އެމެރިކާއަށް އެތެރެވުން މަނާ ލިސްޓަށް ސީރިއާއާއި ފަލަސްތީނުގެ ރައްޔިތުން ވެސް
ސީރިއާއާއި ފަލަސްތީނު ހިމެނޭހެން އިތުރު ފަސް ގައުމެއްގެ މީހުން އެމެރިކާއަށް އެތެރެވުން މަނާކޮށްފިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވާފައިވާ ރިޔާސީ ގަރާރަކުން ވައިޓް ހައުސްއިން އެކަން އިއުލާނު ކުރީ އިއްޔެއެވެ. އެ ދެ ގައުމުގެ އިތުރުން ޖުމްލަ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ޓްރަމްޕް ވަނީ ނިންމަވާފައެވެ. ޓްރަމްޕްގެ ނިންމެވުމާ ގުޅޭ ގޮތުން ވައިޓް ހައުސްއިން ބުނީ، އެމެރިކާއަށް އެތެރެވުން މަނާކޮށްފައި ވަނީ، އެމެރިކާއިން ގަބޫލު ކުރާ ފެންވަރަށް ނުފެތޭ ގައުމުތަކުގެ ރައްޔިތުންނަށް ކަމުގައެވެ. އަދި މިއީ އެމެރިކާގެ ސަލާމަތީ ކަންކަން ހިމާޔަތް ކުރުމަށް ނިންމެވި ނިންމެވުމެއް ކަމަށާއި އެކަމަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށްވެސް ވައިޓް ހައުސްއިން ބުންޏެވެ. އެމެރިކާއަށް އެތެރެވުން މަނާ ރައްޔިތުންގެ ލިސްޓަށް އިތުރުކޮށްފައިވަނީ ފަލަސްތީނާއި ސީރިއާގެ އިތުރުން ބުރްކިނާ ފާސޯ، މާލީ، ނައިޖާ އަދި ދެކުނު ސޫދާންގެ ރައްޔިތުންނެވެ. މީގެ އިތުރުން ބައެއް ފިޔަވަޅުތައް ކުރިންވެސް އަޅާފައިވާ ލާއޯސް އާއި ސިއެރާ ލިއޯންގެ މީހުންވެސް އެމެރިކާއަށް ވަނުން މަނާކޮށް، ނައިޖީރިއާ، ޓެންޒޭނިއާ އަދި ޒިމްބާބުވޭ ހިމެނޭ ގޮތަށް އިތުރު 15 ގައުމަކަށް ބައެއް ހުރަސްތައް އަޅާފައިވެއެވެ. އެ ގަރާރުގައި، އެމެރިކާއިން ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަ ފަލަސްތީނަށް އެ ގައުމުގެ ނަމުން ނަން ކިޔާފައި ނުވެއެވެ. އޭގެ ބަދަލުގައި ފަލަސްތީނު ސިފަކޮށްފައިވަނީ "ފަލަސްތީނުގެ އޮތޯރިޓީ ޑޮކިއުމަންޓްސް"ގެ ގޮތުގައެވެ. ފަލަސްތީނުގެ މީހުންނަށް އިޝާރާތްކޮށްފައިވަނީ "ފަލަސްތީނުގެ އޮތޯރިޓީން ދޫކުރާ ނުވަތަ އެންޑޯސްކޮށްފައިވާ ޓްރެވަލް ޑޮކިއުމަންޓްތަކުގައި ދަތުރުކުރަން މަސައްކަތްކުރާ ފަރުދުން"ގެ ގޮތުގައެވެ. ޓްރަމްޕްގެ ސަރުކާރުން ކުރިން ނެރުނު، އެމެރިކާއަށް ދަތުރުކުރުން މަނާ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާން، މިޔަންމާ، ޗާޑް، ރިޕަބްލިކް އޮފް ކޮންގޯ، އިކުއެޓޯރިއަލް ގިނީ، އެރިޓްރިއާ، ހެއިޓީ، އީރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަން ހިމެނެއެވެ. ފަލަސްތީނުގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރަން ނިންމިއިރު، އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ކޮންމެ ދުވަހަކު އެތައް ހަމަލާއެއް ދެމުންނެވެ. އަދި އެމެރިކާއަކީ އިސްރާއީލަށް ވާގިވެރިވަމުން، އެ ގައުމަށް މާލީ ގޮތުންނާއި އަސްކަރީ ގޮތުން އެހީވަމުން އަންނަ ގައުމެކެވެ. ސީރިއާގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކޮށްފައިވާއިރު، މިދިޔަ ނޮވެމްބަރު މަހު ސީރިއާގެ ރައީސް އަހުމަދު އަލް ޝަރާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ