ޕީއެންސީގެ މާލޭ މޭޔަރުގެ ކެންޑިޑޭޓަކަށް މޫސާ އަލީ ޖަލީލު

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އެންމެ ބޭފުޅަކު ކުރިމަތިލެއްވުމުން، ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަށް އެ ކެންޑިޑޭޓްކަން ކަށަވަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ އެޕްރީލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެންޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީއަށް އެ ޕާޓީން މިދިޔަ މަހު ހުޅުވާލި މުއްދަތު އިއްޔެއަށް ވަނީ ހަމަވެފަ އެވެ. މި ޕްރައިމަރީއާ ގުޅޭ ގޮތުން މައުލޫމާތު ދޭން އެ ޕާޓީގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބޭއްވި އެވެ.
ތަފްސީލު - އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މި އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އަދި ޕީއެންސީގެ ޕާލިިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެއް ކަމަށެވެ.
"މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން މި ހުރީ އެއް ކެންޑިޑޭޓެއް. ދެން އަޅުގަނޑު ނުދެންނެވިޔަސް ތިބޭފުޅުންނަށް އެ ބޭފުޅާއަކީ އާ ނަމަކަށް ނުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ބައެއް ނޫސްތަކުގައި ވެސް އެބަހުރި ކަންނޭނގެ ލިޔުއްވާފައި ވެސް އެއީ ކޮން ބޭފުޅެއްކަން،" ވަކި ބޭފުޅެއްގެ ނަން ހާމަނުކުރައްވައި، ފަލާހު ވިދާޅުވި އެވެ.
ޕީއެންސީގެ ބައެއް މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި އެއީ ރިޓަޔާޑް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލެވެ.
ފަލާހު ވިދާޅުވީ ސުންގަޑި ހަމަވިއިރު އެ ޕާޓީގެ ޕްރައިމަރީއަށް 13،000އަށް ވުރެ ގިނަ މީހުން ކުރިމަތިލި ކަމަށެވެ. މިއީ މިހާތަނަށް ރާއްޖޭގައި ލޯކަލް ކައުންސިލް އިންތިހާބެއްގައި ޕާޓީއެއްގެ ޕްރައިމަރީއަކަށް މިހާ ގިނަ މީހުން ކުރިމަތިލި ފަހަރުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. 
ފަލާހު ވިދާޅުވި ގޮތުގައި ޕީއެންސީ ވެގެން ދާނީ ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ނެރޭނެ ޕާޓީއަށެވެ.
"މީގެ ކުރީގެ ކައުންސިލް އިންތިހާބުގައި އެއް ޕާޓީއަކުން އެންމެ މައްޗަށް ވެސް ނެރެފައިވަނީ، %80. މިފަހަރު ޕީއެންސީގެ ފަރާތުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ބަލާއިރު ގާތްގަނޑަކަށް %97އަށް އަރާ،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރައިމަރީއަށް އެހާ ބޮޑު ތަރުހީބެއް ލިބުމުން ދޭހަކޮށްދެނީ، "ޕާޓީއަށް ރައްޔިތުންގެ އޮތް ލޯތްބާއި އިތުބާރު" ކަމަށެވެ.
"އިންތިހާބުގެ ހުރިހާ މަސައްކަތެއް ވެސް ދާނީ، ދެފުށް ފެންނަ ގޮތަކަށް. ކެންޑިޑޭޓުންނަށް އިންސާފާއި ހަމަހަމަކަން ލިބޭ އިންތިހާބެއްގެ ގޮތުގައި ހުރިހާ ކަމެއް ވެސް ދާނީ،" ފަލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ހިންގާ އެއްވެސް ޕާޓީއަކަށް ކައުންސިލް އިންތިހާބެއް  މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނެތެވެ. ނަމަވެސް މިފަހަރު ޕީއެންސީން އެ ތާރީހު ބަދަލުކޮށް، ފުރަތަމަ ފަހަރަށް ސަރުކާރު ހިންގާ ޕާޓީއަކުން ކައުންސިލް އިންތިހާބު ކާމިޔާބުކުރާނީ ވެސް މިފަހަރު ކަމަށް އޭނާ ވިދާޅުވ ިއެވެ.
އިންތިހާބު އޮންނާނީ މި މަހު 27ގައި
ވޯޓުލުން އޮންނާނީ ހެނދުނު 9 އިން ހަވީރު 4އަށް
ވޯޓު ލެވޭނީ އެމީހަކު ނިސްބަތްވާ ރަށަކަށް
ވޯޓުލުމަށް ގެންދަން ޖެހޭނީ، އައިޑީ ކާޑު/ޕާސްޕޯޓު/ޑްރައިވިން ލައިސެން
ފާހަގަކޮށްލެވޭ ކަމެއް - މާލޭގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހު 30ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ