ފިލްމު 'ޕަރަމް ސުންދަރީ' އެމެޒޯން ޕްރައިމްގައި ސްޓްރީމްކުރަން ފަށައިފި

މިދިޔަ އޮގަސްޓް މަހު ސިނަމާތަކުގައި އެޅުވި ފިލްމު "ޕަރަމް ސުންދަރީ" އިއްޔެއިން ފެށިގެން އެމެޒޯން ޕްރައިމް ވީޑިއޯގައި ސްޓްރީމްކުރަން ފަށައިފިއެވެ. ތުޝާރު ޖަލޯޓާގެ އަމިއްލަ ސްކްރިޕްޓަކަށް ލިޔެ ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކް ކޮމެޑީގެ ލީޑް ތަރިންނަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރުންގެތެރޭ ހިމެނޭ ސިދާތު މަލްހޯތުރާ އާއި ޖާންވީ ކަޕޫރެވެ. މި ދެތަރިން އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރި މި ފިލްމަކީ މެޑްޑޮކް ފިލްމްސްއިން ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް ގެނެސްދިން ފިލްމެކެވެ. މި ފިލްމު އެމެޒޯން ޕްރައިމް ވީޑިއޯއަށް ދޫކޮށްލުމާ އެކު އިންޑިއާ ހިމެނޭހެން އިތުރު 200 ޤައުމަކަށް ފިލްމު މިހާރު ފެންނާނެއެވެ. މުޅިން ތަފާތު ދެ ސްޓޭޓަކަށް ނިސްބަތްވާ ދެ ޒުވާނުންގެ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމަށް ކްރިޓިކުން ރޭޓްކޮށްފައިވަނީ 10/3.9އިންނެވެ. ފިލްމު "ޕަރަމް ސުންދަރީ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ މިއީ އެވްރެޖް ރޭޓިންގްއެއް ކަމަށްވިޔަސް ފިލްމަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. ޚާއްސަކޮށް ބަތަލާ ޖާންވީ ކުޅުނު ކެރެކްޓާއަށް ފިލްމުގައި އިންސާފުކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. ފިލްމުގައި ގެނެސްދިން ވާހަކައިގެ އިތުރުން ފިލްމުގެ މިއުޒިކަށް ވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. އިންޑިއާގެ ކެރެލާ ސްޓޭޓްގެ ގުދުރަތީ ރީތިކަން ވަރަށް ރަނގަޅަށް ދައްކުވައިދިން ފިލްމުން ސައުތު ސިނަމާގެ މިއުޒިކުގެ ރަހަތައް އެކުލެވިފައިވާ ކަމަށް ގިނަ މީހުން ވަނީ ބުނެފައެވެ. ޚާއްސަކޮށް ފިލްމުގައި ސޯނޫ ނިގަމްގެ އަޑުން ގެނެސްދިން ލަވަ "ޕަރުދޭސިޔާ"އަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. މި ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ޖާޏްވީގެ ބޮޑު ބޭބެ ސަންޖޭ ކަޕޫރު ވެސް ފެންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ