ތުޅާދޫ މިސްކިތަކުން ގަބުރުކަށި ފެނުން: "މިނިސްޓަރު ހަދަނީ ދޮގު، ހަންނާން އުޅުނީ މަސްލަހަތު ގެއްލުވަން"
މިދިޔަ ބުދަ ދުވަހު، ބ. ތުޅާދޫ ތުޅާދޫ، މަސްޖިދުއްރަހްމާން އަލުން ބޭނުންކުރަން ފެށޭނެ ތާރީޚަކާމެދު ސުވާލުކުރައްވައި، ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އުޅުއްވީ ރަށުގެ މަސްލަހަތު ގެއްލުވައިލަން ކަމަށާއި، އެ ސުވާލަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ހެއްދެވީ އިތުރުފުޅުކަމަށް ތުޅާދޫ ކައުންސިލުން ތުހުމަތުކޮށްފިއެވެ. ތުޅާދޫ، މަސްޖިދުއްރަހްމާނުން ގަބުރުކަށި ފެނިގެން އެ މިސްކިތް ބަންދުކޮށްފައި ހުންނަތާ މިހާރު ވަނީ ވަރަށް ގިނަ ދުވަސް ވެފައެވެެ. އެހެންވެ، މިދިޔަ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޝަހީމް ހާޒިރުކުރުމުން، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން ސުވާލުކުރެއްވީ ތުޅާދޫ، މަސްޖިދުއްރަހްމާން ސާފުކުރުމުގެ މަސައްކަތް ގޮސްފައި އޮތް ހިސާބާއި، އަލުން މިސްކިތް ހުޅުވޭނެ ތާރީޚަކީ ކޮބައިތޯއެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ އެ ފަދަ ކަމެއް ދިމާވުމުން އާންމު އުސޫލުން ކުރާ ކަމަކީ، އެ ތަނެއް ކޮނެ ސާފުކޮށް، ކަށިތައް ނައްތައިލައި، ސާފުވެލި އަޅައި އަލުން ހުޅުވުންކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ މިސްކިތް އަލުން ހުޅުވަން ބޭނުންވާކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ގަބުރުކަށި ސާފުކުރުމުގެ މަސައްކަތަށް ރަށުގެ ކައުންސިލުން އެކަމަށް އެއްބާރުލުން ނުދޭކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު ވެސް އެކިފަހަރު މަތިން ކައުންސިލްގެ އިސް ބައެއް ބޭފުޅުންނާ ވާހަކަދެއްކީމު. އަދި މިނިސްޓްރީން ވަފުދުތައް ވެސް އެ ރަށަށް ޒިޔާރާތްކުރި. އެހެންނަމަވެސް ރަށުގެ ކައުންސިލުން ދަނީ އެކަމަށް ވަރަށް ބޮޑެތި ހުރަސްތައް ކުރިމަތިކުރަމުން،" ޝަހީމް ވިދާޅުވިއެވެ. އެއާއެކު މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން، ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށް އެ ތަން ސާފުކޮށް މިސްކިތް ހުޅުވަން މަސައްކަތްކުރަމުން އަންނަކަމަށެވެ. އެ ވާހަކަތައް ދޮގުކޮށް އިއްޔެ ކައުންސިލުން ނެރުނު ބަޔާނުގައިވަނީ ކައުންސިލަށް ރައްދުވާގޮތަށް މިނިސްޓަރު ހެއްދެވީ އިތުރުފުޅުކަމަށެވެ. އަދި އެ މައްސަލައިގައި ކަން ހިނގި ގޮތުގެ ރިޕޯޓު ވެސް ވަނީ އާންމުކޮށްފައެވެ. ކައުންސިލުން ބުނީ، ގަބުރުކަށި ފެނުނު ތަން ސާފުކުރަން މިނިސްޓްރީން ފައިސާގެ އެހީތެރިކަން ދޭނެ ކަމަށް މި އަހަރުގެ ކުރީކޮޅު، ފެބްރުއަރީ 10ވަނަ ދުވަހާއި އެ މަހުގެ 16ވަނަ ދުވަހު އެންގިކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފައިސާ ނުލިބޭ ކަމަށް ބުންޏެވެ. މީގެ އިތުރުން ކައުންސިލުން ބުނީ މިކަމާ ގުޅިގެން ރަށަށް ޒިޔާރަތްކުރި ތިން ބޭފުޅުންގެ ވަފުދުގެ ޚަރަދުތައް ވެސް ހަމަޖެއްސީ ކައުންސިލުން ކަމަށާއި، އެއީ ގަބުރުކަށި ހުރިތޯ ބަލަން އައި ވަފުދެއް ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ދީނީ ޚިޔާލުތަފާތުވުން ހުރި ކަންކަން އޮޅުންފިލުވައިދޭމް އެއްވެސް އިލްމުވެރިއެއް އައިކަން ކައުންސިލަށް އެނގިފައިނުވާކަމަށް ހަތް ކައުންސިލަރުން ސޮއިކުރައްވައި ނެރުނު ބަޔާނުގައިވެއެވެ. އަދި މިސްކިތުގެ މައްސަލައިގައި ހަންނާން ސުވާލުކުރެއްވީ ގަސްދުގައި ރަށުތެރޭގެ މަސްލަހަތު ގެއްލުވައިލަން ކަމަށް ވެސް ކައުންސިލުން ތުހުމަތުކުރިއެވެ. އެ ބަޔާނާ ގުޅިގެން ޑެޕިއުޓީ މިނިސްޓަރެއްގެ ފެންވަރުގައި އިސްލާމީ މަރުކަޒުގެ އިމާމުގެ ގޮތުގައި އައްޔަން ކުރައްވައިފައިވާ ޝެއިޚް އިބާރްހިމް ރަޝީދު ހަަސަން ވިދާޅުވީ އެ ރަށުގެ މަސްޖިދުއްރަޙްމާނުގައި ގަބުރުކަށި ހުރިތޯ ބެލުމަށް، އިސްލާމިކް މިނިސްޓްރީން ދިޔަ ވަފުދުގައި، ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން އޭނާ ވެސް ހުންނެވި ކަމަށެވެ. އަދި އެ އެ ދަތުރުގެ ތެރެއިން އެ ކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ދީނީގޮތުން ޚިޔާލު ތަފާތުވުން ހުރި ބައެއް ކަންކަމާބެހޭގޮތުން ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބުދީ، ދީނީ ދަރުސެއް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ. "ވީމާ، މިކަމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން، ދީނިީގޮތުން ކަން އޮތްގޮތް ބަޔާން ކޮށްދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ދޭހަވާފަދަ ޢިބާރާތަކުން އެ ރަށު ކައުންސިލުން ބަޔާން ނެރުއްވިކަމީ ހިތާމަކުރާކަމެވެ،" ފޭސްބުކްގައި އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ