އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގެ ތެރެއިން ފެނަކަ ކޯޕަރޭޝަނުން އެ ސިޓީއަށް ގެންދަން ނިންމާފައިވާ ތިން ޖަނަރޭޓަރުގެ ތެރެއިން 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް އެ ސިޓީއަށް ގެންގޮސްފި އެވެ.
ޖަނަރޭޓަރު އައްޑޫއަށް ބާލާ މަންޒަރު ފެންނަ ފޮޓޯތަކާއެކު ފެނަކައިން މިކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފައިވަނީ މިއަދު އެވެ.
އައްޑޫއަށް ގެންދަން 1.8 މެގަވޮޓުގެ ދެ ޖަނަރޭޓަރު ބޭރުން ގެނެސް މާލެ ބަނދަރުގައި ހުރި ކަމަށް ފެނަކައިން މީގެ ދެ ދުވަސް ކުރިން ބުނެފައިވެ އެވެ. އައްޑޫއަށް އެ ޖަނަރޭޓަރު ނުގެންދިޔައީ ކީއްވެ ކަމެއް ނޭނގެ އެވެ.
އެކަމާ ގުޅިގެން ސުވާލުކުރުމުން ފެނަކައިގެން މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އަދަދު އާ ވާހަކަދައްކަވަމުން ވިދާޅުވީ، މިވަގުތު އައްޑޫއަށް ގެންދަނީ ތިން ޖަނަރޭޓަރު ކަމަށާއި މާލޭ ބަނދަރުގައި ހުރި ކަމަށް ބުނި ދެ ޖަނަރޭޓަރު އަދިވެސް ހުރީ މާލޭގައި ކަމަށެވެ.
ވިޔަފާރި ބަނދަރުން ކްލިއަރެންސް ނިމުނު ނަމަވެސް އެ ދެ ޖަނަރޭޓަރު އައްޑޫއަށް ގެންދިއުން ލަސްވަނީ މޫސުން ގޯސްވުމުން ކަމަށާއި މޫސުން އަލިވިހާ އަވަހަކަށް ދެ ޖަނަރޭޓަރު ވެސް އައްޑޫއަށް ގެންދެވޭނެ ކަމަށް ނަޖާހު ވިދާޅުވި އެވެ.
މިއީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމަށް ކުރާ މަސައްކަތުގެ ބައެކެވެ. އެ ސީޓގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މި އަހަރު ތެރޭ ފަށާނެ ކަމަށް ފެނަކައިން މިއަދު ރައްޔިތުންގެ މަޖިލީހުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ނަޖާހު އެހެން ވިދާޅުވުމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ މި އަހަރު ބާކީ އޮތީ ދެ މަސްކަމުން، އެ ދެ މަސްދުވަހުގެ ތެރޭ އައު އިންޖީނުތަކެއް ގަންނަން ބަޔަކާ ހަވާލުކުރަނީތޯ ނުވަތަ ދިރާސާއެއް ކުރަން ހަވާލުކުރަނީތޯ ސުވާލުކުރައްވާފަ އެވެ.
ޖަވާބުގައި ނަޖާހު ވިދާޅުވީ ދިރާސާތައް މިހާރު ވެސް ހެދިފައިވާ ކަމަށާއި މި އަހަރު ފެށިގެންދާނީ ކަރަންޓު މައްސަލަ ހައްލު ކުރުމުގެ އަމަލީ މަސައްކަތް ކަމަށެވެ.
"ކޮންމެ ބަޔަކު ހަވާލުވިޔަސް އަޅުގަނޑުމެންނަށް އެ ބޭފުޅުންނަށް ދިރާސާތައް ހިއްސާކުރެވިގެން، ލަސްތަކެއް ނުވެ އަމަލީ މަސައްކަތް ފެށިގެންދާނެ. އެހެންވީމަ، އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށުން،" ނަޖާހު ވިދާޅުވި އެވެ.
އައްޑޫއަށް ގެންނަ ތިން ޖަނަރޭޓަރުގެ ތެރެއިން 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންގޮސްފި އައްޑޫއަށް ގެންނަ ތިން ޖަނަރޭޓަރުގެ ތެރެއިން 1.6 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ