މި ވޭތުވެދިޔަ ފަސް ވަރަކަށް އަހަރުގެތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކައުންސިލްތަކުން ކުލަގަދަކޮށް މުބާރާތްތައް ބޭއްވުނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދިން މާލީބާރާއި އިހްތިޔާރުންކަމުގައި ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ށ އަތޮޅުގައި ބާއްވާ ފޯރިގަދަ މިލައުތުރު ފުޓްސަލް މުބާރާތް ނިންމާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މޭޔަރ އާތިފް ވިދާޅުވީ، މިފަދަ ކުޅިވަރު މުބާރާތްތައް ވޭތުވެދިޔަ ފަސްވަރަކަށް އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި ކުލަގަދަކޮށް ކައުންސިލްތަކުން ބާއްވާތަން ފެނިއްޖެ ކަމަށެވެ.
އޭގެ ހަގީގީ ސިއްރަކީ ހަގީގަތުގައި ލާމަރުކަޒީ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާއި 9 އިސްލާހްގެ ތެރެއިން ކައުންސިލްތަކަށް ލިބިދިން މާލީބާރާއި އިހްތިޔާރުގެ ސަބަބުންކަމުގައި އާތިފް ފާހަގަކުރެއްވި އެވެ.
އާތިފް ވިދާޅުވީ، މިފަދަ މުބާރާތާއެކު ރަށްރަށުގެ އިޖުތިމާއީ ރޫހާއި އެކުވެރިކަން ބަދަހިވެ ގުޅުން އިތުރުވާ ކަމަށާއި އަދި ރަށްރަށުގެ އިގްތިސޯދީ ގޮތުންވެސް ކުރިއެރުން ލިބޭކަން އާތިފް ފާހަގަކުރެއްވި އެވެ.
"އެހެންވުމުން އަޅުގަނޑު މިއަދު އެދޭ އެންމެ ބޮޑު އެދުމަކީ ރަށްރަށުގެ ކަންތައް، ރަށްރަށުން ނިންމުމުގައި އަޅުގަނޑުމެން ރައްޔިތުން ބަސްބުނެވޭ ގޮތަށް އޮތް އޮތުން ދިފާއުކުރުމަށް އަޅުގަނޑުމެން ހުރިހާ ރައްޔިތުންވެސް މަސައްކަތްކޮށްދޭށޭ." މޭޔަރ އާތިފް ވިދާޅުވި އެވެ.
ރަށްރަށަށް އިތުރަށް މާލީ ބާރުވެރިކަން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ރައްޔިތުންނާއި ކައުންސިލަރުންނާއި މަޖިލިސް މެންބަރުން ގުޅިގެން ކުރުމަށް އާތިފް އެދިލެއްވި އެވެ.
އާތިފް އިތުރަށް ވިދާޅުވީ، ތަރައްގީގެ މަސައްކަތުގައި އާއި ކުޅިވަރުތަކުގައި ބޮޑުތިލަދުންމަތީގެ ރަށްރަށުން ގުޅިގެން ވަރުގަދަ މަސައްކަތެއްކޮށްފިނަމަ ބޮޑުތިލަދުންމަތި ބޮޑުކޮށް ވަރުގަދަކޮށް ފެންނާނެކަމަށެވެ. އަދި އެ މަގުން މަސައްކަތް ކޮށްދިނުމަށް ބޮޑުތިލަދުންމަތީގެ ރައްޔިތުންގެ ކިބައިން އާތިފް އެދިލެއްވި އެވެ.
މި ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ރަށްރަށުގައި ކުލަގަދަ މުބާރާތްތައް ބޭއްވުނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބުނު ބާރުގެ ސަބަބުން: އާތިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ