ނޮޓިފިކޭޝަނަށް ޚާއްޞަ އަޕްޑޭޓެއް ގެލެކްސީ ފޯނުތަކަށް އަންނަނީ

ސެމްސަންއިން އުފައްދާ ގެލެކްސީ ފޯނުތަކަށް އަންނަ އާ އަޕްޑޭޓް ވަން ޔޫއައި 8.5 އާ އެކު، ނޮޓިފިކޭޝަންތަކަށް ޚާއްޞަ އައު ފީޗާއެއް ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފީޗާއަށް ދީފައިވާ ނަމަކީ "ޕްރަޔޯރިޓައިޒް ނޮޓިފިކޭޝަންސް" އެވެ. މި އައު ފީޗާގެ މައިގަނޑު މަޤްސަދަކީ، ފޯނު ބޭނުންކުރާ ފަރާތްތަކަށް އެންމެ މުހިންމު ނޮޓިފިކޭޝަންތައް ފަސޭހަކަމާއެކު ފެންނަން ހުރުމަށް މަގުފަހިކޮށްދިނުމެވެ. ޚަބަރުތައް ބުނާ ގޮތުގައި، މި ފީޗާގެ ސަބަބުން، އިސްކަންދޭންޖެހޭ ނޮޓިފިކޭޝަންތައް އެހެން އާދައިގެ ނޮޓިފިކޭޝަންތަކަށްވުރެ މަތީގައި ފެންނާނެއެވެ. މި ފީޗާއަކީ ސެމްސަންގްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސޫޓް ކަމަށްވާ ގެލެކްސީ އޭއައިގެ ބައެއްގެ ގޮތުގައި ހިމެނޭނެ ކަމަށް ލަފާކުރެވޭ ފީޗާއެކެވެ. މި ފީޗާގެ ތަފްސީލުގައިވާ ގޮތުން: "މުހިންމުކަމަށް ބެލެވޭ ނޮޓިފިކޭޝަންތައް، އެހެން ނޮޓިފިކޭޝަންތަކަށްވުރެ މަތީގައި ފެންނާނެއެވެ. އެއީ އެ ނޮޓިފިކޭޝަންތައް ނުފެނި ދިއަ ނުދިނުމަށްޓަކައެވެ." ބޭނުންކުރާ ފަރާތްތަކަށް ކޮންމެ އެޕްލިކޭޝަނަކަށް ވަކިން އިސްކަންދޭ ނޮޓިފިކޭޝަންތައް ކަނޑައެޅުމުގެ އިޚްތިޔާރު ވެސް މިފީޗާއިން ލިބޭނެއެވެ. މީގެ އިތުރުން، މި ފީޗާގެ އެންމެ ޚާއްސަ އެއް ކަމަކީ، ނޮޓިފިކޭޝަންތައް ފޯނުގެ ތެރޭގައި (އޮން-ޑިވައިސް) ޕްރޮސެސް ކުރާނެ ކަމެވެ. އެހެންކަމުން، ޑޭޓާ ޕްރޮސެސް ކުރުމަށް ކްލައުޑް ސާވާއެއް ބޭނުންކުރާކަށް ނުޖެހޭނެއެވެ. މިއީ ބޭނުންކުރާ ފަރާތުގެ ޕްރައިވެސީ (އަމިއްލަ ސިއްރު) ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިހާރު ބޭނުންކުރަމުންދާ އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ ވަން ޔޫއައި 8 ގެ ފުޅާ ރޯލްއައުޓަށްފަހު، ސެމްސަންގް އިން މިހާރު ދަނީ ވަން ޔޫއައި 8.5 ޓެސްޓުކުރަމުންނެވެ. މި އާ އަޕްޑޭޓްގައި ލޮކް ސްކްރީން ނޮޓިފިކޭޝަންތަކަށް ބްލަޑް އިފެކްޓެއް ގެނައުމާއި، ލޮކް ސްކްރީން ގަޑީގެ ސްޓައިލްތައް އާކުރުން ފަދަ އިތުރު ބަދަލުތަކެއް ހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ވަން ޔޫއައި 8.5 ރަސްމީކޮށް ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އަންނަ އަހަރުގެ ކުރީކޮޅު ނެރެން ހަމަޖެހިފައިވާ ގެލެކްސީ އެސް26 ސީރީޒް އާ އެކު މި އަޕްޑޭޓް ޢާންމުކުރާނެ ކަމަށް ލަފާކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ