ކައިވެންޏަކީ ދިރިއުޅުމުގެ ދެބައިކުޅައެއްބައެވެ. ކައިވެނި ހަރުދަނާ ގޮތުގައި ނުދެމެހެއްޓިއްޖެނަމަ ދިރިއުޅުމުގެ އެއްބައި އެދަނީ ބަނގުރޫޓުވެގެންނެވެ. ދެން އޮތް ބައާއިގެން ފުރިހަމަ ދިރިއުޅުމެއް ދިރިއުޅުމަކީ ކާކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟ އެފަދަ މީހުން ތިބޭނީ ސަތޭކައަކުން އެކެކެވެ.
ކައިވެނި ދެމެހެއްޓުމަކީ އެހައި ފަސޭހަ ކަމެއް ކަމަށް ނުދެކޭށެވެ! އެއީ ބޮޑު ކަމެކެވެ. ބުރަ މަސްއޫލިއްޔަތެކެވެ. އެއްވެސް ދެ މީހަކީ ހުރިހާ ކަމެއްގައި ޚިޔާލު އެއް ގޮތް ދެމީހަކަށް ނުވާނެއެވެ. ވީމާ ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް މައްސަލަތައް ހުންނާނެއެވެ. އަހަރެމެންނަށް އޮތީ އެކަން ޤަބޫލުކޮށްގެން ދިރިއުޅެން މަސައްކަތްކުރުމެވެ. އެކަކު އަނެކަކަށް އިޙްތިރާމް ކޮށްގެން ދިރިއުޅުމެވެ. މިބުނި ކަންކަމަށް ވިސްނައިގެން ދިރިއުޅޭނަމަ ނުލިބިގެން އެންމެން މިއުޅޭ ލޯބި ދާނީ ލިބެމުންނެވެ. ޙަޔާތް ދާނީ އުޖާލާވަމުންނެވެ. ބާއްޖަވެރިވަމުންނެވެ.
ވިސްނަންވީ މިދުނިޔެއަކަށް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ދާން ޖެހޭނެ ދުވަހަށެވެ. އެދުވަހު ސަލާމަތްކަން ހޯދޭނެ ގޮތްތަކަށެވެ. ވީމާ ކައިވެނި ދެމެހެއްޓޭނެ ގޮތްތަކަށް ވިސްނުމުގެ މުހިންމުކަން މިވަރުންވެސް އެނގިގެންދެއެވެ.
"ތިއަބައިމީހުންނަށްޓަކައި ހަމަތިއަބައިމީހުންގެ ނަފުސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 21)
މިއާޔަތުގައި އަހަރެމެންގެ ނަފްސްތަކުން އަނބިން ހެއްދެވިކަން އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެއްކިތަކުގެ ތެރެއިން ހެއްކެއް ކަމުގައި ބަޔާން ކުރައްވަވާފައި އޮތުމުން އެކަނިވެސް މި ދެއްކި ވާހަކަތަކުގެ ދަލީލަކަށް ފުދިގެންދެއެވެ.
ކައިވެނިކުރުމުގެ މުހިންމުކަން މިހާބޮޑުއިރުވެސް ބައެއް މީހުން ކައިވެނިނުކޮށް ތިބޭ ސަބަބެއްކަމަށް ބުނަނީ އޭނާ ބޭނުންވާ ހުރިހާ ކަމަކަށް ރުހޭނެ މީހަކާ ބައްދަލުނުވުން ކަމަށެވެ. އެއީ ޢުމުރު ހުސްވަންދެން އިންތިޒާރުކުރިޔަސް ބައްދަލުވާނެ މީހެއް ނޫނެވެ. ވީމާ އެމީހުންނަށް އޮތީ ސުވަރުގެ ވަދެވެންދެން ކެތްތެރިވުމެވެ. އެކަމަކު ބޮޑަށް ވިސްނެނީ އެފަދަ މީހުންނަށް ސުވަރުގެ ވަދެވެން އުނދަގޫވާނެ ކަމަށެވެ. ސަބަބަކީ އެކަނި ހުރުމަކީ ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވޭ ކަމަކަށްވާތީއެވެ.
ވިސްނާށެވެ! ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. އެކަކު ބޭނުންވާ ހުރިހާކަމަކަށް އަނެކާއަށް ރުހެވުމަކީ ވަރަށް ނުވާނެކަމެކެވެ. ވީމާ އަހުރެމެންނަށް އޮތީ އެކަމުގައި ހަރުކަށިނުވުމެވެ. ދެމީހުން މަޝްވަރާކޮށްގެން ކަންކަން ޙައްލުކުރުމެވެ. ދޫދޭންޖެހޭ ކަންކަމުގައި ދޫދިނުމެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން
ތިމާ ބޭނުންވާ ހުރިހާ ކަމަކަށް ރުހޭނެ ބައިވެރިއަކަށް އިންތިޒާރުކުރާ މީހަކަށް ޖެހޭނީ ސުވަރުގެ ވަދެވެންދެން މަޑުކުރަން! އެމީހަކު ދުނިޔެއަކުން ނުފެންނާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ