ހަނގުރާމަމަތީ މަތިންދާބޯޓު އުފުލުމަށް ޗައިނާއިން މިހާތަނަށް ތައްޔާރުކުރި އެންމެބޮޑުމަނަވަރު "ފުޖިއާން" ރަސްމީކޮށް ހިދުމަތަށް ނެރެފިއެވެ.
ޗައިނާއިން މި މަނަވަރު ހިދުމަތަށް ނެރެފައިވަނީ ހައިނާންގެ ސަންޔާ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކަށްފަހުއެވެ. މި ރަސްމިއްޔާތުގައި ރައީސް ޝީޖިންޕީގެ އިތުރުން ވެރިން ބައިވެރިވިއެވެ. ފުޖިއާން މި މަނަވަރަކީ ޗައިނާގެ ނޭވީގެ ގާބިލްކަން އިތުރުކުރުމަށް ރައީސް ޝީޖިންޕިން ގެންގުޅުއްވާ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ޕްރޮޖެކްޓެވެ.
ފުޖިއާން މި މަނަވަރަކީ އެމެރިކާއިން ގެންގުޅޭ ޔޫއެސްއެސް ގެރަލްޑް އާރް ފޯޑާ އެއްހަމައެއްގައި ހިފަހައްޓާލުމުގެ ގާބިލުކަން ލިބިގެންވާ މަނަވަރެއްކަމަށް ޗައިނާގެ މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ. އެގޮތުން ފުޖިއާން މި މަނަވަރުގައިވެސް މަތިންދާބޯޓު އުދުއްސާލުމުގައި އެމެރިކާއިން ގެންގުޅޭ އެންމެފަހުގެ ޓެކްނޮލޮޖީ ހިމަނާފައިވާކަމަށް ސަރުކާރު މީޑިއާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން މި މަނަވަރުގައި އެންޓިޝިޕް މިސައިލް ސިސްޓަމެއްވެސް ވަނީ ގާއިމްކޮށްފައެވެ.
ފުޖިއާން
ފުޖިއާންއަކީ 1،036 ފޫޓު ދިގު، 249 ފޫޓު ފުޅާ މަނަވަރެކެވެ. މި މަނަވަރުގައި އެއްފަހަރާ 50 ހަށްވުރެ ގިނަ މަތިންދާބޯޓު އުފުލޭއިރު، ފުލް ލޯޑުގައި 85 ހާސް ޓަނު އުފުލެއެވެ.
ޗައިނާއިން މި މަނަވަރު ބަނުމުގެ މަސައްކަތް ފަށާފައުވަނީ 2022 ވަނަ އަހަރެވެ. މަނަވަރު ބަނުމުގެ މަސައްކަތް ނިންމައި އެންމެ ފުރަތަމަ ޓެސްޓްދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. ޓެސްޓްކުރުމުގެ ގޮތުން 8 ދަތުރުކޮށްފައިވާއިރު، ދަތުރުތައް ނިންމައި މަނަވަރު ސަންޔާއަށް އައިސްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
ފުޖިއާންއަކީ ޗައިނާގެ އަސްކަރިއްޔާއިން ހިދުމަތަށް ނެރުނު މިފަދަ ތިންވަނަ މަނަވަރެވެ. ޗައިނާއިން ބޮޑު މަނަވަރެއް ހިދުމަތަށް ނެރެފައިމިވަނީ ޗައިނާ/ޓައިވާން މަޝްރަހް ވަރަށް ގޯސްވެފައިވާ ދުަވސްވަރެއްގައެވެ. މީގެ އިތުރުން ޗައިނާ އާއި އެމެރިކާ އާ ދެމެދު އަސްކަރީގޮތުންވެސް މި ފަހަކަށް އައިސް ވާދަވެރިކަން ބޮޑުވެފައިވާކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ހަނގުރާމަމަތީ މަތިންދާބޯޓު އުފުލަން ޗައިނާއިން ތައްޔާރުކުރި ބޮޑު މަނަވަރު ހިދުމަތަށް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ