މިލިޔުން ޚާއްޞަކޮށް މިލަނީ ކެތްތެރިވުމަކީ ކޮބާކަމާއި ކެތްތެރިވުމުގެ އެންމެ މަތީ ދަރަޖަ ޢާއިބެހޭ ގޮތުން ސުވާލުކުރައްވާ ކިޔުންތެރިންނަށް ޖަވާބެއްގެ ގޮތުންނެވެ. އިން ޝާ ﷲ
ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ ބަޔާންކުރައްވަން ޢިލްމްވެރިން ތަފާތު ޢިބާރާތް ބޭނުންކުރައްވަވައެވެ. މިސާލަކަށް ފާފަކުރެވޭ މީހެއްގެ ގާތު ކެތްތެރިކަމުގެ އެންމެ މަތީ މިންވަރަކީ ހަވާނަފުސްގެ އެދުންތަކަށް ނުހެއްލި ޘާބިތުވުން ކަމަށް ވިދާޅުވެފާނެއެވެ. ތަޤްވާވެރިއެއްގެ ގާތުގައި ވިދާޅުވާއިރު އެއީ ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ވަކީލްކުރުން ކަމަށްވެސް ވިދާޅުވެދާނެއެވެ. އެހެނީ މިއިން ކޮންމެ ކަމަކީވެސް ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖައެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ އިސްލާމް ދީނުގައި ކެތްތެރިވުން އޮންނަނީ ބަލިމަޑުކަމާއި ތަދުމަޑުކަން ފަދަ މުޞީބާތްތަކަށް އެކަނި ކަމަށެވެ. ނަމަވެސް އެއީ އަދި މުޅިން ރަނގަޅު ނިންމުމެއް ނޫނެވެ. އެއީ ވެސް ކެތްތެރިކަމުގެ އެއް ބައެވެ.
ޝައިޠާނާ ކިތަންމެ ވަރަކަށް ވަސްވާސް ދިން ނަމަވެސް ފާފައަކަށް އަރައި ނުގަނެ ހުރުމަކީ ކެތްތެރިވުމެވެ. ބައެއް ޢިލްމުވެރިން ޤަބޫލުކުރައްވާ ގޮތުގައި ފާފަކުރަން ފުރުޞަތު ލިބުމުން ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަ ނުކުރުމަކީ ކެތްތެރިކަމުގެ ހަމަ އެންމެ މަތީ ދަރަޖައިގައި ހިމެނޭ ކަމެކެވެ.
ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖައިގައި އަޅުކަން ކުރުމުގައި ޘާބިތުވުންވެސް އެބަ އޮތެވެ. އެއީ ކޮންމެ ފަދަ ދަތިހާލެއް ކުރިމަތިވި ނަމަވެސް އަޅުކަންކުރުން މަތީގައި ސާބިތުވެ ހުރުމެވެ. އެއިގެތެރޭގައި ސުންނަތް ރޯދަ ހިފުމާއި ދަމުނަމާދާއި ފަތިސްނަމާދުކުރުމުގައި ސާބިތުވެހުރުންވެސް ހިމެނެއެވެ.
ކެތްތެރިކަމާއިއެކު ކުރިމަތިލާށެވެ! ސާބިތުކަމާއިއެކު ދެމިހުންނާށެވެ! ކުރިމަތިވާ ހުރިހާ ހުރަސްތަކެއް ގިރާކުރަން މަސައްކަތްކުރާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ސާބިތުކަމާއިއެކު ދެމި ހުންނާށެވެ! އެއިރުން އެދެވެނީ ހަމަ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖައަށެވެ.
ކެތްތެރިކަމުގެ އެންމެ މަތީދަރަޖައަކީ ކުރިމަތިވާ ކޮންމެ ޙާލަތަކާއި ގުޅިގެންވެސް ﷲ ތަޢާލާއަށް ވަކީލްކުރުމެވެ. އެއީ ކިތަންމެ ހިތްދަތިކަމެއް ނަމަވެސް އަދި ކިތަންމެ ބޮޑު ނިޢްމަތެއް ނަމަވެސްމެއެވެ. އެސިފަ ބަޔާންކުރަމުން އެއީ ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުން ކަމުގައިވެސް ބުނެވިދާނެއެވެ.
އެހެނީ އެއްވެސް ކަމެއްގައި ނުބައި މިންވަރެއް ނުއޮންނާނެއެވެ. ކޮންމެ ކަމެއްވެސް، ކޮންމެ ޙާލަތެއްވެސް ކުރިމަތިކުރައްވަވަނީ ﷲ ތަޢަލާކަން ހިތުގެއަޑިން ޤަބޫލުކުރެވޭ ނުބައި މިންވަރު އޮންނަކަމަކަށް ޤަބޫލެއް ނުކުރާނެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ ލިބިގަތުމަށް ކުރަންހުރީ ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަންކަން ބައިވަރު އެބަހުރިކަން އެނގޭތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ