މެޓާ އާއި ޓިކްޓޮކް ޓްރާންސްޕޭރެންސީ ގާނޫނާ ޚިލާފުވި މައްސަލައެއް!

އެމެރިކާގެ ބޮޑު ޓެކް ކުންފުނި މެޓާ (ފޭސްބުކް އަދި އިންސްޓަގްރާމް ހިމެނޭ) އާއި ޗައިނާގެ މިލްކިއްޔާތުގައިވާ ސޯޝަލް މީޑިއާ އެޕް ޓިކްޓޮކް އިން، ދިރާސާކުރާ ފަރާތްތަކަށް އާންމު ޑޭޓާ ފުރިހަމައަށް ފޯރުކޮށްދިނުމުގެ ގާނޫނީ ވާޖިބާ ޚިލާފުވެފައިވާކަމަށް ޔޫރަޕިއަން ކޮމިޝަން (އީޔޫ) އިން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ ހުކުރު ދުވަހު ނެރުނު ތަހުގީގެއްގެ އިބްތިދާއީ ނަތީޖާތަކުގައެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ބޮޑެތި ޓެކް ކުންފުނިތަކަށް "ޑިޖިޓަލް ސާވިސަސް އެކްޓް" (ޑީއެސްއޭ) ގެ ދަށުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މި ގާނޫނުގެ ދަށުން، ސޯޝަލް މީޑިއާ ސައިޓްތަކާއި ސާޗް އިންޖީނުތައް ފަދަ ބޮޑެތި ޕްލެޓްފޯމްތަކުން ގާނޫނާ ޚިލާފު އަދި ގެއްލުންހުރި މުއާސަލާތްތައް ފެތުރުން ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. https://sun.mv/208799 އީޔޫ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ދިރާސާކުރާ ފަރާތްތަކަށް ޕްލެޓްފޯމްތަކުގެ ޑޭޓާ ފޯރުކޮށްދިނުމަކީ ޑީއެސްއޭގެ ދަށުން ލާޒިމުކުރާ މުހިންމު ޓްރާންސްޕޭރެންސީ ވާޖިބެކެވެ. އެއީ ޕްލެޓްފޯމްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ހަށިގަނޑާއި ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތައް އާންމުންނަށް ބަލައި ފާސްކުރުމުގެ ފުރުސަތު ދިނުމަށެވެ." ކޮމިޝަނުން އިތުރަށް ބުނެފައިވަނީ މެޓާގެ ފޭސްބުކް އާއި އިންސްޓަގްރާމް އިން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މާއްދާތަކާއި ޓެރަރިސްޓް މުއާސަލާތްތައް ފަދަ ގާނޫނާ ޚިލާފު މާއްދާތައް ފާހަގަކޮށް، ރިޕޯޓްކުރުމަށް ފަސޭހަ އަދި އާންމުކޮށް ބޭނުންކުރެވޭނެ އުސޫލެއް ފޯރުކޮށްދީފައި ނުވާކަމަށެވެ. އީޔޫގެ އިޖުރާއީ ބަޔާނުގައިވާ ގޮތުން، "ކޮމިޝަންގެ އިބްތިދާއީ ނަތީޖާތަކުން ދައްކާ ގޮތުގައި ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް އިން ވަނީ ދިރާސާކުރާ ފަރާތްތަކަށް އާންމު ޑޭޓާއަށް އެދި ހުށަހެޅުމަށް އުނދަގޫ އިޖުރާއަތްތަކާއި އިތުރު ލާޒިމުތަކެއް ތަންފީޒުކޮށްފައެވެ." މީގެ އިތުރުން، މެޓާގެ މެކޭނިޒަމްތަކުގައި ބޭނުންކުރަނީ "އޮޅުވާލަނިވި އިންޓަފޭސް ޑިޒައިންތައް" ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ގާނޫނާ ޚިލާފު މާއްދާތައް ފާހަގަކޮށް ނައްތާލުމުގެ މަސައްކަތް އަސަރުކުޑަ ވެގެންދާކަމަށް ވެސް ކޮމިޝަނުން ބުނެއެވެ. މި ކުންފުނިތަކަށް މިހާރު ވަނީ ކޮމިޝަންގެ ނަތީޖާތައް ދިރާސާކޮށް، ގާނޫނުތަކާ ޚިލާފުވެފައިވާ ކަންތައްތައް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ދީފައެވެ. ނަމަވެސް މި އިބްތިދާއީ ނަތީޖާތަކަކީ ތަހުގީގުގެ އެންމެ ފަހުގެ ނަތީޖާކަމަށް ނުބެލެވޭނެކަމަށް ވެސް އީޔޫ އިން ބުނެއެވެ. މެޓާގެ ތަރުޖަމާނަކު ރޮއިޓާސްއަށް ވިދާޅުވީ، ޑީއެސްއޭ އާ ޚިލާފުވެފައިވާކަމަށް ބުނާ ބުނުމާ އެކު އެ ކުންފުނިން އެއްބަސްނުވާ ކަމަށާއި، ކޮމިޝަނާ އެކު މަޝްވަރާކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. ޓިކްޓޮކްގެ ތަރުޖަމާނަކު ވިދާޅުވީ، އެ ކުންފުނިން ޓްރާންސްޕޭރެންސީއަށް ލޯބިކުރާ ކަމަށާއި، ނަމަވެސް ޑޭޓާގެ ރައްކާތެރިކަމަށް ޑީއެސްއޭ އިން ލާޒިމުކުރާ ކަންތައްތަކާއި ޔޫރަޕްގެ ޑޭޓާ ރައްކާތެރިކުރުމުގެ ގާނޫނު (ޖީޑީޕީއާރު) އާ ދެމެދު މައްސަލަތަކެއް ހުރިކަމަށެވެ. އަދި މި ދެ ގާނޫނުގެ ވާޖިބުތައް އެއްގޮތްކުރެވޭނެ ގޮތެއްގެ ސާފުކަމެއް ދިނުމަށް އެދޭކަމަށް ވެސް ވިދާޅުވިއެވެ. ތަހުގީގުގެ ނަތީޖާތައް ކަށަވަރުވެއްޖެނަމަ، މި ކުންފުނިތަކަށް އެ ކުންފުނިތަކުގެ އަހަރީ ގްލޯބަލް ވިޔަފާރީގެ 6 އިންސައްތައާ ހަމައަށް ބޮޑު ޖޫރިމަނާއެއް ކުރެވިދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ