ތައްޔާރުވަމުން އަންނަ ފެނާންޑޭސް ބުނީ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.
"އަހަންނަށް ނޭނގޭ ވާހަަކަތަކެއް އަހަރެންގެ މުސްތަގުބަލާ ބެހޭގޮތުން ލިޔެވިފައި އެ ހުރީ، އެހެންވީމަ، ނޭނގޭ ވާހަކަތަކެއް ނުދެއްކޭނެ، އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ، އިންޑިވިޖުއަލީ އަހަރެން ޔުނައިޓެޑްގައި ކާމިޔާބު ވިޔަސް، އެ ފުރިހަމަ ކުރަން އަހަރެން ބޭނުންވަނީ ބޮޑެތި މުބާރާތްތަކުގެ ޓްރޮފީ، ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ފަދަ މުބާރާތްތައް ކާމިޔާބުކުރުން،" ފެނާންޑޭސް ބުންޏެވެ.
ފެނާންޑޭސްގެ 300 ވަނަ މެޗުގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭއިރު، ޔުނައިޓެޑް ވަނީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ބްރައިޓަންއާ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ. އެކަމަކު، ޔުނައިޓެޑުން ލީގުގައި މިދިޔަ ހަފްތާގައި ލިވަޕޫލް ދަނޑުގައި މޮޅުވެގެން ވަނީ، 35 މެޗު ތެރޭ ފުރަތަމަ ފަހަރަށް ލީގުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވެފަ އެވެ.
ޔުނައިޓެޑްގައި ކާމިޔާބީ ފުރިހަަމަ ކުރަން ފެނާންޑޭސް އަށް މަދުވަނީ ޓްރޮފީ ޔުނައިޓެޑްގައި ކާމިޔާބީ ފުރިހަަމަ ކުރަން ފެނާންޑޭސް އަށް މަދުވަނީ ޓްރޮފީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ