އިޒްރޭލްގެ އިންޓެލިޖެންސް އޭޖެންސީ މޮސާޑްއިން، ގަތަރުގައި ދިރިއުޅޭ ހަމާސް ލީޑަރުން އަވަހާރަކޮށްލުމަށް ރޭވި ބިމުގެ އޮޕަރޭޝަނެއް ހުއްޓުވާލިކަމަށް އެމެރިކާގެ މަޝްހޫރު ނޫހަކުން ބުނެފި އެވެ. މިގޮތަށް ނިންމީ ހޮސްޓެޖުން މިނިވަންވުމުގެ ފުރުސަތު ކުޑަވެ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ހުރަސްއެޅި، ގަތަރާއެކު އޮތް ގުޅުމަށް ގެއްލުން ލިބިދާނެތީކަމަށް ވޮޝިންގްޓަން ޕޯސްޓް ނޫހުގެގ ރިޕޯޓެއްގައި ބުނެފައިވެ އެވެ.
މިދިޔަ ހަފްތާތަކުގައި ދޯހާގައި ސިއްރު ބިމުގެ ހަމަލާއެއް ދިނުމަށް މޮސާޑްއިން ރާވާފައިވީ ނަމަވެސް، އެ އޭޖެންސީގެ އިސްވެރިޔާ ޑޭވިޑް ބާނެއާ މި އޮޕަރޭޝަން ކުރިއަށް ގެންދަން ހުއްދަނުދިންކަމަށް ވެއެވެ. މިއީ ގަތަރުގެ ސިޔާދަތަށް ބޮޑު އަރައިގަތުމަކަށްވެފައި، ގާޒާގައި ހިފެހެއްޓިފައިވާ ހޮސްޓެޖުން ދޫކޮށްލުމަށް މަސައްކަތްކުރަމުންދާ ގަތަރާއެކު އޮތް ގުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ އެވެ.
"އަޅުގަނޑުމެންގެ ސްޓޭންޑް ވަރަށް ސާފު؛ ހޮސްޓެޖުން ދޫކޮށްލުމުގެ ޑީލްއެއް މޭޒުމަތީގައި އޮތްއިރު، މަޝްވަރާތައް ކުރިއަށް ގެންގޮސް ނިންމަންޖެހޭ" މި މަޝްވަރާތަކާ ގުޅޭ އިސްރޭލުގެ އޮފިޝަލެއް ވޮޝިންގްޓަން ޕޯސްޓަށް ބުނެފައިވެ އެވެ. އިޒްރޭލްގެ ހޮސްޓެޖުންގެ މަޝްވަރާތަކުގެ ޓީމުގެ އިސްވެރިޔާ ނިޓްޒަން އަލޯން މި ބައްދަލުވުމުން އެއްކިބާކޮށްފައިވަނީ އޭނާ މިކަމާ ދެކޮޅުހަދާނެކަމަށް ބެލެވޭތީ އެވެ.
ބިމުގެ ހަމަލާއެއްގެ ބަދަލުގައި އިޒްރޭލުން ވަނީ ވައިގެ ހަމަލާއެއް ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިޒްރޭލްގެ އެއާ ފޯސްއިން ކަމަށްވާއިރު، މީގެ ކުރިން ތެހުރާނުގައި ހަމާސްގެ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމަށް ހިންގި އޮޕަރޭޝަނާ ޚިލާފަށް މި ފަހަރު މޮސާޑްގެ ސީދާ ބައިވެރިވުން ނެތެވެ.
"މި ފަހަރު އޭޖެންސީ ބިމުގައި މިކަން ކުރަން ބޭނުމެއްނުވި،" އިޒްރޭލުގެ މަސްދަރަކުން ވޮޝިންގްޓަން ޕޯސްޓަށް ބުނެފައިވެ އެވެ.
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުތަކުން ދައްކާގޮތުގައި އަށް އެފް-15 އަދި ހަތަރު އެފް-35 ފައިޓާ ޖެޓްތަކުން ރެޑް ސީގެ މަތިން ދޯހާއަށް ބެލިސްޓިކް މިސައިލްތައް ދޫކޮށްފައިވެ އެވެ. މި އޮޕަރޭޝަން އެހާ އަވަހަށް ހިންގާފައިވާތީ އެމެރިކާއަށް މަޢުއުލޫމާތު ދީފައިވަނީ މިސައިލްތައް ދޫކުރުމުގެ މިނެޓުތަކެއް ކުރިންކަމަށް ބުނެވެ އެވެ.
އަމާޒުކުރެވުނު ލީޑަރުން ސަލާމަތްވެފައި
މިހާތަނަށް ލިބިފައިވާ މައުލޫމާތުން ދައްކާގޮތުގައި އިޒްރޭލްގެ ހަމަލާއިން އަމާޒުކުރެވުނު އެއްވެސް ފަރާތެއް މަރުވެފައެއް ނުވެ އެވެ. ހުކުރުދުވަހު ހަމާސްއިން އިޢުއުލާންކޮށްފައިވަނީ އެ ޖަމާއަތުގެ އިސްވެރިއެއްކަމަށްވާ ޚަލީލް އަލް ހައްޔާ، އެ ހަމަލާގައި މަރުވި އޭނާގެ ދަރިފުޅު ހަމްމާމްގެ ކަށު ނަމާދުގައި ބައިވެރިވެފައިވާ ކަމަށެވެ.
ޚަލީލް އަލް ހައްޔާ ފެނުނުކަން ފޮޓޯ ނުވަތަ ވީޑިއޯއަކުން ޔަގީންކުރެވިފައި ނެތްނަމަވެސް، ހަމާސްއިން ބުނެފައިވަނީ އޭނާ "ޚާއްސަ ސެކިއުރިޓީ އިންތިޒާމުތަކެއްގެ" ދަށުން ކަށު ނަމާދުގައި ބައިވެރިވިކަމަށެވެ. އަމާޒުކުރެވުނު އިމާރާތުގައި ތިބިކަމަށް ބެލެވޭ ހަމާސްގެ އެއްވެސް ލީޑަރަކު ހަމަލާއަށްފަހު އާންމުކޮށް ފެނިފައެއްނުވެއެވެ.
ހަމާސްއާ ގުޅުންހުރި ފަލަސްތީނު މަސްދަރަކުން ބުނިގޮތުގައި ބައެއް ލީޑަރުންނަށް އަނިޔާވެފައިވީނަމަވެސް އެމީހުން ދިރިތިބިކަމަށް ބެލެވެ އެވެ. އިޒްރޭލްގެ އޮފިޝަލުން މިހާރު ބަލަމުން ގެންދަނީ އަމާޒުކުރެވުނު ފަރާތްތައް އިމާރާތުގެ އެހެން ބައެއްގައި ތިބުން އެކަށީގެންވާކަމަށެވެ.
މި އޮޕަރޭޝަނުން އިޒްރޭލްގެ ޑިފެންސް އަދި އިންޓެލިޖެންސް ލީޑަރޝިޕްގެ މެދުގައި ހުރި ބޮޑެތި ތަފާތުތައް ފާޅުވެގެންދިޔަ އެވެ. މޮސާޑް، އިޒްރޭލް ޑިފެންސް ފޯސަސްގެ ޗީފް އޮފް ސްޓާފް އީޔަލް ޒަމީރު، އަދި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޓްޒަޗީ ހަނެގްބީ އެންމެން އޮޕަރޭޝަން ފަސްކުރުމަށް ލަފާދިން ނަމަވެސް، ސިޔާސީ ޕްރެޝަރުގެ ސަބަބުން މި ހަމަލާ ކުރިއަށް ގެންގޮސްފައިވާކަމަށް ބެލެވެ އެވެ.
"އަޅުގަނޑުމެންނަށް އެމީހުން (ހަމާސްގެ ލީޑަރުން) އެކެއް، ދޭއް، ނުވަތަ ހަތަރު އަހަރު ފަހުންވެސް ހޯދިދާނެ، އަދި މޮސާޑަށް އެނގޭ އެކަން ކުރާނެގޮތް. ކީއްވެގެންތޯ މިހާރު މިކަން ކުރަންވީ؟" އިޒްރޭލުގެ މަސްދަރަކުން ބުނެފައިވެ އެވެ.
މި އޮޕަރޭޝަން ކާމިޔާބުވިކަމުގެ މާބޮޑު ހެކިތަކެއް ނެތްއިރު، މީގެ ސަބަބުން ހޮސްޓެޖުން ދޫކޮށްލުމާއި ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކަށް އިތުރު ހުރަސްތަކެއް ކުރިމަތިވެ، ހަމާސްއާއެކު މެދުވެރިއެއްގެ ދައުރު އަދާކުރަން ތައްޔާރަށް ތިބި މަދު ސަރަހައްދީ ފަރާތްތަކުގެ ތެރެއިން ގަތަރާއެކު އޮތް ނާޒުކު ގުޅުން ހީނަރުވެގެންދިއުމުގެ ނުރައްކާވެސް އެބައޮތެވެ.
ގަތަރުގައި ތިބި ހަމާސްގެ ލީޑަރުން އަވަހާރަކޮށްލުމަށް އިޒްރޭލުން އެންމެ ފުރަތަމަ ރޭވީ އެއްގަމު މަގުން ހަމަލާދީގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ