ޑައިރެކްޓަރު ސަންދީޕް ރެޑީގެ ފިލްމު 'ސްޕިރިޓް'ގެ ޓީމަށް ވިވެކް

ފިލްމު "އެނިމަލް" އަދި ކަބީރު ސިންގް"ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ އާ ފިލްމު "ސްޕްރިޓް"އަށް ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއި ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފިލްމަށް ވިވެކް ސޮއިކޮށްފައިވާކަން ފިލްމުގެ ލީޑް އެކްޓަރު ޕްރަބާސްގެ 46ވަނަ އުފަންދުވަހާ ގުޅުވައިގެން ބެލުންތެރިންނަށް ދައްކާލީ ހާއްސަ ޓީޒާއިން ވެސް ވަނީ ކަށަވަރުވެފައެވެ. މި އޯޑިއޯ ޓީޒާގައި ފިލްމު "ސްޕިރިޓް"ގެ ވަރަށް މުހިއްމު ރޯލްތަކުން ފިލްމީ ތަރިން ކަމަށްވާ ޕްރަކާޝް ރާޖް އާއި ކާންޗަނާ ވެސް ފެންނާނެކަން ވަނީ ހާމަކޮށްފައެވެ. މި ފިލްމުގައި ޕްރަބާސްއާއެކު ބަތަލާގެ ރޯލްއިން ފެންނާނީ ބޮލީވުޑްގެ އެންމެ ބޮޑު ޑިމާންޑު އޮންނަ ބަތަލާއިންގެތެރޭ ހިމެނޭ ތްރިޕްތީ ދިމްރީއެވެ. ތްރިޕްތީއަށް ގިނަ ބައެއްގެ ސަމާލުކަން ލިބެންފެށީ ސަންދީޕް ގެނެސްދިން ފިލްމު "އެނިމަލް"ގައި ބަތަލާ ކުޅުނު 'ބޯލްޑް' ކެރެކްޓާގެ ސަބަބުންނެވެ. ޕްރަބާސް އަދި ފިލްމު 'ސްޕިރިޓް'ގެ ބަތަލާ ތުރިޕްތީ--ފޮޓޯ/ބޮލީވުޑްހަންގާމާ ރިޕޯޓުތައް ބުނާގޮތުން ޕްރަބާސް ފިލްމުގައި ފުލުހެއްގެ ރޯލްއިން ފެންނާނެއިރު ތުރިޕްތީ ފިލްމުގައި ކުޅެނީ ޑޮކްޓަރެއްގެ ރޯލެވެ. ފިލްމުގައި ވިވެކްގެ ކެރެކްޓާއާ ބެހޭ މައުލޫމާތު ހިއްސާކޮށްފައި ނެތް ނަމަވެސް ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި މި ފިލްމުގައި ވިވެކް ފެންނާނީ ވަރަށް ވަރުގަދަ ވިލެންއެއްގެ ކެރެކްޓާއިންނެވެ. މިފަހުން ވިވެކް ކުޅެފައިވާ ގިނަ ފިލްމުތަކުގައި އެކްޓަރު ކުޅުނު ނެގެޓިވް ރޯލްތައް ބެލުންތެރިންނަށް ވަރަށް ބޮޑަށް ވަނީ ކަމުގޮސްފައެވެ. ސަންދީޕްގެ ފިލްމަކުން ފުރުސަތު ލިބުމާ ގުޅިގެން ވިވެކް ބުނީ، އެހާ ވަރުގަދަ އެކްޝަން ފިލްމަކުން ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށެވެ. އަދި ވިވެކްގެ ޝެޑިއުލް ފަށާނެ ދުވަހަކަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ވެސް އެކްޓަރު ވަނީ ބުނެފައެވެ. ވިވެކް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އަންނަ މަހުގެ 21ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "މަސްތީ 4"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ