ބޮޑުކަމުދިޔުން ފަސޭހަކުރުމަށް ފައިބަރަށް ވުރެ ކާނާ މުހިންމު ބޮޑުކަމުދިޔުން ފަސޭހަކުރުމަށް ފައިބަރަށް ވުރެ ކާނާ މުހިންމު

ބަނޑު ހަރުވެ ބޮޑުކަމުދިޔުން އުނދަގޫވުމަކީ ބައެއް މީހުންނަށް އާންމު ގޮތެއްގައި ވެސް ދިމާވާ މައްސަލައެކެވެ. އެފަދަ މީހުންނަށް ޑޮކްޓަރުން ދޭ ލަފަޔަކީ، ކެއިން ބުއިމުގައި ފައިބަރު އެކުލެވޭ ކާނާ ބޭނުންކުރުމެވެ. އޭރުން، ހަޖަމު ފަސޭހަވެ ބަނޑު ހަރުވުމުގެ މައްސަލަ ހަމައަކަށް އެޅުވެއެވެ.
ކިންގްސް ކޮލެޖް ލަންޑަންގެ ދިރާސާ ޓީމަކުން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ފައިބަރު އެކުލެވޭ ކާނާ ގިނައިން ބޭނުންކުރުމަކީ، މި މައްސަލައިގެ ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި މުހިންމު ދެ ބާވަތެއްގެ ކާނާއަށާއި ބޯފެނަށް އިސްކަން ދިނުމުން މައްސަލަ ހައްލުވީއެވެ.
އެ ގޮތުން ބޭނުންކުރަން އެންމެ ރަނގަޅު އެއްޗަކީ ކީވީ މޭވާ އާއި ރައި ބްރެޑް އެވެ. ދެން ބޯންވީ މިނެރަލް އެއްކޮށްފައި ހުންނަ ފެނެވެ. ކެއުމުގައި ކޮންމެ ދުވަހަކު ވެސް މި ބާވަތްތައް ބޭނުންކުރުމުން، ބަނޑު ހަރުވުމުގެ މައްސަލަ ހައްލުވެ، ބޮޑުކަމުދިޔުން ފަސޭހަވެގެންދާނެއެވެ.
ދިރާސާ ޓީމުން ބުނި ގޮތުގައި ބަނޑު ހަރުވެ ބޮޑުކަމުދިޔުމުގެ މައްސަލަ ދާއިމީ ގޮތެއްގައި ތަހައްމަލުކުރަން ޖެހިފައިވާ މީހުންނަށް އޮތް އެންމެ ރަނގަޅު ގޮތަކީ، ކީވީ މޭވާ އާއި ރައި ބްރެޑް އާއި މިނެރަލް ފެން ބުއިމެވެ. އެއްކޮށްފައި ހުންނަ ފެނެވެ. އޭގެ އިތުރުން ޔީސްޓާއި ބެކްޓީރިއާ އެކުލެވޭ ޔޯގަޓް ފަދަ ތަކެތި ކެއުމުގައި ހިމެނުމަކީ ވެސް، މި މައްސަލައަށް ހޯދިދާނެ އިތުރު ހައްލެކެވެ.
މި ދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނި ގޮތުގައި ބަނޑު ހަރުމުގެ މައްސަލަ ކުރިމަތިވާ މީހުންނަށް، މިހާތަނަށް ދެމުން އައި އިރުޝާދުތަކަކީ، އެ މައްސަލައަށް އެކަށޭނަ ހައްލެ ހޯދައިދޭ ފަދަ އިލްމީ ބުރަދަނެއް ހުރި އިރުޝާދުތަކެއް ނޫނެވެ. ސަބަބަކީ، ގިނައިން ފައިބަރު އެކުލެވޭ ކާނާ ކެއުމަކީ، ބަނޑު ހަރުވުމުގެ މައްސަލަ ހައްލުކޮށްދޭ ކާނާއެއްކަން ކަށަވަރުކުރެވޭ ވަރުގެ އިލްމީ ހެކިތަކެއް، ދިރާސާއިން ކަށަވަރުނުވާތީއެވެ.
އެހެންކަމުން، ބަނޑު ހަރުވުމުގެ މައްސަލަ ކުރިމަތިވާ މީހުން އަމަލުކުރަންވީ ގޮތުގެ މައްޗަށް އެކުލަވާލައި ސައެންސްވެރިން މިހާރު ކަނޑައަޅާފައިވާ އިރުޝާދުތައް މިހާރު ވަނީ، ޖާނަލް އޮފް ހިއުމަން ނިއުޓްރީޝަން އެންޑް ޑައިޓެޓިކްސް އާއި ނިއުރޯގެސްޓްރޯއެންޓެރޮލޮޖީ އެންޑް މޮޓިލިޓީގައި ޝާއިއުކޮށްފައެވެ. އިނގިރޭސި ވިލާތުގެ ޑައިޓެޓިކް އެސޯސިއޭޝަނުން މިހާރު ވަނީ މި އިރުޝާދުތައް ބަލައިގަނެ އެކަން އިއުލާންކޮށްފައެވެ.
ސައެންސްވެރިން ބުނާ ގޮތުގައި ބޮޑުކަމުދިޔުން އުނދަގޫވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެކުލަވައިލި މި އާ އިރުޝާދުތަކަކީ، ބޭސްވެރިކަމުގެ އުކުޅުތަކުގެ ބަދަލުގައި ކާބޯތަކެތީގެ ޒަރީއާއިން މައްސަލަ ހައްލުކޮށްދޭނެ އިރުޝާދުތަކެކެވެ. ބަނޑު ހަރުވެ ބޮޑުކަމުދިޔުން ދަތިވުމަކީ، އާންމު ދިރިއުޅުމުގެ އެތައް ކަމަކަށް ހުރަސްއެޅި، ބޭސްފަރުވާގެ ކަންކަމަށް އެތައް ހަރަދެއް ކުރަންޖެހި އެތައް ވަގުތެއް ގެއްލޭ ކަމެކެވެ.
ރައި ބްރެޑަކީ ރައި ގޮވާމާއި އެހެން ބައެއް ބާވަތުގެ ގޮވާމުގެ ފުށް އެއްކޮށްގެން ފިހެފައި ހުންނަ ޕާނެކެވެ. ރައި އަކީ، ގޮދަނަށް ވުރެ ބޮޑު އަދި އާދައިގެ ހަނޑުލަށް ވުރެ ތަންކޮޅެއް ކުރު ފަލަކޮށް ހުންނަ ގޮވާމުގެ ބާވަތެކެވެ. މި ބާވަތުގެ ގޮވާން އާންމު ގޮތެއްގައި ހައްދަނީ ރަޝިޔާ އާއި އިރުމަތީ އަދި އުތުރު ޔޫރަޕްގެ ގައުމުތަކުގައެވެ. ގޮވާމުގެ އެހެން ބާވަތްތަކާ އަޅައި ބަލާއިރު ރައި އަކީ، ބިންގަނޑު ދެރަ ތަންތަނުގަޔާއި ފިނި ސަރަހައްދުތަކުގައި ފަސޭހައިން ހެއްދޭ ގޮވާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ