ރައީސް އާއި އިންފަންޓީނޯގެ ފުޓުބޯޅަ މެޗެއް: ކާމިޔާބު ކުރީ އިންފަންޓީނޯގެ ޓީމު

ރަސްމީ ދަތުރެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ރައީސް މުހައްމަދު މުއިއްޒު ކެޕްޓަންކަން ކުރެއްވި ދެ ޓީމަކުން މިއަދު ހަވީރު ރަސްމީ ދަނޑުގައި ފުޓުބޯޅަ މެޗެއް ކުޅެފި އެވެ.
ތަފްސީލް - އެފްއޭއެމްގެ ކިޑްސް ފުޓްބޯލް ފެސްޓިވަލްގައި ކުޅުނު ހާއްސަ އެގްޒިބިޝަން މެޗު 4-6 ލަނޑުން ކާމިޔާބުކުރީ އިންފަންޓީނޯގެ ޓީމުންނެވެ.
ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔަ މި މެޗުގައި:
ރައީސްގެ ޓީމުގައި ބައިވެރިވެ ވަޑައިގެންނެވީ ނައިބު ރައީސް ހުސެން މުހައްމަދު ލަތީފާއި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން
އިންފަންޓީނޯގެ ޓީމުގައި ހިމެނުނީ އިޓަލީގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ މާކޯ މަޓަރާޒީ އާއި ކުރީގެ ދިވެހި މަޝްހޫރު ކުޅުންތެރިން
މެޗަށް ފަހު، ފެސްޓިވަލްގައި ބައިވެރިވާ ކުދިންނަށް ރައީސް އާއި އިންފަންޓީނޯ އޮޓޯގްރާފް ދެއްވި
މެޗު ފެށުމުގެ ކުރިން، ރައީސް މުއިއްޒާއި އިންފަންޓީނޯ ވަނީ، ދިވެހި ފުޓުބޯޅައިގެ ޑައިމަންޑް ޖުބިލީ ލޯގޯ އިފްތިތާހުކޮށްދެއްވާފަ އެވެ.
އިންފަންޓީނޯ މިއަދު ރައީސް މުއިއްޒުއާ ރައީސް އޮފީހުގައި ބައްދަލު ކުރައްވައި، ދިވެހި ފުޓުބޯޅަ ކުރިއެރުވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
އެނގުން މުހިއްމު - ރާއްޖޭގައި ރަސްމީ ސިފައެއްގައި ފުޓުބޯޅަ މުބާރާތްތައް ބާއްވަން ފެށީ 1950ގެ އަހަރުތަކުގަ އެވެ. އޭގެ ފަހުން 1982ގައި އެފްއޭއެމް އުފައްދައި ރާއްޖެ ފީފާގެ މެމްބަރަކަށްވީ 1986 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ