އައިފޯނުން އެންޑްރޮއިޑަށް ޑޭޓާ ބަދަލުކުރަން އެޕަލްއިން އެޕެއް ހަދަނީ
ޓެކްނޮލޮޖީގެ ދުނިޔޭގައި އެއް ޕްލެޓްފޯމުން އަނެއް ޕްލެޓްފޯމަށް ބަދަލުވުމަކީ އަބަދުވެސް އޮންނަ އުނދަގޫ ކަމެކެވެ. އެގޮތުން، އައިފޯނު ބޭނުންކުރާ ފަރާތްތަކުން އެންޑްރޮއިޑް ފޯނަކަށް ބަދަލުވާއިރު، އެމީހުންގެ އެޕްލިކޭޝަންތަކުގެ ޑޭޓާ ގެންދިއުމަކީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް، އެޕަލް ކުންފުނިން މިހާރު ވަނީ "އެޕްމައިގްރޭޝަންކިޓް" ގެ ނަމުގައި އާ ފްރޭމްވޯކެއް ތަރައްޤީކުރަން ފަށާފައެވެ. https://sun.mv/212238 މި ފްރޭމްވޯކްގެ މައިގަނޑު މަޤްޞަދަކީ، އެއް ފަހަރުން އެޕްލިކޭޝަންތަކުގެ ޑޭޓާ (މަޢުލޫމާތު) އައި.އޯ.އެސް ޑިވައިސްތަކުން އެންޑްރޮއިޑް ފަދަ އެހެން ޕްލެޓްފޯމްތަކަށް ބަދަލުކުރުމުގެ މަސައްކަތް ޑިވެލޮޕަރުންނަށް ފަސޭހަކޮށްދިނުމެވެ. އެކަމަކު މިކަން ހާސިލްކުރެވޭނީ އައި.އޯ.އެސް 26.1 އަދި އައިޕެޑްއޯއެސް 26.1 ނުވަތަ އެއަށްވުރެ ފަހުގެ ވާރޝަންތައް ބޭނުންކޮށްގެންނެވެ. މިހާރު މި ފްރޭމްވޯކް އޮތީ ބީޓާ ސްޓޭޖް (ޓެސްޓިން މަރުހަލާ) ގައެވެ. އެޕްމައިގްރޭޝަންކިޓްގެ ސަބަބުން ޑިވައިސް އަލަށް ސެޓްއަޕްކުރާ ވަގުތު، މި ފްރޭމްވޯކްއާ ގުޅިފައިވާ ހުރިހާ އެޕްތަކެއްގެ ޑޭޓާ އޭގެތެރޭގައި އަމިއްލައަށް ހިމެނޭނެއެވެ. ޑިވެލޮޕަރުންނަށް ޑޭޓާ އެކްސްޕޯޓްކުރުމާއި އިމްޕޯޓްކުރުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ. މި ފްރޭމްވޯކް މަސައްކަތްކުރާނީ އެޕަލްގެ އާ "ޓްރާންސްފާ ޓު އެންޑްރޮއިޑް" ފީޗާއާ އެކުގައެވެ. މި ފީޗާ ހިމެނެނީ އައިފޯނުގެ ސެޓިންގްސްގެ ތެރޭގައެވެ. އެޕަލް އިން ވަނީ މި ފްރޭމްވޯކް ހާއްސަކޮށްފައިވަނީ ހަމައެކަނި އެއް ޕްލެޓްފޯމުން އަނެއް ޕްލެޓްފޯމަށް ޑޭޓާ ބަދަލުކުރުމަށް ކަމަށް ބުނެފައެވެ. އެހެންކަމުން، އައި.އޯ.އެސް ޑިވައިސްތަކާއި އައިޕެޑްއޯއެސް ޑިވައިސްތަކުގެ މެދުގައި ޑޭޓާ ބަދަލުކުރުމަށް މި ފްރޭމްވޯކް ބޭނުމެއް ނުކުރެވޭނެއެވެ. މިކަމާ ގުޅިގެން އެޕަލް އިން ލަފާދީފައިވާ ގޮތުގައި، އެންޑްރޮއިޑް ޕްލެޓްފޯމްގައި ވެސް މިފަދަ "ޓްރާންސްފާ ޓު އައިފޯން" ފަންކްޝަނެއް ތަރައްޤީކުރެވިގެންދާނެއެވެ. މިކަމުގެ ފެށުމެއްގެ ގޮތުގައި، އެންޑްރޮއިޑްގައި އީސިމް މައިގްރޭޝަން ޓޫލެއް މިހާރު ވަނީ ތައާރަފްކުރެވިފައެވެ. އެޕަލް އިން ރަސްމީކޮށް މި ފްރޭމްވޯކް ޢާންމުކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިކަމާބެހޭ ލިޔުންތައް ޝާއިޢުކޮށްފައިވާތީ، މިއީ ވަރަށް އަވަހަށް ޢާންމުކުރެވޭނެ ފީޗަރެއް ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން އައިފޯނުން އެންޑްރޮއިޑަށް ބަދަލުވާ ފަރާތްތަކަށް ލިބިގެންދާނެ ލުއިފަސޭހަތަކަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ