އދ.ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ)ގެ އެފިލިއޭޓް މެމްބަރުންގެ ބޯޑު މެމްބަރަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިންތިހާބުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔޫއެން ޓޫރިޒަމްގެ ބޯޑަށް މަޓީ އިންތިހާބުވީ 2026-2029ގެ ދައުރަށެވެ. މިއީ އެ ބޯޑަށް ދިވެހި ޖަމިއްޔާއެއް އިންތިހާބުވި ފުރަތަމަ ފަހަރެވެ.
ތަފްސީލު - އެ މަގާމަށް މަޓީ ވާދަކުރީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އެ ބޯޑުގައި ކަނޑައަޅާފައިވާ ދެ ޖާގައިގެ ތެރެއިން ޖާގައަކަށެވެ. އަދި އެ ބޯޑުގައި މަޓީ ތަމްސީލުކުރައްވާނީ އެ ޖަމިއްޔާގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އައްސަދު އަލީ އެވެ.
އައްސަދު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަންނަވާ ބޯޑު ބައްދަލުވުން އޮންނާނީ އަންނަ މަހު 11ގައި ސައުދީ އަރަބިއްޔާގެ ރިޔާދުގަ އެވެ.
ބޯޑް އޮފް އެފިލިއޭޓް މެމްބަރުންގެ މައިގަނޑު ޒިންމާއަކީ ޔޫއެން ޓޫރިޒަމް ސެކްރެޓަރީ ޖެނެރަލްއަށް ލަފާދިނުމާއި އެ ޖަމިއްޔާގެ ލަނޑުދަނޑިތަކަށް އެއްގޮތަށް މަސައްކަތް ކުރުމަށް މެމްބަރުންނަށް ބާރު އެޅުމެވެ.
އެ ބޯޑު އެކުލެވިގެންވަނީ އިންތިހާބީ 20 މަގާމުގެ މައްޗަށެވެ. އޭގެ ތެރޭގައި ދުނިޔޭގެ ހަ ސަރަހައްދަކުން އިންތިހާބުކުރާ 12 ރީޖަނަލް މެމްބަރުންނާއި އަށް ގްލޯބަލް މެމްބަރުން ހިމެނެ އެވެ.
މަޓީއަށް ޔޫއެން ޓޫރިޒަމްގެ އެފިލިއެޓް މެމްބަރުކަން ލިބުނީ ޔޫއެންޑަބްލިއުޓީއޯގެ 23 ވަނަ ޖެނެރަލް އެސެމްބްލީގައި، 11 ސެޕްޓެމްބަރު 2019 ގައެވެ. މިއީ ރާއްޖޭޭގެ ޖަމިއްޔާއަކަށް ޔޫއެން ޓޫރިޒަމްގެ މެމްބަރުކަން ވެސް ލިބުނު ފުރަތަމަ ފަހަރެވެ.
އދ.ގެ ޓޫރިޒަމާ ބެހޭ ޖަމިއްޔާގެ އެފިލިއެޓް މެމްބަރުންގެ ބޯޑަށް މަޓީ އިންތިހާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ