މީޑިއާ ނެތިކޮށްލާ ބިލާއި ދެކޮޅަށް އަޑުއުފުލަން ނޫސްވެރިން އެއްވަމުންދިޔަ މީޑިއާ ފެންޑާ މުއިއްޒު އުވާލައިފި މީޑިއާ ނެތިކޮށްލާ ބިލާއި ދެކޮޅަށް އަޑުއުފުލަން ނޫސްވެރިން އެއްވަމުންދިޔަ މީޑިއާ ފެންޑާ މުއިއްޒު އުވާލައިފި

މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އަޑުއުފުލަން ނޫސްވެރިން އެއްވަމުންދިޔަ ރައީސް އޮފީހުގެ ކުރިމަތީ މި ސަރުކާރުން ގާއިމު ކުރި މީޑިއާ ފެންޑާ އުވާލަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ފެންޑާ އުވާލީ ހުއްދަ ނުހޯދައި "ނޫސްވެރިންގެ ނަމުގައި" ބަޔަކު އެތަނަށް ވަދެ އުސާލާ ހިލާފު ކަންކަން ކުރަމުންދާތީ ކަމަށެވެ.
"ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ގަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި އާއްމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފު ކަމެއް،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
އަޑުއުފުލާތީ އެތަނުގެ ބޭނުން ހިފައި ބައެއް ނޫސްވެރިން ޝަކުވާ ކުރި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. ނަމަވެސް، މެއި 29، ގައި އެތަން ހުޅުވި ފަހުން މި ހަރަކާތްތަކާއި ޖެހެންދެން މީޑިއާ ފެންޑާ ހުރީ ފަޅަށެވެ. މުޒާހަރާތަކުގެ ތެރެއިން، އެތަނުގައި ނޫސްވެރިން މަސައްކަތް ވެސް ކުރި އެވެ.
މިނިވަން މީޑިއާ ނެތިކޮށްލުމަށް ސަރުކާރު އަޑީގައި އޮވެ ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލް" މަޖިލީހަށް ބަލައިގަތް ފަހުން ނޫސްވެރިން އެކި ދުވަސް މަތިން އެ ސަރަހައްދަށް އެއްވި އެވެ.
ފުރަތަމަ ދުވަހު މުޒާހަރާ ކުރި ނޫސްވެރިން ހައްޔަރުކުރި ނަމަވެސް ފަހުން ބޭއްވި އެއްވުންތަކަށް ފުލުހުން ހުރަހެއް ނާޅަ އެވެ. ސަބަބެއް ކަމުގައި ފުލުހުންނާއި ސަރުކާރުން ބުނަމުން ދިޔައީ މީޑިއާ ފެންޑާގައި އެކަން ކުރަމުން ދިޔުމެވެ.
ނޫސްވެރިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިސްނަގައިގެން ރޭ އާޓިފިޝަލް ބީޗުގައި "ހިޔާލާ ފިކުރު ކަފުނަށް" ނަމުގައި ފޯރަމެއް ވެސް ބޭއްވި އެވެ. އެ ފޯރަމުގައި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ