އެމެޒޯނުން އޭއައިގެ ތަރުޖަމާ ޚިދުމަތެއް ތައާރަފުކޮށްފި

ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ކުންފުނި ކަމަށްވާ އެމެޒޯންއިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފޮތްތައް ތަރުޖަމާކުރުމުގެ އާ ޚިދުމަތެއް ކަމަށްވާ "ކިންޑްލް ޓްރާންސްލޭޓް" ތައާރަފުކޮށްފިއެވެ. މި ޚިދުމަތް ޚާއްޞަކޮށްފައި ވަނީ އެ ކުންފުނީގެ ކިންޑްލް ޑައިރެކްޓް ޕަބްލިޝިންގ (ކޭޑީޕީ) ޕްލެޓްފޯމް ބޭނުންކުރާ ލިޔުންތެރިންނަށެވެ. މިކަމުގެ ސަބަބުން ލިޔުންތެރިންނަށް އެމީހުންގެ އީ-ފޮތްތައް ފަސޭހަކަމާއެކު އެހެން ބަސްބަހަށް ބަދަލުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެއެވެ. https://sun.mv/213527 އެމެޒޯނުން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ވެބްސައިޓްގައި ވިއްކަން ހުންނަ ފޮތްތަކުގެ ތެރެއިން އެންމެ ފަސް އިންސައްތައަށްވުރެ މަދު ފޮތަކީ އެއްބަހަށްވުރެ ގިނަ ބަހުން ލިބެން ހުންނަ ފޮތްތަކެކެވެ. މި ޚިދުމަތުގެ މައިގަނޑު އެއް މަގުސަދަކީ މި އަދަދު އިތުރުކުރުމާއި، އަމިއްލަ ލިޔުންތެރިންނަށް ބައިނަލްއަގްވާމީ މާކެޓަށް ފަސޭހައިން ވަނުމުގެ ފުރުސަތު ހޯދައިދިނުމެވެ. ކޭޑީޕީ ލިޔުންތެރިންނަށް "ކިންޑްލް ޓްރާންސްލޭޓް" ގެ ޚިދުމަތް ފޯރުކޮށްދެނީ މުޅިން ހިލޭ ކަމަށް އެމެޒޯނުން ބުނެއެވެ. މި ޚިދުމަތް މިހާރު ހިނގަމުންދަނީ "ބީޓާ" ފޭސްއެއްގައި ކަމަށާއި، ހޮވާލެވޭ ބައެއް ލިޔުންތެރިންނަށް މިހާރުވެސް މި ޚިދުމަތް ބޭނުންކުރެވެން ފަށާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. ފުރަތަމަ މަރުހަލާގައި މި ޚިދުމަތުން ތަރުޖަމާކުރެވޭނީ އިނގިރޭސި ބަހާއި ސްޕެނިޝް ބަހުގެ އިތުރުން، ޖަރުމަނު ބަހުން އިނގިރޭސި ބަހަށެވެ. ލިޔުންތެރިންނަށް ކޭޑީޕީ ޕޯޓަލް މެދުވެރިކޮށް ތަރުޖަމާކުރުމުގެ ހުރިހާ ކަމެއް ބެލެހެއްޓުމުގެ އިޚްތިޔާރު ލިބިގެންދެއެވެ. އޭގެ ތެރޭގައި ތަރުޖަމާކުރަން ބޭނުންވާ ބަސް ހޮވުމާއި، ފޮތުގެ އަގު ކަނޑައެޅުމުގެ އިތުރުން، އޭއައިއިން ތަރުޖަމާކޮށްފައިވާ ފޮތް ޝާއިއުކުރުމުގެ ކުރިން ޕްރިވިއުކޮށް، ބޭނުންނަމަ އެޑިޓްކުރުމުގެ ފުރުސަތުވެސް ހިމެނެއެވެ. ޝާއިއުކުރުމުގެ ކުރިން، ތަރުޖަމާގެ ސައްހަކަން ކަށަވަރުކުރުމަށް އޮޓޮމެޓިކް ނިޒާމެއްގެ ދަށުން ޗެކްކުރެވޭނެ ކަމަށްވެސް އެމެޒޯނުން ވަނީ ބުނެފައެވެ. މީގެ އިތުރުން، މި ޚިދުމަތް ބޭނުންކޮށްގެން ތަރުޖަމާކުރާ ކޮންމެ ފޮތެއްގައި، އެއީ އޭއައި ތަރުޖަމާއެއްކަން އަންގައިދިނުމުގެ ގޮތުން "ކިންޑްލް ޓްރާންސްލޭޓް" ގެ ލޭބަލެއް ޖަހާނެއެވެ. މިގޮތަށް ތަރުޖަމާކުރެވޭ ފޮތްތައް "ކޭޑީޕީ ސެލެކްޓް" ޕްރޮގްރާމްގައި ބައިވެރިކޮށް "ކިންޑްލް އަންލިމިޓެޑް" ޚިދުމަތުގައި ހިމެނުމުގެ ފުރުސަތުވެސް ލިޔުންތެރިންނަށް ލިބޭނެއެވެ. އެމެޒޯނުން ވަނީ ކުރިއަށް އޮތް ތަނުގައި އިތުރު ބަސްތައް މި ޚިދުމަތަށް އިތުރުކޮށް، ޚިދުމަތް އިތުރަށް ފުޅާކުރާނެ ކަމުގެ އިޝާރާތެއް ދީފައެވެ. މިކަމުގެ ސަބަބުން، ދުނިޔޭގެ އެކި ބަސްބަހުން އޭއައި ގެ އެހީގައި ތަރުޖަމާކުރެވޭ ފޮތްތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ