މީހުން ބަދަލުކުރަން ނިންމި ހިރިމަރަދޫގައި ހަތަރު މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަން ހަވާލުކޮށްފި މީހުން ބަދަލުކުރަން ނިންމި ހިރިމަރަދޫގައި ހަތަރު މިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަން ހަވާލުކޮށްފި

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރަން މި ސަރުކާރުން ނިންމާފައިވަނިކޮށް، އެ ރަށުގައި ހަތަރު މިލިއަންނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުނި މެނޭޖުކުރާ ސެންޓަރެއް ގާއިމުކުރަން ބިލްޑްޓެކް ކުންފުންޏާ ހަވާލުކޮށްފި އެވެ.
ޖުމްލަ 4.10 މިލިއަން ރުފިޔާ ހަރަދުވާ އެ މަޝްރޫއު ބިލްޑްޓެކްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރީ، ބީލަމަށް ނުލައި ބަހާލި ސަރުކާރުގެ 206 ޕްރޮޖެކްޓުއް ހަވާލުކުރުމަށް ބާސެލޯ ނަސައްދުރާގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން މުހައްމަދު މުއިއްޒު ނިންމެވީ އެ ރަށުގެ ރައްޔިތުން އެކަމަށް އެދުމުން މިދިޔަ ފެބްރުއަރީ މަހު އެވެ.
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް، ހަނިމާދޫގައި ގެތައް އެޅުމުގެ މަޝްރޫ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ މިދިޔަ އޮގަސްޓް 24، ގައި ވަނީ ހަވާލުކޮށްފަ އެވެ.
އެޗްޑީސީއައެކު ސޮއިކުރި ދުވަހު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ މުނިސިޕަލް މަސައްކަތް ހިމެނޭހެން މި މަސައްކަތް ނިންމައި 18 މަސް ދުވަހުގެ ތެރޭގައި ހިރިމަރަދޫ ރައްޔިތުންނާއި ހަވާލުކުރެވޭނެ ކަމަށެވެ. ހިރިމަރަދޫގައި މިވަގުތު 150 އަށްވުރެ ގިނަ ގޯތި ދޫކޮށްފައި އެބަ އޮތެވެ.
ގޯއްޗާއެކު މިހާރު އުޅެމުންދާ ގެތަކުގެ ބަދަލުގެ ގޮތުގައި ވެސް ދައުލަތުން ފައިސާ ދޭނެ ކަމަށާއި އެ އަދަދު އިތުރުވާނެހެން މިހާރު ބަދަލުދެމުންދާ އުސޫލު މުރާޖައާ ކުރައްވާނެ ކަމަށް ވެސް މުއިއްޒު އޭރު ވިދާޅުވި އެވެ.
ބޯހިމެނުން 2022 އިން ދައްކާ ގޮތުގައި ހިރިމަރަދޫގައި ދިރިއުޅެނީ 260 މީހުންނެވެ. ތައުލީމީ ގޮތުން ގުރޭޑު 10 އާއި ހަމައަށް އެރަށުގައި ކިޔަވާދޭއިރު، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް އެރަށުން އަންނަނީ ވާދަކުރަމުންނެވެ.
ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން އެދޭތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ