އައްޑޫ ވޯޓު ނަގަން ނެރުއްވީ ޣައިރު ދުސްތޫރީ ގަރާރެއް، ވޯޓު ސައްހައެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު
އައްޑޫ ސިޓީގެ ފޭދުއާއި މީދުއާއި ހުޅުދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން އަންނަ ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފަށް ނަގާ ވޯޓެއް ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުالله ދީދީ މިއަދު ވިދާޅުވެއްޖެއެވެ. އައްޑޫގެ ހިތަދުއަށް އުފަން އަބްދުالله ދީދީ "އެކްސް"ގައި ލިޔުއްވި ގޮތުގައި ހޮނިހިރު ދުވަހު ނަގާ ވޯޓަކީ ގާނޫނުއަސާސީގެ 115ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، އެ މާއްދާގެ (ޏ)ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ނަގާ ވޯޓެކެވެ. ގާނޫނުއަސާސީގެ 115ވަނަ މާއްދާގެ (ޏ)ގައިވާ ގޮތުން، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެއެވެ. އެހެންކަމުން ގާނޫނުއަސާސީއަށް އިޝާރާތްކުރައްވައި ދީދީ ލިޔުއްވިގޮތުގައި، ގައުމީ މުހިންމު މައްސަލަތަކަކީ ކޮބައިކަން ތަރުޖަމާކުރަން ވާނީ ސައްހަ މިންގަނޑެއްގެ މައްޗަށް ބިނާކޮށެވެ. https://x.com/AABDULLADIDI/status/1981296012724752743 ދީދީ ފާހަގަކުރެއްވި ގޮތުގައި ގައުމީ މުހިންމު މައްސަލަތަކުގެ ގޮތުގައި ހިމެނެނީ ދައުލަތުގެ ސިޔާދަތާއި، ގައުމީ ސަލާމަތާއި، ޚާރިޖީ ސިޔާސަތާއި ދުސްތޫރީ ބޮޑެތި ބަދަލުތަކާއި އިސްލާހުތައް ފަދަ މައްސަލަތަކެވެ. ވުމާއެކު މުޅި ދައުލަތް އޭގައި ޝާމިލުނުވާ ވަކި އިދާރީ ދާއިރާއަކާ ގުޅިފައިވާ އިދާރީ މައްސަލަތަކަކީ ގައުމީ މުހިއްމު މައްސަލައެއްކަމަށް ބަލައި، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި ނަގާ ވޯޓަކީ ޣައިރު ދުސްތޫރީ ބާރުގެ ބޭނުންކޮށްގެން ނަގާ ވޯޓެއްގެ ގޮތުގައި ދީދީ ލިޔުއްވާފައިވެއެވެ. https://sun.mv/212860 އެހެންކަމުން އައްޑޫގައި ޚިޔާލު ހޯދުމުގެ ވޯޓު ނަގާ ގޮތަށް ރައީސް ނެރުއްވި ގަރާރުތަކަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ދުސްތޫރީ ބާރުގެ އިމުން ބޭރުން ނެރުއްވި ގަރާރުތަކެއް ކަމަށް ބެލެވޭތީ އެ ގަރާރުތައް ކަމާބެހޭ މުސްތަގިއްލު ކޯޓުން ބަލައި ބާތިލްކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ދީދީ ލިޔުއްވާފައިވެއެވެ. އިތުރަށް ދީދީ ފާހަގަކުރެއްވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން އިދާރީ ދާއިރާތަކާއި، މަގާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމެވެ. އަދި، ރާއްޖޭގައި ލާމަރުކަޒީ ދާއިރާތައް ކަނޑައެޅުމާއި އެ ދާއިރާތައް ހިންގަން ކައުންސިލްތައް އުފައްދަންވާނީ ގާނޫނުއަސާސީއާއި ގާނޫނުގައި ވާގޮތުގެ މަތިންކަން އެނގެން އެބައޮތް ކަމަށް ވެސް ފާހަގަކުރެއްވިއެވެ. https://sun.mv/212912 "މިގޮތުން އައްޑުއަތޮޅަކީ ސިޓީއެއް ކަމަށް މީލާދީން 2011 ވަނަ އަހަރު ޢިޢުލާންކުރެވުމަށް ފަހު އައްޑޫސިޓީ ލާމަރުކަޒީ އުސޫލުން ހިންގުމަށް ސިޓީ ކައުންސިލެއް އުފެދިގެން ދިއުމުން، އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިސާސް އެ ސިޓީގައި ޝާމިލްވާ އެންމެހައި އިދާރީ ޔުނިޓްތަކުގެ މައްޗަށް ހިނގަންޖެހޭނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ." ދީދީ ލިޔުއްވާފައިވެއެވެ. "އެހެންކަމުން، އައްޑޫ ސިޓީއަށް ނިސްބަތްވާ ވަކި ޔުނިޓަކަށް އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިސާސުން ބޭރުވެ، ވަކި ކައުންސިލެއް އުފެއްދުމުގެ ބާރު ދުސްތޫރީގޮތުންނާއި ގާނޫނީ ގޮތުން ލިބިގެން ނުވެއެވެ." ނަމަވެސް ރައީސްގެ ގަރާރުގައި ފާހަގަކޮށްފައިވާ، ފޭދުއާއި މީދުއާއި ހުޅުދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް، ގާނޫނުއަސާސީއާއި ގާނޫނުގެ ތެރެއިން، އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސޯސަށް އޭގެ އަސަރު ނުކުރާނެ ފަދަ ގޮތަކަށް ދުސްތޫރީ އަދި އިދާރީ ހައްލުތައް ހޯދައިދެވިދާނެ ކަމަށް ދީދީ ވިދާޅުވެފައިވެއެވެ. "އެ ޙައްލުތަކުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ ސަބް ކައުންސިލްތަކެއް އައްޑޫ ސިޓީގެ ބައެއް ދާއިރާތަކުގައި ގާއިމުކުރުން ހިމެނެއެވެ." ރައީސް ޑރ. މުޙައްމަދު މުއިއްޒު، އައްޑޫ ސިޓީ ކައުންސިލާއެކު: ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު ނަގަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް އައްޑޫގެ ރަށްތަކުގައި ވަކިން ކައުންސިލެއް އުފައްދަން ފެނޭތޯ ހޮނިހިރު ދުވަހު ވޯޓެއް ނަގާއިރު، އެ ވޯޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ބަހުސްކުރަމުންނެވެ. ބައިބައިވެގެން ލިބޭނެ ކުރިއެރުމެއް ނެތް ކަމަށް ބުނެ އެއް ބަޔަކު ސިޓީ ކައުންސިލްގެ ދަށުގައި އޮންނަން ތާއީދުކުރާއިރު އަނެއް ބަޔަކު ބޭނުންވަނީ ވަކި ކައުންސިލްތައް އުފައްދައިގެން ނަފާ ހޯދާށެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީއާއި ބަައެއް ޖަމިއްޔާތަކުން ވަނީ އަވަސް އަރުވާލައިގެން ވޯޓު ނަގަން އުޅޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީޕީގެ އިތުރުން ބައެއް ޖަމިއްޔާތަކުން ވެސް ވަނީ އައްޑޫ ވޯޓު ބާއްވާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ޕްރޮޖެކްޓް ތިމާވެށްޓާއި މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަނާއި ޒީރޯ ވޭސްޓް މޯލްޑިވްސްއިން ގުޅިގެން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައިވަނީ، އެ ވޯޓުގެ ނަތީޖާގެ އަސަރު މުޅި ސިޓީގެ އެންމެންނަށް ކުރާނެ ކަމަށާއި، އެހެންވެ ވޯޓުގައި ސިޓީގެ އެންމެން ބައިވެރިނުކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ