އޭޝިއަން ޔޫތު ގޭމްސް 2025: އިކުރާމާއި ޝަރަފްގެ ޕެއާއަށް ރަނގަޅު ތަޖުރިބާތަކަކާއެކު ބޮޑު އުންމީދެއް
ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025ގައި ލިބުނީ މުހިންމު ތަޖުރިބާއެއް ކަމަށާއި، އޭޝިއާ ފެންވަރުގެ ގޭމްސްއެއްގައި ލިބުނު ނަތީޖާއާމެދު ހިތްހަމަޖެހޭ ކަމަށް ގައުމީ ޒުވާން ފިރިހެން ބީޗް ވޮލީ ޕެއާއިން ބުނެފިއެވެ. ޔޫތު ގޭމްސްގެ ފިރިހެން ބީޗް ވޮލީ އިވެންޓްގައި ރާއްޖޭގެ މުހައްމަދު އިކްރާމް އިސްމާއީލް ރަޝީދާއި އަބްދުﷲ ޝަރަފް އަލީ ވާދަކުރީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ރާއްޖޭގެ ޕެއާއިން ފުރަތަމަ ކުޅުނު މެޗުގައި ގަތަރު ކައިރިންވެސް ސެޓެއް ގެންގޮސް، ދެން ކުޅުނު މެޗުގައި ސްރީ ލަންކާ ކައިރިންވެސް ސެޓެއް ގެންދިޔައެވެ. އޭގެ އިތުރުން ބަހްރެއިން ކައިރިންވެސް ސެޓެއް ގެންގޮސް، ރަނގަޅު ވާދައެއްކޮށްފައިވެއެވެ. މެޗުގައި ބަހްރެއިނުން 2-1 ސެޓުން ކުރި ހޯދި ނަމަވެސް، ޝަރަފާއި އިކުރާމް ރަނގަޅު ވާދައެއް ކުރިއެވެ. ބަހްރެއިންގެ ކައްރާރް ޔައުގޫބާއި ހުސައިން ވަރްގާ ކައިރިން ރާއްޖޭގެ ޕެއާ ވަނީ 21-19 އިން ފުރަތަމަ ސެޓު ގެންގޮސްފައެވެ. ދެވަނަ ސެޓާއި ތިންވަނަ ސެޓު ބަހްރެއިނުން ގެންދިޔައީ 21-12 އަދި 15-7 އިންނެވެ. މެޗަށް ފަހު ރާއްޖޭގެ ޕެއާ ކަމަށްވާ ޝަރަފާއި އިކުރާމް ބުނީ މި ފެންވަރުގެ މުބާރާތެއްގައި ވާދަކޮށްގެން ކުޅުން އެއީ ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި، އިތުރު ފަރިތަކުރުންތަކާއި ބުރަ މަސައްކަތާއެކު ކުރިއަށް އޮތް ތަނުގައި އޭޝިއާ ފެންވަރުގެ މެޗުތަކުން މޮޅުވުމުގެ އުންމީދު ލިބިއްޖެ ކަމަށެވެ. ޚާއްސަކޮށް ބުރަ މަސައްކަތާއެކު އޭޝިއާ ގައުމުތަކާ އަރާ ހަމަކުރެވޭނެކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ދެ ކުޅުންތެރިންވެސް ފާހަގަކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ