ރުޅި ކޮންޓްރޯލް ނުކުރެވި ނުބައިބަސްތައްބުނެ ނުބައި ޢަމަލުތައް ކުރެވެނީ އެމީހަކާއެކުގައިވާ ރަޙްމަތުގެ މަލާއިކަތުން އެމީހަކު ދޫކޮށްލައްވަވައި ދުރަށް ވަޑައިގަންނަވާތީ!

ގިނަ ބައަކަށް ލިބޭ އެންމެ ބޮޑު ދެރައަކީ އެމީހަކާއިއެކުގައިވާ ރަޙްމަތުގެ މަލާއިކަތުން އެމީހަކު ދޫކޮށްލައްވަވައި ދުރަށް ވަޑައިގަންނަވާކަމެވެ. ފާފައެއް ކުރަން އުޅުނަސް އެންމެ ކުޑަކަމެއް ކަމަށް ގިނަ ބައަކު ދެކޭ ދޮގެއް ހަދަން އުޅުނަސް އެމީހަކު ދޫކޮށްލައްވައި ރަޙްމަތުގެ މަލާއިކަތުން ދުރަށް ވަޑައިގަންނަވާނެތެވެ. އަދި ރުޅި އައިސް ނުބައިބަސް ބުނާނަމަވެސް މެއެވެ.  
ބައެއް މީހުން ރުޅި އައުމުން ނުބައި ބަސްތައް ބުނެ، ހަރުކަށި ޢަމަލުތައް ކުރުމަށްފަހު އެކަންކަން ކުރެވުނީ އޭނާ ތިމާ ރުޅި އެރުވުމުން ކަމަށް އެބަ ބުނެއެވެ. މިއީ އެއްގޮތަކަށް ދެކޮޅު ޖެއްސޭނެ ވާހަކައެއް ނޫނެވެ. އެހެނީ އޭނާ ތިބާ ރުޅިއެރުވުމާއި ތިބާކުރި ކަންތަކާއި އެއީ މުޅީން ތަފާތު ދެކަމެކެވެ. އޭނާ ކުރިކަމެއް ކުރީއޭނާއެވެ. ތިބާ ކުރިކަމެއް ކުރީ ތިބާ އަމިއްލައަށެވެ.
މިބުނާ ވާހަކައަކީ މީހަކު ތިބާ ކިތަންމެ ވަރަކަށް ރުޅިއެރުވިނަމަވެސް ތިބާއަށް ނުބައިބަސްތައް ބުނެވެނީވެސް އަދި ނުބައި ޢަމަލުތައް ކުރެވެނީވެސް ތިބާގެ ކިބައިގައި އެސިފަތައް ހުރުމުންނެވެ. ނެތްނަމަ އެކަންކަމެއް ނުކުރެވޭނެއެވެ.  
ވީމާ ކުރަން އޮތް ކަމަކީ އޭނާ ކުށްވެރިކުރުމެއް ނޫނެވެ. ކާމިޔާބު ލިބޭނީ އޭނާ ކުރި ކަންކަން އޭނާއަށް ދޫކޮށްލައި ޙައްޤު މަގުގައި ޘާބިތުވާ މީހުންނަށެވެ. ތިމާގެ ނަފުސް ކޮންޓްރޯލްކޮށް ތިމާގެ ޢަމަލުތައް އިޞްލާޙްކުރާ މީހުންނަށެވެ.  
މިކަމަށް ވަރަށް ބޮޑަށް ހިތްވަރުލިބޭ ޙަދީޘްފުޅެއްވެސް ފާހަގަކޮށްލާނަމެވެ.  
އެއީ މީހަކު ނުބައި ަބސްތައް ބުނެ ރުޅި އަރުވަން މަސައްކަތްކުރިނަމަވެސް އެމީހާއަށް ރައްދުނުދޭހައި ހިނދަކު އެމީހާގެ ދިފާޢުގައި ﷲ ތަޢާލާ މަލާއިކަތުން ބައިތިއްބަވާނެ ކަމަށާއި ރައްދުދީފިނަމަ އެތަން ދޫކުރައްވަވައި މަލާއިކަތުން ދުރަށް ވަޑައިގަންނަވާނެ ކަމަށާއި އެއިރުން އެތަނުގައި ތިބޭނީ ޝައިޠޯނުންކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅެވެ.  
ތިބާ ރުޅިއަރުވަން މީހަކު ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ރައްދުނުދޭށެވެ! ތިބާއާއިއެކު ތިބާގެ ދިފާޢުގައި ﷲ ތަޢާލާ ބައިތިއްބަވާ މަލާއިކަތުން ތިބާ ދޫކުރައްވައި ދުރަށް ވަޑައިގަތަ ނުދޭށެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ