ސައިބާ ކްރައިމް ހުއްޓުވުމަށް މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި ރާއްޖޭން ބައިވެރިވެއްޖެ

އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ނުވަތަ ސައިބާ ކްރައިމް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި މިއަދު ރާއްޖެއިން ބައިވެރިވެއްޖެއެވެ. ސައިބާ ކްރައިމް ހުއްޓުވުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމް"ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ރުހުން ދީފައެވެ. އެ މުއާހަދާގައި ގަައުމުތަކުން ސޮއިކުރަން ފަށައިފައިވަނީ، ސައިބާ ކްރައިމްއާ ދެކޮޅަށް، ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދާ މަތީ ފަންތީގެ ކޮންފަރެންސްގައެވެ. އެ މުއާހަދާގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. https://x.com/abkhaleel/status/1981938471431451047 އެ މުއާހަދާގައި ސޮއިކުރުމަކީ ތާރީޚީ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ޚަލީލް ވިދާޅުވީ، އެއީ ރައްކާތެރި ޑިޖިޓަލް މުސްތަގުބަލެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން، ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ޖަޒީރާ ގައުމުތަކަކީ ސައިބާ ނުރައްކާ އިތުރަށް އޮތް ގައުމުތަކެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ޚަލީލް ވިދާޅުވީ، އެ ގޮންޖެހުންތައް އޮތަސް، ރާއްޖޭނެ ފަހަތަށް ނުޖެހޭނެ ކަމަށާއި، މި މުއާހަދާގައި ސޮއިކޮށް، ސައިބާ ކުށްތަކާ ދެކޮޅަށް ކުރާ ބައިނަލްއަގުވާމީ މަސައްކަތުގައި މި ގައުމުން ބައިވެރިވާނެ ކަމަށެވެ. ރާއްޖޭގައި ސައިބާ ކުށްތައް އިތުރުވެ، އެފަދަ ކުށްތައް މަދުކުރުމަށް ފުލުހުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ޑިޖިޓަލް ނުރައްކާތައް ދެނެގަނެ، ކުށް މަދުކުރަން ސައިބާ ސެކިއުރިޓީ ސެންޓަރެއް މިދިޔަ އޮގަސްޓު މަހު ހުޅުވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ